Advertisement

"ފެގު" ބުއިން ހުއްޓާލަން އެންމެ ފަސޭހަގޮތް!

3 އޭޕްރީލް 2023 - 08:00 1

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


"ފެގު" ބުއިން ހުއްޓާލަން އެންމެ ފަސޭހަގޮތް!

3 އޭޕްރީލް 2023 - 08:00 1

ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ބައެއް ސިނގެރޭޓު ބުއިން ހުއްޓާލަން މަސައްކަތްކުރެ އެވެ. މި ދެވި ހިފުމުން ތާ އަބަދަށް ސަލާމަތްވުމަށެވެ. ނަމަވެސް މީގެ ތެރެއިން ގިނައީ މި މަގުސަދު ހާސިލު ނުވާ މީހުންނެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެމީހުންނަށް ގޯސްކޮށް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟

މައްސަލައަކީ މަސައްކަތްކުރާ ގޮތެވެ. ގިނަ މީހުން ސިނގެރޭޓު ބުއިން ހުއްޓާލަން ބޭނުންކުރާ އުކުޅުތައް ބިނާވެފައިވަނީ އެންމެ ސައްހަ މައުލޫމާތުތަކުގެ މައްޗަކަށް ނޫނެވެ. އެގޮތުން ސިނގެރޭޓުގެ އިތުރުން އެޑިކްޝަންގެ ހަގީގަތް ފަހުމުނުވެ ހުއްޓާލަން މަސައްކަތްކުރުމަކީ ފުރަތަމަ ހެދޭ ގޯހެވެ. މުޖުތަމައުގެ ބޯދާ ހިޔާލުތަކުގެ ސަބަބުން އަހަރުމެންނަށް ގަބޫލުކުރެވިފައި ވަނީ ސިނގެރޭޓު ބުއިން ހުއްޓާލުމަކީ ބުރަ އަދި ތަކުލީފު ބޮޑު ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ހަގީގަތަކީ މިކަންކަން މަސައްކަތް ކުރާ ގޮތް ފަހުމުވުމުން ސިނގެރޭޓު ބުއިން ހުއްޓާލުމަކީ ފެންތައްޓެއް ބޯލުންހާ ފަސޭހަކަމެކެވެ. ހައިރާންނުވާށެވެ. އަދި މި ލިޔުމުގެ ކުރިއަށް ހުރި ބައިތަކަށް ކެއްތެރިވެރިލާށެވެ.

ސިނގެރޭޓުން ހާސިލްވަނީ ކޮންކަމެއް؟

ސިނގެރޭޓު ބޯ މީހަކަށް ވެއްޖެއްޔާ އެކަން ހުއްޓާލާނެ ގޮތާއި ބެހޭ ގޮތުން މިހާރު ވާނީ އެތައް ވާހަކައެއް އަޑު އިވިފަ އެވެ. ގިނަ މީހުން ބުނާ ގޮތުގައި މިކަން ބަރޯސާ ވަނީ އަމިއްލަ ނަފުސުގެ ބާރު ފޯރުވުމުގެ ކުޅަދާނަކަން ހުރި މިންވަރެއްގެ މައްޗަށެވެ. އެކަމު ސިނގެރޭޓު ބޯ އެތައް ބައެއް އެމީހުންގެ ދިރިއުޅުމުގެ އެހެން ކަންކަން ނުލާހިކު ފުރިހަމަޔަށް އެބަކުރެ އެވެ. އަމިއްލަ ނަފުސަށް ބާރު ފޯރުވަން ޖެހޭ އެތައް ކަމެކެވެ. އެހެން ކަމުން މިއީ އެންމެ ސައްހަ މައުލޫމާތަކަށް ނުވާނެތާ އެވެ.

ހަގީގަތަކީ ސިނގެރޭޓު ބޯ މީހުންނަށް ވެސް އެކަމަކީ ރަނގަޅު ކަމެއް ނޫންކަން ނުވަތަ ގޯސް ކަމެއްކަން އެނގޭ ކަމެވެ. ތިއީ ސިނގެރޭޓު ބޯ ފަރާތެއް ނަމަ މި ސުވާލުތަކަށް ޖަވާބެއް ދޭށެވެ. އެންމެ ފުރަތަމަ ސިނގެރޭޓެއް ބުއި ދުވަސް ހަނދާން އެބަ ހުރި ހެއްޔެވެ؟ ގިނަ ބައެއްގެ ޖަވާބަކަށް ވާނީ އާނއެކޭ ކަން ކަށަވަރެވެ. ދެން އަޅެ ބުނެބަލާށެވެ. އުމުރު ދުވަހު ސިނގެރޭޓު ބޯން ނުވަތަ ސިނގެރޭޓު ބުއިމަކީ އާދައަކަށް ހަދަން ނިންމި ދުވަހަކީ ކޮބައިހެއްޔެވެ؟ ތިއީ ސިނގެރޭޓު ބޯ މީހުންގެ ތެރެއިން 99 އިންސައްތައިގެ މީހެއް ނަމަ މި ސުވާލަށް އެދެވޭ ޖަވާބެއް ނުދެވޭނެކަން ކަށަވަރެވެ. ކީއްވެހެއްޔެވެ؟

ގަބޫލުކުރަން ބޭނުން ނުވިކަމުގައި ވިޔަސް ހަގީގަތަކީ އެޑިކްޓް ވުމެވެ. ސިނގެރޭޓު ބޯ ބައެއް މީހުން ހުއްޓާލަން އުޅެނީ އެވެ. އަދި އަނެއް ބައި މީހުން ދުވަހަކުވެސް ހުއްޓާނުލާނެ ކަމަށް ބުނެ އެވެ. ނަމަވެސް މި ދެބައި މީހުންނަށް އެކަމާއި ދުރަށް ދިޔުމަށް ހުރަސް އަޅާނީ އެއް ސަބަބެކެވެ، ބިރެވެ.

