11 މާރިޗު 2025 - 23:18 0
11 މާރިޗު 2025 - 23:18 0
ބާސެލޯނާ (މާޗް 12) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ނަތީޖާ ނެރެ ބަޔާން މިއުނިކާއި އިންޓަ މިލާން، ޕީއެސްޖީ އަދި ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި ހަތަރު ޓީމުގެ ތެރެއިން ފުރަތަމަ ލެގުގައި ބަލިވެގެން ނަތީޖާ އަނބުރާލި ޓީމަކީ ޕީއެސްޖީ އެވެ. ޕީއެސްޖީ ދަނޑުގައި އެ ޓީމު ލިވަޕޫލް އަތުން 1-0 އިން ބަލިވި ނަމަވެސް، މިރޭގެ މެޗުގައި ލިވަޕޫލް ދަނޑުގައި 1-0 އިން މޮޅުވެ، ޕީއެސްޖީން ވަނީ މެޗު ޕެނަލްޓީ އަށް ގޮސްގެން ކާމިޔާބު ހޯދައިފަ އެވެ. ޕެނަލްޓީގައި ޕީއެސްޖީ މޮޅުވީ 4-1 އިންނެވެ.
ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ކުޅުނު ލެގުގައި ބެންފީކާ އަތުން 3-1 އިން މޮޅުވި އެވެ. އިންޓަ އިން 2-1 އިން ފެޔަނޫޑް ބަލިކުރިއިރު، ބަޔާ ލެވަކޫސަން އަތުން ބަޔާން މޮޅުވީ 2-0 އިންނެވެ.
ލިވަޕޫލްގެ ދަނޑުގައި އެ ޓީމުން ރަނގަޅު ކުޅުމަކުން ފެށި ނަމަވެސް، މުހައްމަދު ސަލާހަށް ގޯލު ޖަހަން ލިބުނު ދެ ފުރުސަތުގެ ބޭނުން ނުހިފުނެވެ. އެކަމަކު، ޕީއެސްޖީ އަށް ލިބުނު ފުރުސަތުގައި އޮސްމާން ޑެމްބެލޭ ވަނީ ގޯލު ޖަހައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ބާކީ ބަޔާއި އިތުރު ވަގުތުގެ ދެ ހާފުގައި ލަނޑެއް ނުޖެހި ޕެނަލްޓީ އަށް ދިޔައިރު، ޕެނަލްޓީގައި ލިވަޕޫލުން ޕެނަލްޓީ ކާމިޔާބުވީ ސަލާހަށެވެ. އެ ޓީމުގެ، ޑާވިން ނޫނޭޒް އާއި ކާޓިސް ޖޯންސް ޖެހި ޕެނަލްޓީތައް ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. ޕީއެސްޖީން ހަތަރު ޕެނަލްޓީ ވެސް ވައްދާލި އެވެ. ޑެމްބެލޭ އާއި ވިޓީނިއާގެ އިތުރުން ދެން ޕެނަލްޓީތައް ޖެހީ، ގޮންޒާލޯ ރާމޯސް އާއި ޑެޒެއާ ޑޫއޭ އެވެ.
ބާސެލޯނާ ދަނޑުގައި އެ ޓީމުން ރަފީނިއާގެ ގޯލުން ލީޑުނަގާފައިވަނިކޮށް، ނިކޮލަސް އޮޓަމެންޑީ ވަނީ ބެންފީކާ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ލަމީން ޔަމާލް ޖެހި ހިތްގައިމު ގޯލުން ބާސެލޯނާ އިން އަލުން ލީޑުނެގިއިރު، ރަފީނިއާ އިތުރު ގޯލެއް ޖަހައި އެ ޓީމަށް ނަތީޖާ ނެރެން ފަސޭހަކޮށްދިނެވެ.
ބަޔާނުން ވާދަވެރި ލެވަކޫސަން ބަލިކުރިއިރު، ލަނޑުތައް ޖެހީ، ދެ ވަނަ ހާފުގައި ހެރީ ކޭން އާއި އަލްފަންސޯ ޑޭވީސް އެވެ. އިންޓަ އިން ފެޔަނޫޑް އަތުން މޮޅުވިއިރު، ގޯލުތައް ޖެހީ މާކަސް ތުރާމްގެ އިތުރުން ހަކަން ޗަނޮނޯލޫ ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. ފެޔަނޫޑްގެ ހަމައެކަނި ގޯލު ޖެހީ، ޕެނަލްޓީ އަކުން ޔަކޫބް މޯޑާ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment