Advertisement

ފަޒީލް އާއި ރިއްފަތު، ގައުމީ އެތުލެޓިކްސް ޓީމުގެ އިންޑިއާ ޓްރެއިނިން ކޭމްޕާ ގުޅެނީ

5 އޭޕްރީލް 2023 - 13:13 0

އެސޯސިއޭޝަން ޗެމްޕިއަންޝިޕް އިވެންޓްތަކެއްގެ ތެރެއިން ރިއްފަތު (ކ) އާއި ފަޒީލް.--- ފޮޓޯ: އަދަދު


ފަޒީލް އާއި ރިއްފަތު، ގައުމީ އެތުލެޓިކްސް ޓީމުގެ އިންޑިއާ ޓްރެއިނިން ކޭމްޕާ ގުޅެނީ

5 އޭޕްރީލް 2023 - 13:13 0

ދާދި ފަހުން ނިމިދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ތަފާތު ދެއްކި ދެ އެތުލީޓުން ކަަމަށްވާ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި އާދަމް ރިއްފަތު، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވާ ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހިމެނި އިންޑިއާ ކޭމްޕާ މިއަދު ގުޅޭނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

ދާދި ފަހުން ނިމުނު އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި، ދިވެހި ސިފައިންގެ ކްލަބްގެ ފަޒީލް ވަނީ، އެ މުބާރާތުގެ 800 އާއި 1500 މީޓަރު އަދި 5000 މީޓަރު ދުވުމުން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ސާއިދު ސްޕޯޓްސްގެ ކުރިއެރުން ހޯދަމުން އަންނަ އެތުލީޓު، ރިއްފަތަކީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ދެ ސްޕްރިންޓު ރޭސް، 100 އާއި 200 މީޓަރު ރޭހުގެ އެއް ވަނަ އެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުރިން ފަޒީލް ވަނީ ނަސީރު ސްޕޯޓްސް އެކެޑަމީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްރީ ލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އައިއޯއައިޖީ އަށް ބޮޑު ސްކޮޑެއް އެކުލަވާލައިފަ އެވެ. އެއީ، ރިލޭ ޓީމާއި، އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 27 ދުވުންތެރިން މި ސްކޮޑުގައި ހިމެނޭ ގޮތަށެވެ.

އެ ގޮތުން، އައިއޯއައިޖީގެ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނޭ 15 ފިރިހެން ދުވުންތެރިންނަކީ ހަސަން ސާއިދު، އިބާދުﷲ އާދަމް، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު މިންހާލް ޝާމިން، ހުސައިން ޒީކް ސުއާދު، އަހުމަދު ނަޖުދާން އަބްދުﷲ، ޒުއިޒް މުހައްމަދު ސުއާދު، ނުޖޫމް ހަސަން، ރިފްއަތު، ހުސައިން ރިޒާ (ކުޑަ ރިޒާ)، އަހުމަދު ވިސާމް، ފަޒީލް، މުހައްމަދު އިރުފާން، އަބްދުއްރަޝީދު އިސްމާއިލް (ރައްޓު) އަދި ޔޫސުފް އިބްރާހިމް އެވެ.

މި ދުވުންތެރިންގެ ތެރެއިން އިބާދުﷲ އާއި މިންހާން ތަމްރީން ހަދަމުން އަންނަނީ ޖެމެއިކާގަ އެވެ. އިބާދުﷲ އަކީ ޔޫތު މިނިސްޓްރީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓްރެއިނިން ހަަދަމުން އަންނަ އެތުލީޓެކެވެ. މިންހާލް ހުރީ ބީއެމްއެލްގެ ސްކޮލަޝިޕެއްގަ އެެވެ. ސާއިދު، ނަޖުދާން، ޒީކް، ޒިއުޒް އަދި ރައްޓު އަންނަނީ އިންޑިއާ ކޭމްޕްގައި ޓްރެއިނިން ކުރިއަށްގެންދަމުންނެވެ.

ވިސާމް އާއި ފަޒީލް ލަންކާގައި ޓްރެއިނިން ކުރިއަށްގެންދިޔައިރު، ފަޒީލް މިއަދު އިންޑިއާ ކޭމްޕާ ގުޅޭނެ އެވެ.

އައިއޯއައިޖީ އަށް އެކުލަވާލި އަންހެން ސްކޮޑުގައި ހިމެނެނީ 12 އަންހެން ދުވުންތެރިންނެވެ. އޭގެ ތެރޭގައި މި ވަގުތު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އައިޝަތު ހިމްނާ ހަސަން އާއި މަރިޔަމް ރޫޔާ އަލީ ހިމެނެ އެވެ. ދެން ހިމެނެނީ ޒިވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، އަހުނާ ނިޒާރު، އާމިނަތު ލަޔާނާ މުހައްމަދު، މަރިޔަމް އަލްހާ ހުސައިން، އައިޝަތު ޝަބާ ސަލީމް، ހައްވާ މުޒުނާ ފާއިޒު، އާމިނަތު ޖައިޝާ ޖުނީޒް، މަރިޔަމް އަބްދުލްކަރީމް އަދި ސަމްހާ އަހުމަދު އެވެ.

މީގެ ތެރެއިން ގިނަ އަންހެން އެތުލީޓުން އަންނަނީ އިންޑިއާ އިން ދިން ފުލްޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި ބައިވެރިވަމުންނެވެ. ހިމްނާ 2024 ޕެރިސް އޮލިމްޕިކްސްކޮލަޝިޕެއްގައި ހުރިއިރު، ރޫޔާ ހުރީ ބީއެމްއެލްގެ ސްކޮލަޝިޕެއްގަ އެވެ.

ޖަރުމަނުގައި ދިރިއުޅުނު ނަމަވެސް ޝަމްހާ އަންނަނީ ކޯޗު ނަަސްރުގެ އިރުޝާދަށް ޓްރެއިނިން ކުރިއަށްގެންގޮސް މުބާރާތްތަކުގައި ވާދަކޮށް، ގައުމީ ރެކޯޑްތަކެއް ހަދަމުންނެވެ.

އިންޑިއާ ހައި ކޮމިޝަނުން ދިން ފުލްޓައިމް ސްކޮލަޝިޕެއްގައި ބެންގަލޫރުގައި ޓްރެއިނިން ހަދަމުން އަންނަ ގައުމީ އެތުލީޓުން ވަނީ ދާދި ފަހުން ކެރަލާގައި ބޭއްވި އިންޑިއަން ގްރޯން ޕްރީގެ 1 އާއި 2 ގައި ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.