އެކަމު ބިރު ގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟ ބިރު ގަންނަނީ ސިނގެރޭޓު ހުއްޓާލައިފި ނަމަ އެޔަށް ފަހު ދިރިއުޅުމުގައި ކުރަން ޖެހިދާނެ ތަހައްމަލުދެކެ އެވެ. ހެނދުނު ހޭލާ "މޯނިން ކަނޑާނުލެވެއްޖިއްޔާ" ކުރިމަތިލާ ދުވަހުގެ ބުރަކަމާއި މެދު އެވެ. ރައްޓެހިންނާ ދިމާވެ ކޮފީއަކަށް އެރުމުން އެމީހުން ސިނގެރޭޓު ބޯ އިރު ނުބޮއެ އިނދެއްޖެނަމަ އިހުސާސްވާނެ ބާކީ ކަމާ މެދު އެވެ. އަދި މި ނޫނަސް ސިނގެރޭޓު ބޯ އެކި ވަގުތުތަކުގައި ލިބުނު "ހިތްހަމަޖެހުން" ގެއްލިދާނެތީ އެވެ. ނަމަވެސް މިއީ އަހަރުމެންގެ ސިކުނޑިއަށް އަންނަ ހިޔާލުތަކެއް ނުވަތަ ދުލުން ބުނާ ބަސްތަކެއް ނޫނެވެ. ނަމަވެސް ސިނގެރޭޓު ބޯ ކޮންމެ މީހެއްގެ ވެސް އަނދިރި ސިކުނޑީގައި ނުވަތަ "ސަބްކޮންޝިއަސް" ގެ އަޑީގައި ކަޝްފުވެފައި ހުރި ބިރުތަކެކެވެ.

ބިރު ނުގަންނާށެވެ. ސިނގެރޭޓު ބުއިން ހުއްޓާލުމަކީ ތި ހީކުރާހާ ބުރަ ކަމެއް ނޫނެވެ. އެއްވެސް ވިތްޑްރޯވަލް ސިޕްޓޮމްއެއް ނެތި ނުވަތަ "ޑާކް" ނުވެ މިކަން ނިންމާލެވިދާނެ އެވެ. މިކަމުގެ ފުރަތަމަ ފިޔަވަޅަކީ ސިނގެރޭޓު ބޯ ސަބަބާއި މެދު ސުވާލު އުފައްދާ ނަފުސަށް ތެދުވެރި ޖަވާބެއް ދިނުމެވެ.

ސިނގެރޭޓު ބޯ ސަބަބާއި މެދު ސުވާލުކޮށްފިނަމަ ގިނަ މީހުންގެ ޖަވާބަކަށް ވާނީ އެކަމުން ހަމަޖެހުމެއް ލިބުމެވެ. ނުވަތަ ސްޓްރެސް ފިލާ ކަންކަމަށް ސަމާލުކަން ދޭން ފަސޭހަވުމެވެ. ހަގީގަތަކީ ސިނގެރޭޓުން މިއިން އެއްވެސް ކަމެއް ނުކޮށްދޭ ކަމެވެ. ސިނގެރޭޓު ބުއިމުން ކުރެވޭ މިފަދަ އިހްސާސްތަކަކީ އަހަރެމެންނަށް އޭގެން ދައްކާ ދަޅައކެވެ. އަވާ މެންދުރެކެވެ.

ވިސްނާލާށެވެ. ސިނގެރޭޓެއް ބޯން "ޖެހެނީ" އެޔަށް ބޮވައިގަތުމުންނެވެ. މަގުމަތީ ބަހުންނަމަ "ޑާކް" ވުމުންނެވެ. މިހެން ވުމުން ސިނގެރޭޓެއް ބޯން ބޭނުންވަނީ އެވެ. އަދި ނުބޮވި ލަސްވާވަރަކަށް އުނދަގޫ ވަނީ އެވެ. ނަމަވެސް މި އުނދަގޫ މިއަންނަނީ ކޮންތާކުން ހެއްޔެވެ؟ އަދި އެއްފަހަރު ވިސްނާލާށެވެ. ސިނގެރޭޓު ނުބޯ މީހުން "ޑާކް" އެއް ނުވެ އެވެ. މިކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟

ސިނގެރޭޓު ބޯ މީހުން އޭގެން ލިބޭ ކަމަށް ދައުވާކުރާ ހިތްހަމަޖެހުމާއި އަރާމު ލިބެނީ، ދެންމެ ބުނި ފަދައިން "ޑާކް" ވެފަ ހުއްޓާ އެ ބޯލުމުންނެވެ. އެކަމު ހަގީގަތަކީ މި "ޑާކް" ވެސް އަންނަނީ ސިނގެރޭޓުން ކަމެވެ. މިކަމަށް އެހީތެރިވަނީ ސިނގެރޭޓުގައި ހިމެނޭ "ނިކޮޓިން" މާއްދާ އެވެ.

