Advertisement

ލެވަންޑޯސްކީގެ ދެ ގޯލާ އެކު މޮޅުވެ، ބާސެލޯނާ އަށް 15 ޕޮއިންޓުގެ ލީޑެއް

2 އޭޕްރީލް 2023 - 04:52 0

ގޯލު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.


ލެވަންޑޯސްކީގެ ދެ ގޯލާ އެކު މޮޅުވެ، ބާސެލޯނާ އަށް 15 ޕޮއިންޓުގެ ލީޑެއް

2 އޭޕްރީލް 2023 - 04:52 0

މެޑްރިޑް (އޭޕްރީލް 2) - ރޮބަޓް ލެވަންޑޯސްކީގެ ދެ ގޯލާ އެކު 4-0 އިން އެލްޗޭ އަތުން މޮޅުވެ، ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން 15 ޕޮއިންޓުގެ ލީޑެއް ނެގިއިރު، ބާސެލޯނާ އިން 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅުނު ބާސެލޯނާ އަށް ލީގުގެ ކުރީގައި 15 ޕޮއިންޓް ލީޑެއް ލިބުނުއިރު، މިހާރު އޮތް ފޯމުގައި ބާސެލޯނާ ކުރިއަށްދާނަމަ ބާކީ ހަތަރު މެޗު އޮއްވައި، ލީގު ކަށަވަރުކުރުމުގެ ފުރުސަތު އެ ޓީމަށް އޮންނާނެ އެވެ.

ބާސެލޯނާ އެއް ވަނައިގައި އޮތީ 27 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލަށް ވަނީ 26 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. ރެއާލުން މިރޭ ކުޅޭ މެޗުގައި ރެއާލް ވަލޮޑޮލިޑް އަތުން މޮޅުވެއްޖެނަމަ ބާސެލޯނާގެ ލީޑު 12 ޕޮއިންޓަށް ކުޑަވާނެ އެވެ.

އެލްޗޭ ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ލެވަންޑޯސްކީ އެވެ. މިއީ ޖޯޑީ އަލްބާ ނެގި ހިލޭ ޖެހުމެއްގައި ބާސެލޯނާ އިން އުފެއްދި ހަމަލާއެއްގައި އޭރިއާތެރެއިން ލެވަންޑޯސްކީ އަށް ލިބުނު ބޯޅަ ގޯލުގެ ދުުރުކަނަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ލީޑުފުޅާކުރަން، ފުރަތަމަ ހާފުގައި ލެވަންޑޯސްކީ އާއި ޖޫލްސް ކޫންޑޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ބާސެލޯނާ އިން އަނެއް ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 55 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި އަންސޫ ފާޓީ ވަނީ ތިރިތިިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި، ބާސެލޯނާ އަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 66 ވަނަ މިނިޓްގައި، ގަވީ ދިން ބޯޅައަކަށް އަރައި، ލެވަންޑޯސްކީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހި އެވެ. މިއީ ލީގުގެ، ލަނޑު ލިސްޓުގެ ކުރީގައި އޮތް ލެވަންޑޯސްކީ މި ފަހަރު ޖެހި 17 ވަނަ ގޯލެވެ.

މެޗުގެ 70 ވަަނަ މިނިޓްގައި ބާސެލޯނާގެ ފަހު ގޯލު ޖެހީ ފެރާން ޓޮރޭޒް އެވެ. ލެވަންޑޯސްކީ ދިން ބޯޅައެއް ހިފައިގެން އޭރިއާ ރޮނގުމަތީގައި ހުރެފައި، ރަނގަޅު ވަގުތު ބަލާފައި، ފެރާން ޓޮރޭޒް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އެލްޗޭ އިން މެޗުގެ ފަހު ވަގުތު ރަނގަޅު އެޓޭކްތަކެއް ކުރެވޭތޯ މަސައްކަތްކުރިއިރު، އެއް ހަމަލާ ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.