Advertisement

ރިޔާސީ އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ހަންޏެއް ނުވޭ

5 އޭޕްރީލް 2023 - 10:11 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ރިޔާސީ އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ހަންޏެއް ނުވޭ

5 އޭޕްރީލް 2023 - 10:11 0

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އަދި ގިނަ ޕާޓީ ހިމެނޭ ރިޔާސީ އިންތިހާބު 2008 ވަނަ އަހަރު ބާއްވަން ފެށި ފަހުން، ނޫސްވެރިންނަކީ އިންތިހާބުތަކުގައި މުހިންމު ދައުރެއް އަދާ ކުރާ ބަޔެކެވެ.

ރިޔާސީ ކެންޑިޑޭޓުން އެބޭފުޅުންގެ ވާދަވެރިކަމުގެ ތެރޭގައި، އިންތިހާބު ދުވަހު އެދެވޭ ނަތީޖާއެއް ނެރުމަށް ފުރާނަ ދޭން ވެސް ތައްޔާރަށް ތިއްބަވާއިރު، އެ ދުވަހު ވޯޓަށް މަކަރު ހަދާތޯ ބެލުމާއި، އެ ދުވަހު ފައިސާ އާއި ނުފޫޒު ބޭނުން ކުރޭތޯ ބެލުމާއި، އަދި ވޯޓު ދިނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދެވޭކަން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްބަޔަކީ ނޫސްވެރިންނެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނާ ހަމައަށް އެންމެ ފުރަތަމަ އިވެނީ ވެސް އިލެކްޝަންސް ކޮމިޝަނުގެ ބަދަލުގައި މީޑިއާގެ ފަރާތުންނެވެ.

އެ މަސައްކަތުގައި މީޑިއާގެ ދައުރު މިހާރު އަމަލުކުރަމުން އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި އޮންނައިރު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ އެ މާއްދާތަކަށް ބައެއް ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އޮތީ ހުށަހެޅިފަ އެވެ. މި އިސްލާހުތައް ހުށަހެޅުނު ވަގުތާއި، އެ އިސްލާހުތަކާމެދު ވާހަކަތައް ދެކެވުނު ގޮތުގެ ސަބަބުންކަމަށްވިޔަސް، އެ އިސްލާހުތަކާމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތީ އުފެދިފަ އެވެ.

ގާނޫނަށް ހުށަހެޅި ބަދަލުތަކާއެކު ދިވެހިރާއްޖޭގައި ހިންގާ ނޫސްވެރިންގެ މައި ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ އެ އިސްލާހުތަކުގެ ސަބަބުން ހުރިހާ ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތާއި ހައްގު ގެއްލޭ ކަމަށެވެ. ނަމަވެސް، އެ އިސްލާހުތައް ގެންނަން ބޭނުންވާ އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ އޭގެ ބޭނުމަކީ ފުރުސަތު ހަނިކުރުން ނޫން ކަމަށާއި ބޭނުމަކީ ފުރުސަތު އިތުރަށް ހުޅުވާލުން ކަމަށެވެ. ހުށަހަޅާފައިވާ އިސްލާހުތަކާއި، މިހާރު ގާނޫނުގައި އޮތްގޮތް ކިޔާލުމުން، އިލެކްޝަންސްގެ ބުނުން ރަނގަޅުކަމަށް ބުރަވެވެ އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

އިލެކްޝަންސް ކޮމިޝަނުން އިސްލާހު ކުރަން ބޭނުންވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 41 ވަނަ މާއްދާ އެވެ. ފުރަތަމަ މަލްޓި-ޕާޓީ އިންތިހާބު ބޭއްވުމުގެ ކުރިން 2008 ގައި ފާސް ކުރި އިންތިހާބުތަކާ ބެހޭ ގާނޫނުގެ އެ މާއްދާގައި ފަސް އަކުރެއް އޮވެ އެވެ. މުޅި މާއްދާގެ ސުރުހީއަކީ "މޮނީޓާކުރުން" އެވެ.

އިލެކްޝަންސް ކޮމިޝަނުން އިސްލާހު ކުރުމަށް ބޭނުން ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 41 ވަނަ މާއްދާގެ ހ. އާއި ށ. އެވެ. އެ ދެ މާއްދާގައި މިހާރު އޮތީ:

(ހ) ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓާރުކުރުމަށް ވޯޓުލާ ސަރަހައްދުތަކުގައި އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށެވެ.

(ށ) ވޯޓުނަގާ ދުވަހުގެ 10 ދުވަސް ކުރިން އެރަށެއްގައި ނުވަތަ އެސަރަހައްދެއްގައި ނުވަތަ އެތަނެއްގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓަރީ ކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރުފަތުރާ ކޮންމެ އިދާރާއަކުން ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކުރަންވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އެ ދެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވާ އިބާރާތްތަކުގައި ބުނަނީ:

(ހ) ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނީޓާ ކުރުމަށް ވޯޓުލާ ސަރަޙައްދުތަކުގައި އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ، ރަޖިސްޓަރީކޮށްފައިވާ ނޫސްވެރިންނަށް.