ނިކޮޓިންނަކީ އެޑިކްޓިވް މާއްދާ އެއްކަން ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. ނަމަވެސް މި މާއްދާ މަސައްކަތް ކުރާ ގޮތަށް ބަލާލަމާ ހެއްޔެވެ. ހަށިގަނޑަށް ނިކޮޓިން ވަންނުމަށް ފަހު މާއްދާގެ އަސަރު ހަށިގަނޑުން މަދުވާ ވަރަކަށް އިތުރަށް މި މާއްދާ ހަށިގަނޑަށް ވެއްދުމަށް އެކި އުކުޅުތައް ބޭނުންކުރެ އެވެ. އެގޮތުން ބަނޑުހައި ކަހަލަ އިހުސާސެއްކުރެވެ އެވެ. މީގެ އިތުރުން އިންސާނާގެ އިހްސާސްތައް ވެސް މިކަމަށް ބޭޏުންކުރެ އެވެ. މިސާލަކަށް ކަންކަމާއި ރުޅި އައިސް އެ ރުޅިން ސިނގެރޭޓު ބުއިމަށް މަގުފަހިކޮށްދެ އެވެ. ހަމަޖެހިލުމަށެވެ. މި ފަދައިން ހަށިގަނޑު ނިކޮޓިންއަށް އެދި އެދި ވަނިކޮށް ނިކޮޓިން ލިބުމުން "ހަމަޖެހެ" އެވެ. ހިނދުކޮޅަކަށެވެ. އަނެއްކާވެސް މާއްދާގެ އަސަރުކު ކެނޑެން ފަށާއިރަށް "ޑާކް" ވެ އެވެ.

މިއީ ބުރެއް ވަށާ އެނބުރުން ފަދަ ކަމެއް ނޫންހެއްޔެވެ. ސިނގެރޭޓާއި ދުރަށް ދެވޭނީ މި ބުރަށް ހުރަސް އަޅައިގެންނެވެ. އެހެން ނަޒަރަކުން މިކަމަށް ބަލާލަމާ ހެއްޔެވެ. ތަސައްވުރުކޮށްލާށެވެ. ތިބާއަށް މީހަކު ބޫޓެއް ދީފި އެވެ. ނަމަވެސް ބޫޓަށް އެރުމުން ބޫޓު ބާރުކަމުން ފަޔަށް ތަދު އިހުސާސްވެ އެވެ. މި ތަދުން ސަލާމަތްވުމަށް ބޫޓު ބޭލުމުން ފަޔަށް ބޮޑު އަރާމެއް ލިބިއްޖެ އެވެ. އެހެންވެ މިއަރާމު ހޯދަން އަނެއްކާވެސް ބޫޓަށް އެރީ އެވެ. އަރާފަ ބޭލި އެވެ. އަނެއްކާ ވެސް އެއްކަލަ އަރާމު ވެއްޖެ އެވެ. ސިނގެރޭޓު ބުއިމަކީ ވެސް މިފަދަ ކަމެކެވެ. އަމިއްލައަށް ވިސްނާލާށެވެ. ބޫޓު ބޭލުމުން ލިބޭ އަރާމު ހޯދުމަށް ބާރު ބޫޓަކަށް އެރުމަށް ވުރެ ރަނގަޅު ވާނީ ކޮންގޮތެއް ހެއްޔެވެ؟ ޔަގީނެވެ. ބޫޓަށް ނޭރުމެވެ.

ސިނގެރޭޓު ބުއިން ހުއްޓުމަކީ ވާ ގުރުބާނީއެއް ނޫން

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސިނގެރޭޓު ބުއިން ހުއްޓުމަށް ކަންތައް ކުރަން ޖެހޭ ގޮތަކީ، ސިނގެރޭޓު ބޯ ހިތް ކެނޑެން ދެން ނުބޮއެ ހުރުމެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރާނަމަ ކަމެއް ގުރުބާން ކުރުމުގެ އިހުސާސްވާނެ އެވެ. ނަތީޖާއަކީ ބުރަކަމަކަށް ވުމެވެ. ނަމަވެސް ސިނގެރޭޓު ނުބޮވޭނެ ކަން ނަފުސަށް ހަނދާންކޮށް ދީދީ ހުރުމަށް ވުރެ ބޯން ބޭނުންނުވުން މާ ރަނގަޅެއް ނޫން ހެއްޔެވެ.

ސިނގެރޭޓު ނުބުއިމުން ލިބޭ މާލީ އަދި ސިއްހީ ފައިދާތަކަށް ސަމާލުކަން ދިނަސް މިކަމަކީ ވެސް ދަތިކަމަކަށް ވެދާނެ އެވެ. މި ވާހަކަތައް އަހަރުމެންގެ ސިކުނޑީގައި ތަކުރާރުކޮށްކޮށް ހުއްޓަސް ހިތް އެދޭނީ ސިނގެރޭޓެއް ބޯލުމަށެވެ. އަދި މި ގޮވުންތަކަށް ތަބާވުން ވަރަށް ގާތެވެ.

