Advertisement

ޓުޗެލްގެ ފުރަތަމަ މެޗުން މޮޅުވެ ބަޔާން އެއް ވަނަ އަށް

2 އޭޕްރީލް 2023 - 04:54 0

ލަނޑު ޖެހުމަށް ފަހު ބަޔާންގެ މުލާ (ކ) އެ ޓީމުގެ ކޯޗު ޓުޗެލްއާ އެކު.


ޓުޗެލްގެ ފުރަތަމަ މެޗުން މޮޅުވެ ބަޔާން އެއް ވަނަ އަށް

2 އޭޕްރީލް 2023 - 04:54 0

މިއުނިކް (އޭޕްރީލް 2) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން، ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކް ކުޅުނު ފުރަތަމަ މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 4-2 އިން މޮޅުވެ، ބަޔާން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބަޔާން އެއް ވަނަ އަށް އެރީ 26 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން އެއް ވަނައިގައި އޮތް ޑޯޓްމަންޑް ދެ ވަނައިގައި އޮތީ 26 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޔޫނިއަން ބާލިން ވަނީ ރޭ ކުޅުނު މެޗުން 3-0 އިން ސްޓުޓްގާޓް ބަލިކޮށް، 26 މެޗުން 51 ޕޮއިންޓް ހޯދައިފަ އެވެ.

މިއީ ބަޔާންގެ ކޯޗުކަމުން ހޫލިއަން ނާގަލްސްމަން ވަކިކޮށް، ޓުޗެލްއާ ޓީމު ހަވާލުކުރި ފަހުން ކުޅުނު ފުރަތަމަ މެޗެެވެ. ޓުޗެލް އަކީ މީގެ ކުރިން ޑޯޓްމަންޑަށް ވެސް އިރުޝާދުދިން ކޯޗެކެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ބަޔާން އިން ލީޑުނެގި ގޯލަކީ މެޗުގެ 13 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ކީޕަރު ގްރެގޯ ކޮބެލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ބަޔާންގެ ޑިފެންޑަރު، ޑަޔޫޓް އުޕަމެކާނޯ މަތިން ޖެހި ބޯޅައެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ކޮބެލް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. ބަޔާނުން ލީޑުފުޅާކުރީ 18 ވަނަ މިނިޓްގައި ތޯމަސް މުލާ ޖެހި ގޯލުންނެވެ. މިއީ ކޯނަރެއްގައި މަތައިސް ޑިލިޓް ބޮލުން ޖެހި ހަމަލާއަކުން މުލާ ގޯލަށް ވައްދާލި ބޯޅަައެކެވެ. އޭގެ ހަތަރު މިނިޓް ފަހުން، މުލާ އިތުރު ގޯލެއް ޖެހި އެވެ. މިއީ އޭރިއާބޭރުން ލެރޯއި ސާނޭ ޖެހި ޝޮޓެއް ކީޕަރު ކޮބެލް އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލައިގެން މުލާ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ބަޔާންގެ ހަތަރު ވަނަ ގޯލު ޖެހީ ކިންގްސްލީ ކޯމަން އެވެ. މިއީ ސާނޭ ޖައްސާލި ބޯޅައަކަށް އަރައި، އޭރިއާތެރެއިން ވެއްޓިގެންފައި، ކޯމަން ޖެހި ގޯލެކެވެ.

ބަޔާނުން ހަތަރު ގޯލުގެ ލީޑެއް ނެގި ފަހުން ޑޯޓްމަންޑް އިން ދެ ގޯލު ޖެހި އެވެ. މެޗުގެ 72 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ފުރަތަމަ ގޯލު ޖެހީ ޕެނަލްޓީ އަކުން އެމްރޭ ޗާން އެވެ. މިއީ ޑޯޓްމަންޑްގެ ޖޫޑް ބެލިންހަމް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ޑޯޓްމަންޑްގެ ދެ ވަނަ ލަނޑު ޖެހީ އޭރިއާތެރެއިން ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޑޮންޔެލް މާލެން އެވެ.