Advertisement

ފްރައިބާގުން ޖަރުމަނު ކަޕް ކުއާޓާ ފައިނަލުން ބަޔާން ކަޓުވާލައިފި

5 އޭޕްރީލް 2023 - 05:28 0

މެޗުން މޮޅުވި ޕެނަލްޓީ ޖެހުމަށް ފަހު ފްރައިބާގް ކުޅުންތެރިން އުފާފާޅުކުރަނީ.


ފްރައިބާގުން ޖަރުމަނު ކަޕް ކުއާޓާ ފައިނަލުން ބަޔާން ކަޓުވާލައިފި

5 އޭޕްރީލް 2023 - 05:28 0

މިއުނިކް (އޭޕްރީލް 5) - ފަހު ވަގުތު ގޯލު ޖަހައި، ފްރައިބާގުން ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލުގައި 2-1 އިން ބަޔާން މިއުނިކް ބަލިކޮށް، އެ ޓީމު މުބާރާތުން ކަޓުވާލައިފި އެވެ.

މިއީ ދާދި ފަހުން ބަޔާން ކޯޗަކަށް ގެނައި ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ 4-2 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބަޔާން އިން ވަނީ އަލުން ޖަރުމަނު ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ.

އެކަމަކު، ދެ ވަނަ މެޗުގައި ރޭ ބަލިވެ، ޖަރުމަނު ކަޕުން ކަޓައި، ޓުޗެލްގެ ބަޔާން މި ވަނީ "ހަމަބިމަށް" އަތުވެފަ އެވެ.

"ތެދެއް އަހަރެން އައިއިރު ޓާގެޓަކީ ހުރިހާ މުބާރާތެއްގެ ތަށި، އެކަމަކު، ޖަރުމަނު ކަޕް ތަށްޓެއް ދެން ނުލިބޭނެކަން މި އޮތީ ޔަގީންވެފައި. ދެން ފޯކަސް ކުރަންވީ ދެން ހުރި ޓާގެޓްތަކަށް،" ޑޯޓްމަންޑަށް 2017 ވަނަ އަހަރު ޖަރުމަނު ކަޕް ކާމިޔާބު ކޮށްދިން ޓުޗެލް ބުންޏެވެ.

ބަޔާން ދަނޑުގައި ރޭގެ މެޗު ފަށައިގެން ލެރޯއި ސާނޭ ޖެހި ޝޮޓެއް ވަނީ ދަނޑިކައިރިން ގޮސްފަ އެވެ. ބަޔާނުން ލީޑުނެގީ 19 ވަނަ މިނިޓްގައި ޑަޔޫޓް އުޕަމެކާނޯ ޖެހި ގޯލުންނެވެ. ޔޯސުއާ ކިމިކްގެ ކޯނަރަކުން އުޕަމެކާނޯ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 27 ވަނަ މިނިޓްގައި ފްރައިބާގްގެ ނިކޮލަސް ހޮފްލާ ވަނީ މޮޅު ގޯލެއް ޖަހައި، އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މިއީ އޭރިއާބޭރުން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ހޮފްލާ ޖެހި ގޯލެކެވެ.

ފުރަތަމަ ހާފުގައި އަލުން ބަޔާނަށް ލީޑުނަގައިދޭން މަތައިސް ޑި ލިޓް އާއި ތޯމަސް މުލާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. ދެ ވަނަ ހާފުގައި ބަޔާންގެ ބެންޖަމިން ޕަވާޑް ބޮލުން ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އަދި މި ހާފުގައި ބަޔާންގެ ސާޖް ގްނާބްރީ އާއި ޖާއޯ ކަންސޭލޯ ޖެހި ހަމަލާތަކުން ވެސް ގޯލެއް ނުޖެހުނެވެ.

ފްރައިބާގް މެޗުން މޮޅުވީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ކާމިޔާބުކުރި ޕެނަލްޓީންނެވެ. ބަޔާންގެ ޖަމާލް މުސިއާލާ އަތުގައި ޖެހުނު ބޯޅައަކަށް ދިން ޕެނަލްޓީ ލޫކަސް ހޮއެލާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ޖަރުމަނު ކަޕްގެ އެންމެ ފަހުން ތިން ސީޒަނުގެ މުބާރާތުގައި ވެސް ބަޔާނަށް ކުއާޓާ ފައިނަލް ފަހަނައަޅައި ދެވޭގޮތެއްނުވި އެވެ.