ބައެއް މީހުން ސިނގެރޭޓު ބުއިން ހުއްޓުމަށް ކަމަށް ބުނެ އަޅާ އަނެއް ފިޔަވަޅަކީ ބޯ މިންވަރު މަދުކުރުމެވެ. ނަމަވެސް ވަކި ހާއްސަ ވަގުތުތަކެއްގައި ސިނގެރޭޓު ބުއިމުން ވެސް އެކަމާއި އެ ގުޅުވެނީ އިތުރު ކަންކަމެވެ. އަދިވެސް އެޑިކްޓް ވެފައި ހުރުމުން އާންމުކޮށް ސިނގެރޭޓު ބޯ މިންވަރަށް ވުރެ މަދުން ބޮވޭތީ ވެސް ސްޓްރެސްވެ އެވެ. އަދި ވިތްޑްރޯވަލްގެ އަސަރުތައް މާ ފާޅުކަންބޮޑުވެ އެވެ. ބޯ މިންވަރު މަދުކުރުމުން ސިނގެރޭޓު ބޯން ބޭނުންވާވަރު ކުޑައެއް ނުވެ އެވެ. ވަނީ އިތުރެވެ.

އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީފިނަމަ ދުވަހެއް ދެ ދުވަހެއް ސިނގެރޭޓެއް ނުބޮއެ ހުރުމަކީ ދަތި ކަމެއް ނޫނެކެވެ. ނަމަވެސް މަދުކުރިއެއް ކަމަކު ސިކުނޑީގެ ސަމާލުކަން ވާނީ ސިނގެރޭޓުގައި ހަރުލާފަ އެވެ. އަދި ހުއްޓުމަކީ ބުރައެއްގޮތަށް ސިފަ ކުރެވޭނެ އެވެ. ސިނގެރޭޓު ބުއިން ހުއްޓުމަށް ކުރަންޖެހޭ ކަމަކީ ނަފްސުގެ މައްޗަށް ގަދަބާރު ފޯރުވުމެއް ނޫނެވެ. ނަމަވެސް ސިނގެރޭޓާއި ބެހޭގޮތުން އަހަރުމްނެގެ ސިކުނޑި ދޮވެވިފައިވާ ގޮތް ދެނެގަނެ އެ ގަބޫލުކުރުންތަކުން ސިކުނޑި މިންޖު ކުރުމެވެ.

ސިނގެރޭޓު ބުއިން ހުއްޓާލަން ދަތީ ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ސަބަބުން

ސިނގެރޭޓު ބުއިމަކީ ހަމައެކަނި އާދައެއް ނޫނެވެ. އެއީ ނިކޮޓިންއަށް ވެފައިވާ އެޑިކްޝަން އެކެވެ. އަދި މި އެޑިކްޝަން މަސައްކަތްކުރާ ގޮތް އެނގުމަކީ ފަސޭހަކަމާއެކު ސިނގެރޭޓު ބުއިން ހުއްޓާލަން އެޅޭ ފުރަތަމަ ފިޔަވަޅެވެ. ނިކޮޓިން އަކީ އެޑިކްޓިވް މާއްދާއެއްގެ އިތުރުން ވިހަ އެއްޗެކެވެ. ސިނގެރޭޓު ބޯ ވަގުތު ހަށިގަނޑަށް ވަން ނިކޮޓިން ނާރަކަށް އިންޖެކްޓްކޮށްފިނަމަ ވަގުތުން މަރުވާނެ އެވެ.

ނިކޮޓިންގެ ސަބަބުން ފަސޭހައިން އެޑިކްޓް ވިޔަސް އެހެން ޑްރަގް ތަކާ އަޅާބަލާ އިރު މީގެ އެޑިކްޝަންގެ އަލާމާތްތައް ފެންނަލެއް ކުޑަ އެވެ. ނިކޮޓިން އަށް ހަށިގަނޑު އެދޭ އެދުން އިހްސާސްވަނީ ޖިސްމާނީ ތަދަކުން ނޫނެވެ. ނަމަވެސް ކޮންމެސް އެއްޗެއް ނުވަތަ ކަމެއް މަދުވާ ކަމުގެ އިހުސާސުންނެވެ. ނިކޮޓިން ވަނުމާއެކު މި ހުސްކަން ފިލައިގެން ދެ އެވެ. އަދި އަނެއްކާވެސް އިރުކޮޅެއް ފަހުން ހުސްކަމުގެ އިހުސާސްކުރެވެ އެވެ.