(ށ) މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓަރީކޮށްފައިވާ ނޫސްވެރިންނަށް ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތުކުރުމަކާ ނުލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ.

މައިގަނޑު ބަދަލުތައް

އިންތިހާބުތަކާ ބެހޭ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅަން ބޭނުންވާ ފުރަތަމަ އިސްލާހުގައި ބަދަލުވެފައި ވަނީ މައިގަނޑު ގޮތެއްގައި އެންމެ ބަހެކެވެ. އިންތިހާބުތަކާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގެ ހ. ގައި މިހާރު ބުނަނީ ވޯޓު ގުނާ ސަރަހައްދު މޮނީޓާ ކުރެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ "ރިޕޯޓަރުންނަށް" ކަމަށެވެ.

ކޮމިޝަނުން ބޭނުންވަނީ "ރިޕޯޓަރު" އެ ބަސް ކަނޑާލުމަށްފަހު "ނޫސްވެރިން" އެ ބަސް ހިމެނުމަށެވެ. ގެންނަން ބޭނުންވާ އިސްލާހުގައި ނޫސްވެރިން ކަމަށް މާނަކޮށްފައި އޮތީ ރަޖިސްޓްރީވެގެން ހިންގާ ނޫސްތަކުގެ ނޫސްވެރިން، ފޮޓޯގްރާފަރުން އަދި ވީޑިއޯގްރާފަރުންނެވެ.

ދެވަނައަށް ކޮމިޝަނުން އިސްލާހު ކުރަން ބޭނުންވާ ނުކުތާގައި މިހާރު ބުނަނީ، ވޯޓު ގުނާ ކޮންމެ ސަރަހައްދެއް މޮނީޓާ ކުރުމަށް، ހަބަރުފަތުރާ ކޮންމެ އިދާރާއަކުން އެކަކަށްވުރެ އިތުރުނުވާ ގޮތަށް ހުއްދަ ދޭންޖެހޭނެ ކަމަށެވެ.

އެ މާއްދާއަށް ދެ ތިން ބަދަލެއް ގެންނަން ކޮމިޝަނުން ބޭނުންވެ އެވެ. އެގޮތުން، ކޮމިޝަނުން ހުއްދަ ދޭންޖެހޭނީ ތަފާތު ކުރުމެއް ނެތި ކަމަށް އިސްލާހުގައި ބުނެ އެވެ. އަދި ކޮންމެ ނޫސް އިދާރާއަކުން ގިނަވެގެން އެކަކަށް ހުއްދަ ދެވޭ އުސޫލު ބަދަލުކޮށް އާ އިސްލާހުގައި ބުނަނީ، ވޯޓު ގުނާ މަރުކަޒެއްގައި ކޮންމެ ނޫހަކުން ތިބެވޭނެ އަދަދު ކަނޑައަޅަންޖެހޭނީ ގަވާއިދަކުން ކަމަށެވެ.

ނޫސްވެރިންގެ ޖަމިއްޔާގެ ކަންބޮޑުވުމާއި ހައްލު

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ އިސްލާހުތައް އާންމުކުރުމާއެކު އެކަމަށް އެންމެ ދެކޮޅު ހެދި ބަޔަކީ ނޫސްވެރިންގެ ޖަމިއްޔާ އެވެ. އެ ޖަމިއްޔާގެ މައިގަނޑު ކަންބޮޑުވުމަކީ އިންތިހާބު މޮނީޓާ ކުރުމުގެ ފުރުސަތު ލިބޭނީ "ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް" ކަމަށް ބުނާތީ އެވެ.

އެ ޖަމިއްޔާއިން ބުނަނީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުގެ ސަބަބުން ދެ ހައްގެއް ގެއްލޭނެ ކަމަށެވެ. އެއީ ފްރީލާންސް ނޫސްވެރިން ނުވަތަ ވަޒީފާގައި ނުއުޅެ ނޫސްތަކަށް ހަބަރު ވިއްކާ މީހުންނަށް އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ގެއްލުމާއި ބޭރުގެ މީޑިއާތަކަށް ވެސް އެ ފުރުސަތު ގެއްލުމެވެ. މި އިސްލާހާ ގުޅިގެން އެ ޖަމްއިއްޔާއިން އެހެން ބުނިނަމަވެސް، މިހާރު އަމަލުކުރަމުން ގެންދާ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި މިހާރުވެސް އޮތީ 'ރަޖިސްޓަރީ ކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރުފަތުރާ ކޮންމެ އިދާރާ' މިހެންނެވެ. އެހެންވީމާ، އެކަމުގައި މިހާރު ހުށަހެޅިފައިވާ އިސްލާހާ ގުޅިގެން އަންނާނޭ ބަދަލެއް ނެތެވެ.

