Advertisement

ބެންޒެމާގެ ހެޓްރިކުން ބާސެލޯނާ ކަޓުވާލައި ރެއާލް ފައިނަލަށް

6 އޭޕްރީލް 2023 - 05:46 0

ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.


ބެންޒެމާގެ ހެޓްރިކުން ބާސެލޯނާ ކަޓުވާލައި ރެއާލް ފައިނަލަށް

6 އޭޕްރީލް 2023 - 05:46 0

ބާސެލޯނާ (އޭޕްރީލް 6) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ ކަރީމް ބެންޒެމާގެ ހެޓްރިކާ އެކު 4-0 އިން މޮޅުވެ، ބާސެލޯނާ ކަޓުވާލުމަށް ފަހު ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެެވެ.

މީގެ މަހެއްހާ ދުވަސްކުރިން ރެއާލް ދަނޑުގައި ކުޅުނު ކޮޕަ ޑެލް ރޭ ސެމީ ފައިނަލް ފުރަތަަމަ ލެގުގައި ބާސެލޯނާ އިން 1-0 އިން ރެއާލް ބަލިކޮށް ފައިނަލަށް ދިއުމުގެ އިތުބާރު ހޯދި އެވެ. އެކަމަކު، ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ރެއާލުން މެޗުގެ ކޮންޓްރޯލް ނަގައި، ތަފާތު މޮޅަކާ އެކު ފައިނަލަށް ދިޔަތަނެވެ.

އަންނަ މަހު ހަ ވަނަ ދުވަހު ކުޅޭ ސްޕެނިޝް ކަޕް ފައިނަލުގައި ރެއާލް ކުޅޭނީ އޮސަސޫނާއާ އެވެ.

ބާސެލޯނާ ދަނޑުގައި ރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އެ ޓީމުގެ ގަވީ ނެގި ހުރަހެއް ދިފާއުކުރުމުގައި ރެއާލްގެ އެޑޮއާޑޯ ކަމަވިންގާ ވަނީ ހުށިޔާރުކަން ދައްކައިފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ރަނގަޅު ހަމަލާއެއް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައުންޓަ އެޓޭކަކުން ރެއާލަށް މެޗުގައި ލީޑުނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ބެންޒެމާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވިނީޝިއުސް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ބާސެލޯނާގެ ފުލްބެކް، ޖޫލްސް ކޫންޑޭ ފައިގައި ޖެހިފަ އެވެ. މިއީ މި ސީޒަނުގައި ވިނީޝިއުސްގެ 20 ވަނަ ގޯލެވެ.

ރެއާލުން ވަނީ ދެ ވަނަ ހާފުގައި ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ބެންޒެމާގެ ގޯލުން ލީޑުފުޅާކޮށްފަ އެވެ. ލޫކަ މޮޑްރިޗް ދިން ބޯޅަ އޭރިއާރޮނގުކައިރިން ބެންޒެމާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ އަށް މިނިޓް ފަހުން، ޕެނަލްޓީ އަކުން ބެންޒެމާ ދެ ވަނަ ގޯލު ޖެހި އެވެ. މިއީ، ބާސެލޯނާގެ ފްރޭންކް ކެސިއޭ އޭރިއާތެރެއިން ރެއާލްގެ ވިނީޝިއުސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ޖެހިޖެހިގެން ދެ ވަނަ މެޗުގައި ހެޓްރިކް ހެދި ބެންޒެމާ ރޭގެ މެޗުގައި ހެޓްރިކް ފުރިހަމަ ކުރި ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ބެންޒެމާ މި ގޯލު ޖެހީ ވިނީޝިއުސް ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.

ބެންޒެމާ އަކީ ފެރެންކް ޕުސްކަސް އަށް ފަހު ބާސެލޯނާ ދަނޑުގައި ހެޓްރިކް ހެދި ރެއާލްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.