ނަމަވެސް އެންމެ ފަހު ސިނގެރޭޓަށް 3 ހަފްތާ ވާ ފަހުން ނިކޮޓިންގެ 99 އިންސައްތަ ހަށިގަނޑުން ފިލައިގެން ދާނެ އެވެ. އަދި ޖިސްމާނީ ގޮތުން ނިކޮޓިންއަށް އެދޭ އެދުމުން މިންޖުވީ އެވެ. ނަމަވެސް މީގެ ފަހުން އަނެއްކާ ވެސް ގިނަ މީހުން ސިނގެރޭޓު ބޯން ފަށަނީ ކީއްވެހެއްޔެވެ؟

ސަބަބަކީ މުޖުތަމައު އާއި ރައްޓެހިންގެ ވާހަކަތަކުން އަހަރުންގެ ސިކުނޑިދޮވެވިފައިވުމެވެ. އާންމު މުޖުތަމައުގެ އިތުރުން ފިލްމުތަކުގައި ސިނގެރޭޓު ބުއިމަކީ "ކޫލް" ކަމެއްގެ ގޮތުގައި ސިފަކޮށްދެ އެވެ. އޭގެ އިތުރުން ސިނގެރޭޓު ބުއިން ހުއްޓާލުމަކީ ބުރަކަމެއްގެ ގޮތުގައި މީހުން ދައްކާ ވާހަކަތަކެވެ. ނަމަވެސް ސިނގެރޭޓު ބުއިން ހުއްޓާލަން ބުރަވަނީ މިފަދަ ވާހަތައް ގަބޫލުކުރާނަމަ އެވެ.

ގިނަ ބަޔަކު ސިނގެރޭޓު ބޯ ސަބަބެއް ކަމަސް ދެކެނީ ފޫހިކަމާއި ސްޓްރެސް ފިލުވާލާ ހަމަޖެހުމަށެވެ. ނަމަވެސް މިއީ ވެސް ސިކުނޑި ދޮވެވި ގަބޫލުކުރެވޭ ގަބޫލުކުރެވުންތަކެކެވެ.

ސިނގެރޭޓު ބުއިމުން ލިބޭ ފައިދާތަކަކީ އަވާމެންދުރެއް

ސިނގެރޭޓާއި މެދު ކޮންމެ ގޮތަކަށް ދެކުނަސް ހަގީގަތަކީ އެ ބުއިމުން ލިބޭ އެއްވެސް ފައިދާއެއް ނެތ ކަމެވެ. ލިބޭ ކަމަށް ގަބޫލުކުރެވޭ ހަމަޖެހުމާ އަރާމަކީ އަހަރުމެންގެ އެޑިކްޝަންގެ ސަބަބުން އެދޭއެދުން ފުއްދުމުން ލިބޭ ހިތްހަމަޖެހުމެވެ. އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމީހުންގެ ދިރިއުޅުން ބުރަ އެވެ. ނުވަތަ ސްޓްރެސްފުލް އެވެ. އެހެންކަމުން ސިނގެރޭޓު ބުއިމުގެ އާދައިން މިކަމަށް ލުޔެއް ލިބެ އެވެ. ނަމަވެސް ސިނގެރޭޓެއް ބުއިމުން އެފިލާ ސްޓްރެސް އަކީ ނިކޮޓިންގެ ކްރޭވިންސް ފުއްދުމުން ވާގޮތެވެ. ސިނގެރޭޓެއް ބުއިމުން މި "ސްޓްރެސް" ފިލަ އެވެ. ނަމަވެސް ސިނގެރޭޓު ނުބޯ މީހާއަކަށް މިފަދަ ސްޓްރެސް އެއް އިހުސާސެއްނުވެ އެވެ.

ނިކޮޓިންއަކީ މިފަދަ އިހުސާސްތައް އުފައްދާ ކެމިކަލެކެވެ. އެހެންކަމުން މީގެ ސަބަބުން އަރާމެއް ލިބޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ކީއްވެހެއްޔެވެ؟ ހަށިގަނޑު އެޔަށް ހައިވުމުން ނިކޮޓިން އަލުން ހަށިގަނޑަށް ވައްދާލުމުންނެވެ. ސިނގެރޭޓު ބޯތާ އެތައް އަހަރެއްވެފައިވާ މީހުންނަށް ގިނަ ފަހަރު މި އަރާމުވެސް އިހުސާސެއް ނުވެ އެވެ. އެމީހުން ސިނގެރޭޓު ބޮނީ ކްރޭވިން ފިލުވާލާށެވެ.

ސިނގެރޭޓު ބުއިމުން ފޫހި ފިލާ ފޯކަސް ކުރަން ފަސޭހަވާ ކަމަށް ވިސްނުމަކީ ވެސް އަވާމެންދުރެކެވެ. ސިނގެރޭޓްއަށް އެޑިކްޓް ވުމުން އެޔަށް ބޮވަން ފެށުމާއެކު އިތުރުކަމަކަށް ސަމާލުކަން ދޭން އުނދަގޫވާނެ އެވެ. ނަތީޖާއަކީ ސިނގެރޭޓެއް ބޯލުމުން ކްރޭވިން ފިލާ ކަންކަމަށް ފޯކަސް ކުރެވުމެވެ. އަނެއްކާވެސް ތަކުރާރުކޮށްލާނަމެވެ. ސިނގެރޭޓު ނުބޯ މީހުންނަށް އޭގެ ސަބަބުން ފޯކަސް ކުރަން އުނދަގުލެއް ނުވެ އެވެ.