"މި ޖަމިއްޔާއިން ދެކޭ ގޮތުގައި ރިޔާސީ އިންތިހާބު ފަދަ މުހިންމު އިންތިހާބެއް ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މި ގެންނަ ބަދަލު މި ޖަމިއްޔާއިން ސިފަ ކުރަނީ އިންތިހާބު ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި،" މާޗް 16، ގައި އެ ޖަމިއްޔާ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި އޮވެ އެވެ.

އޭގެ ތެރެއިން ބޭރުގެ ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ގެއްލޭ މައްސަލައަށް، ޖަމިއްޔާއިން ބަޔާން ނެރުނު ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހައްލެއް ގެނެސްފަ އެވެ. ބޭރުގެ ނޫސްތަކުން އިންތިހާބު ކަވަރު ކުރުމުގެ އުސޫލަކާއެކު އެ ފުރުސަތު މާޗް 25، ގައި ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.

ޖަމިއްޔާއިން ދެވަނައަށް ފާހަގަ ކުރާ މައްސަލައަކީ ކޮމިޝަނުން ގެންނަން ބޭނުންވާ އިސްލާހުގެ ސަބަބުން ފްރީލާންސް ނޫސްވެރިންނަށް ފުރުސަތު ގެއްލުމެވެ.

ފްރީލާންސް ނޫސްވެރިންނަކީ މިވަގުތު ރާއްޖޭގައި ރެގިއުލޭޓް ކުރާ ބައެއް ނޫނެވެ. ފްރީލާންސް ނޫސްވެރިކަމާ ގުޅޭ އުސޫލެއް މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގައި ވެސް ނޯވެ އެވެ. އެކަމަކު، މީޑިއާ ކައުންސިލުން މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ނޫސްވެރިންގެ ދަފްތަރުގައި ފްރީލާންސް ނޫސްވެރިން ވެސް ހިމަނަން އޮތީ ނިންމައިފަ އެވެ.

"ފްރީލާންސް ނޫސްވެރިންނަކީ ކޮބައިތޯ ކަނޑައަޅާނެ ވަކި އުސޫލެއް މިހާރަކު ނޯންނާނެ. އެކަމަކު، ނޫސްވެރިންގެ ދަފްތަރުގެ ޑްރާފްޓުގައި އޮންނާނެ ފްރީލާންސް ނޫސްވެރިންނަށް ވެސް ފުރުސަތު ދީފަ،" މީޑިއާ ކައުންސިލްގެ މެމްބަރު މޫސާ ރަޝީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ދަފްތަރު، އެކަމާ ގުޅޭ އުސޫލަކާއެކު އެކުލަވާލުމުގެ މަސައްކަތް ކުރާއިރު މިހާރު އޭގެ ޑްރާފްޓު އޮތީ އެޑިޓަރުން ފާޑުކިޔުމަށް ފޮނުވައިފަ އެވެ. ކައުންސިލުން ލަފާ ކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި އެ ނޫސްވެރިންގެ ދަފްތަރު އާންމު ކުރެވޭނެ ކަމަށެވެ. އެހެންކަމުން، ފްރީލާންސް ނޫސްވެރިންނަކީ ވެސް ރެގިއުލޭޓް ކުރެވޭ ބަޔަކަށްވުމަށް އޮތީ ކުޑަދުވަސްކޮޅެކެވެ.

ފްރީލާންސް ނޫސްވެރިންނަކީ ރެގިއުލެޓަރީ ބޮޑީއަކުން ބަލައިގަނެފައިވާ ބަޔަކަށްވާ ނަމަ އެއީ ވެސް ރަސްމީ ނޫސްވެރިންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނެ ކަމުގެ ޔަގީންކަން "އަދަދު" އާ ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ސެކެރަޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ދެއްވި އެވެ.

"ހަމަ ކޮންމެ މީހަކަށް، މަގުމަތީގައި ހުރެފައި ތިމަންނާއަކީ ފްރީލާންސް ނޫސްވެރިއެކޭ ބުނެފަ ފާސް ހޯދާ އުސޫލަކުން އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވޭނެ. ފްރީލާންސް ނޫސްވެރިޔާ ވާންޖެހޭނީ ރެގިއުލެޓަރީ ބޮޑީއަކުން ބަލައިގެންފައި ހުރި މީހަކަށް ވާން. އެހެންވެއްޖެއްޔާ އެއީ ރަސްމީ ނޫސްވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަންނާނަން،" ހަސަން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކަވަރު ކުރަން ނޫސްވެރިންނަށް ހުރަސްއެޅޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެނެސްފި ނަމަ އެއީ މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ. އިންތިހާބުގެ މިނިވަންކަމާއި ހުޅުވާލެވިފައި އޮތް މިންވަރާމެދު ވެސް އެއިރުން ސުވާލު އުފެދޭނެ އެވެ. އެކަމަކު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިހާރު ހުށަހަޅާފައިވާ ދެ އިސްލާހުގެ ސަބަބުން ނޫސްވެރިންނަށް އޮތް ފުރުސަތު ކުރިއަށްވުރެ ވީ އިތުރެވެ.