މިހާ ހިސާބަށް އައިއިރު ފާހަގަކޮށްލެވިފައި މިވަނީ ސިނގެރޭޓް ބުއިން ހުއްޓާނުލުމަށް މީހުން ދައްކާ ވާހަކަތަކެވެ. ނަމަވެސް ހުއްޓާލުމަށް ވެސް ވާހަކަދައްކާ އުޅެ އެވެ. ލާރި ސަލާމަތްވާނެ އެވެ. ސިއްހަތު ރަނގަޅުވާނެ އެވެ. ރަނގަޅ ވާހަކަތަކެކެވެ. ނަމަވެސް މިއަކީ ކުއްލިއަކަށް ވާނެ ކަންކަމެއް ނޫނެނެވެ. ސިނގެރޭޓު ބުއިން ހުއްޓާލާ ދުވަހު ލާރި އިތުރުވެ މަހުޖަނަކަށް ނުވާނެ އެވެ. ސިކްސްޕެކެއް ވެސް ނާރާނެ އެވެ. އެހެންކަމުން މިފަދަ ކަންކަމަކީ ދުވަސް ނަގާނެ ކަންކަމަށް ވާ އިރު، ސިނގެރޭޓު ބުއިން ހުއްޓަން އަހަރެންމެންގެ ނަފްސު "މޯޓިވޭޓް" ކުރާނީ ކިހިނެއްހެއްޔެވެ؟

ޖަވާބަކީ މިނިވަންކަމެވެ. މި ނަޒަރުން ހުއްޓާލުމާ މެދު ވިސްނާލައިފި ނަމަވެސް ސިނގެރޭޓުން ހަގީގަތުގެ އެއްވެސް ފައިދާއެއް ނުވާކަން ސާފުވާނެ އެވެ.

ހުއްޓާލަން އެންމެ ރަނގަޅު ވަގުތަކީ މިވަގުތު

ތިބާ އަކީ ސިނގެރޭޓު ބުއިން ހުއްޓާލަން ބޭނުންވެ އެކަމަށް އެއްވެސް ފިޔަވަޅެއް އަދި ނާޅާ މީހެއް ނަމަ، ލަފާކުރެވޭ ގޮތުގައި ތިބާ ތިހުރީ ހުއްޓާލަން ރަނގަޅު ވަގުތެއްގެ އިންތިޒާރުގަ އެވެ. އެކަމު ރަނގަޅު ވަގުތަކީ ކޮބައިހެއްޔެވެ؟ ހުރިހާ ސްޓްރެސް އެއް ފިލުމުން ހެއްޔެވެ؟ ހާސްވާން ޖެހޭ އެއްވެސް ނެތުމުން ހެއްޔެވެ؟

ހަގީގަތަކީ ބަލަބަލާ ހުންނަ ނަމަ ރަނގަޅު އެއްވެސް ވަގުތެއް ނުފެންނާނެ ކަމެވެ. މިއީ ދިރިއުޅުމެވެ. އަބަދުވެސް އުޅެންޖެހޭނީ ކޮންމެސް ކަމެއް ބޮލަށް ލައިގެންނެވެ. އެއް ކަމެއް ނިމޭ އިރަށް އަނެއް ކަމެއް ފެށޭނެ އެވެ. އެހެންކަމުން އެންމެ ރަނގަޅު ވަގުތަކަށް އަބަދުވެސް ވާނީ މިވަގުތެވެ.

ޔަގީނެވެ. ހުއްޓާލުމުގެ ކުރިން ޝައްކުތަކާއި ބިރު ހުރެދާނެ އެވެ. ހުއްޓާލައިގެން ނުހުރެވިދާނެތީ އެވެ. އެއް ދުވަހު ހުއްޓާލިއްޔޭ ބުނެފަ އަނެއް ދުވަހު ސިނގެރޭޓެއް ބޯން ހުރިތަން މީހަކަށް ފެނިއްޖިއްޔާ ދިމާކޮށްފާނެތީ އެވެ. ނަމަވެސް ހާސް ނުވާށެވެ. މިއީ ބުރަކަމެއް ނޫނެވެ. ތިއުޅެނީ ކަމެއް ދޫކޮށްލާކަށް ނޫނެވެ. ތިއުޅެނީ ކަމަކުން މިންޖުވާންށެވެ.

ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ ހުއްޓާލުމަށް ފަހު ވެސް ނިކޮޓިންއަށް ހަށިގަނޑު އެދޭނެ ހެއްޔެވެ. ކުރިން ވެސް ބުނިހެން އެންމެ ފަހު ސިނގެރޭޓު ބޯތާ ތިން ހަފުތާ ފަހުން ހަށިގަނޑުން ނިކޮޓިންގެ އަސަރު ފިލާނެ އެވެ. އެ ހިސާބުން އެކަމެއް ނުވާނެ އެވެ. އަނެއް ބަޔަކު ކަންބޮޑުވަނީ ފަލަވެދާނެތީ އެވެ. މިއީ ސިނގެރޭޓުގެ ބަދަލުގައި ކައި އެއްޗެއްހި ކައިގެން ގިނަބަޔަކަށް ވާ ގޮތެއް ކަމަށް ބުނެ އުޅެ އެވެ. ސިނގެރޭޓަށް ބޮވާ ބޮވުން ބަނޑުހައި ވީމަ ވާ އިހުސާސާ އެއްގޮތް ކަމެއް ހުރެ އެވެ. ނަމަވެސް ސަމާލުކަން ދީފިނަމަ މި ދެ ކަމެއް ނޯޅޭނެ އެވެ.

އަދި ވަރަށް މުހިންމު ކަމެކެވެ. "އަދި އެކެތި" ނުވަތަ ހާއްސަ މުނާސަބަތެއް ކަމަށް ދެކި ސިނގެރޭޓެއް ބުއިމުގެ ދަޅަޔަށް ނުހެއްލޭށެވެ. މިއީވެސް ހަށިގަނޑުގައި ނިކޮޓިންގެ ދިރުން ދަމަހައްޓަން އިތުރަށް ހެދޭ ގޯހެކެވެ. އެންމެ "ޕަފް" އަކުންވެސް މި އެޑިކްޝަނާއި ސިކުނޑީގައިވާ ބާތިލް ގަބޫލުކުރުންތަކަށް އިތުރަށް ބާރުލިބެ އެވެ.

މިނިވަންކަން ފެށެނީ އެންމެ ފަހު ސިނގެރޭޓުން

ކޮންމެ ގޮތެއް ވިޔަސް ސިނގެރޭޓަކީ އެޑިކްޝަން އެކެވެ. އަދި ހުއްޓާލުމަށް ފަހު ފުރަތަމަ ތިން ހަފުތާގައި ކޮންމެސް ވަރެއްގެ ވިތްޑްރޯވަލް އަލާމާތްތަކެއް ފެނިދާނެ އެވެ. ނިކޮޓިނުން ހަށިގަނޑު އެއްކޮށް ސާފުވަންދެނެވެ. ނަމަވެސް މިއީ ހާސްވެ ބިރު ގަންނަންޖެހޭ ވަރު ކަންކަމެއް ނޫނެވެ.

އެންމެ ފުރަތަމަ ކަމަކީ ސިނގެރޭޓު ގުރުބާންކޮށްލުން ނުވަތަ ދޫކޮށްލުމުގެ ވިސްނުމުން ދުރުވުމެވެ. މިއީ ސިކުނޑި ދޮވެވި ވަދެފައިވާ ގަބޫލުކުރުމެކެވެ. ސިނގެރޭޓު ބުއިން ހުއްޓާލުމުން އެ ހޯދެނީ މިނިވަންކަމެކެވެ.

ހަމަޖެހިލައިން އެކަނި އިނދެ އެންމެ ފަހު ސިނގެރޭޓު ބޯލާށެވެ. ފުން ނޭވާތަކާ އެކު އެވެ. އެތައް ދުވަހެއް ވަންދެން ބުއިމުގެ ސަބަބުން ކަޝްފުވެފައިވާ ސިނގެރޭޓުގެ ރަހަޔާ ވަހަށް ސަމާލުކަމެއް ދީ ހިއްސުތަކުން އިހުސާސްކޮށްލާށެވެ. މިއީ މީރު ރަހައެއްހެއްޔެވެ؟ ނުވަތަ މީރު ވަހެއްހެއްޔެވެ؟ ނޫނެކެވެ. އަދި ނަފްސާ ސުވާލުކޮށްލާށެވެ. ސިނގެރޭޓު ބުއިމުން ލިބެނީ ކޮން ފައިދާއެއްހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުލިބެ އެވެ. އަދި އެ ފަހު ސިނގެރޭޓު ނިއްވާލަމުން، ސިނގެރޭޓުން އަތުގައި އެޅުވިފައިވާ ކަސްތޮޅު ވިރުވާލެވޭކަން ތަސައްވަރު ކޮށްލާށެވެ. މަރުހަބާ އެވެ. މިހާރު ތިއީ ސިނގެރޭޓު ނުބޯ މީހެކެވެ. މިނިވަނެކެވެ.

ފުރަތަމަ ތިން ހަފުތާ ސަމާލުކަން ދޭންވީ ކަންކަން

އިސްވެ ފާހަގަކުރި ނުކުތާތަކަކީ ތެދުކަން ދެނެހުރެ ފަހު ސިނގެރޭޓު ބޯލައިފި ނަމަ ސިނގެރޭޓެއްގެ ކްރޭވިން އިސްސާސް ކުރެވޭނީ އާންމުކޮށް ދެތިން ދުވަހު އެވެ. އެއަށް ފަހު ގިނަ މީހުންނަށް ފާހަގަކުރެވޭ ބޮޑު އުނދަގުލެއްވެސް ނުވެ އެވެ. ނަމަވެސް މި ދުވަސްވަރު ދިރިއުޅުމުގައި ސަމާލުކަން ދޭން ޖެހޭ ބައެއް މުހިންމު ކަންކަން އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ އާންމުކޮށް ސިނގެރޭޓު ބޯ މާހައުލުތަކުން ދުރަށް ޖެހިލުމެވެ. ސަބަބަކީ މިފަދަ ހާލަތްތަކުގައި ވާނަމަ އަދި މީހުން ސިނގެރޭޓް ރޯކުރާ ތަން ފެންނަ ނަމަ ސިނގެރޭޓަކަށް ހިތއް އެދި ގޮވާ ގޮވުމުގެ އަޑު އުފުލެން ފަށާތީ އެވެ.

ނަމަވެސް މިފަދަ ހާލަތްތަކުން ނުވަތަ މާހައުލުތަކުން ދުރަށް ދިޔުމަކީ ދަތިކަމަކަށް ވާ ނަމަ ގެންގުޅެވިދާނެ "މައިންޑް ޓްރިކް" އެއް ފާހަގަކޮށްލާނަމެވެ. ތިބާ އެންމެ ފަހު ސިނގެރޭޓު ނިއްވާލަމުން ވިރުވާލި ކަސްތޮޅު ހަނދާކޮށްލާށެވެ. އެއީ ސިނގެރޭޓުގެ އަޅުވެތިކަމުން މިނިވަން ވި ވަގުތެވެ. އެހެންކަމުން އެހެން މީހަކު ސިނގެރޭޓެއް ބޯތަން ފެންނަ ކޮންމެ ހިނދަކު އެމީހާގެ ސިނގެރޭޓުން އަތުގައި ކަސްތޮޅު އެޅުވިފައިވާ މަންޒަރު ތަސައްވުރުކޮށްލާށެވެ. ޗެންޗޭނަކުން ގުޅިފަ އެވެ. އޭގެ އަޅުވެތިކަމުގެ ދަށުގަ އެވެ. އަދި މި މަންޒަރު ސިފަކޮށްލުމަށް ފަހު ތިބާ މިނިވަން ވީތީ އެކަމާއި އުފާކޮށްލާ ހީލާށެވެ. ހުއްޓާލަން "މަސައްކަތް" ކުރާ މީހެއްގެ ބަދަލުގައި ސިނގެރޭޓު ނުބޯ މީހެއްގެ ގޮތުގައި ނަފުސު ސިފަ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ފަހުބަސް

މިހިސާބުން ވެސް ބައެއް މީހުން ބުނެދާނެ އެވެ؛ "މަ ބޮނީ ބޯހިތުން،" "މަ ބޭނުންމިއްޔާ ހުއްޓާލެވޭނެ."

މިކަމަށް ބުނެލަން އޮތީ މިހެންނެވެ. ދޮންކަލޯ އެވެ. ނުވަތަ ކަނބުލޯއެވެ. ކިތަންމެ ބަޔަކަށް އޮޅުވާލިޔަސް ނަފުސަށް އޮޅުވާނުލާށެވެ. އެންމެ ފުރަތަމަ ސިނގެރޭޓު ބުއި ދުވަސް ހަނދާން ވޭ ހެއްޔެވެ؟ އެދުވަހު ލީ ރަހަ ހަނދާން އެބަ ހުރި ހެއްޔެވެ؟ މީހުން ބޯތީ ބޯން ބޭނުންވި ހަނދާން އެބަހުރި ހެއްޔެވެ؟ ޔަގީނެވެ. ހަނދާން ހުންނާނެ އެވެ. ހަނދާނުގައި ނުހުންނާނީ ސިނގެރޭޓު ބޯ މީހަކަށް ވާން ނިންމި ދުވަހެވެ. ތިއީ އެޑިކްޝަނެކެވެ.

އަނެއް ކަމަކީ މިއީ ސިނގެރޭޓެއް ދުވަހަކުވެސް ނުބޯ މީހެއްގެ ވާހަކަތަކެއް ނޫނެވެ. ސިއްހަތަށް ލިބޭ ގެއްލުމުގެ ވާހަތަކެއް ނޫނެވެ. މިއީ އެތައް ދުވަހެއް ވަންދެން ސިނގެރޭޓު ބުއި މީހެއްގެ ވާހަކަތެކެވެ. ލިބޭ ސިއްހީ އަދި މާލީ ގެއްލުންތައް ދެނެހުރެ އެވެ. ފަހަރެއްގައި ތިބާ ބޯވަރަށް ވުރެ ވެސް ގިނައިންނެވެ، ފަހަރެއްގައި އެއަށްވުރެ މަދުންނެވެ. އަދަދު ކޮންމެ ވަރަކަސް ތިބާ އަށް ކުރެވޭ ހުރިހާ އިހުސާސެއްވެސް ކުރިންމެ އެވެ. ތި ހީވާ ހީކުރުންތައް ވެސް ހީކުރިންމެ އެވެ.

އެންމެ ފަހު ކަމަކަށް ބުނެލަން އޮތީ މިހެނެވެ. ކޮންމެ ކުންފުންޏަކުން ވެސް ޕްރޮޑަކްޓެއް އިސްތިހާރުކުރާ އިރު ފާހަގަކުރާނީ އޭގެ އެހުރި މޮޅުކަމެވެ. ވާ ފަސޭހަތަކެވެ. ނަމަވެސް މިހުރިހާ ވާހަކައެއް ދެއްކިޔަސް އެހެން މީހަކު އެ ޕްރޮޑަކްޓްގެ ގޯސް ވާހަކައެއް ދައްކައިފި ނަމަ އަހަރުމެން އެ ގަތުމަށް ޖެހިލުންވާނެ އެވެ. މިކަން މިހެން އޮތް އިރު ސިނގެރޭޓަކީ ހަށިގަނޑަށް ގެއްލުން ވާ އެއްޗެއް ކަމަށް ބުނެ އެތައް ބަޔަކު އެވާހަކަ ދައްކާއިރު އަދި އެކަން އަމިއްލަ އަށް ވެސް ގަބޫލުކުރެވޭ ހިނދު، ފަރުވާލެއް ނެތި ސިނގެރޭޓު ބޯ މީހުން ބޮނީ އެވެ. އެހެންކަމުން މިއީ އެޑިކްޝަން ނޫން ދެން ކޯއްޗެއް ހެއްޔެވެ؟