Advertisement

ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް: ފިއުރީ އާއި ސްނެޕާސް ޗެމްޕިއަންކަން ހޯދައިފި

1 އޭޕްރީލް 2023 - 15:49 0

މައިލޯ ރަމަޟާން ތުރީ އޮން ތުރީގެ ސީނިއާ ބައިން ޗެމްޕިއަންކަން ހޯދި ފިއުރީ އާއި ސްނެޕާސް ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު


ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް: ފިއުރީ އާއި ސްނެޕާސް ޗެމްޕިއަންކަން ހޯދައިފި

1 އޭޕްރީލް 2023 - 15:49 0

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މައިލޯ ރަމަޟާން ތުރީ އޮން ތުރީ ޗެލެންޖު 2023ގެ ސީނިއާ ބައިގެ ޗެމްޕިއަންކަން ފިއުރީ އާއި ސްނެޕާސް އިން ހޯދިއިރު، 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އޭސަސް ބީސީ އާއި ވަލްހާލާ އިން ހޯދައިފި އެވެ.

ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު އެމްބީއޭ އިން ބޭއްވި ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގައި މި އަހަރު ހަތަރު ކެޓަގަރީއެއްގައި ޖުމްލަ އެކުގައި، 62 ޓީމް ވާދަކުރި އެވެ. މުބާރާތުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ 17 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ބައެވެ. އޭގެ ފަހުން، ރޭ ވަނީ މުބާރާތުގެ 15 އަހަރުން ދަށުގެ ބަޔާއި ސީނިއާ ބައިގެ މެޗުތައް ނިމި ޗެމްޕިއަން ޓީމްތަކަށް އިނާމް ހަވާލުކޮށްޕަ އެވެ.

މުބާރާތުގެ ސީނިއާ ބައިގެ އަންހެން ޗެމްޕިއަންކަން ފިއުރީ ހޯދީ ފައިނަލުގައި ސޯސްޕޭން ބަލިކޮށްގެންނެވެ. ޗެމްޕިއަންކަން ހޯދީ ފިއުރީ ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިންނަކީ ފާތިމަތު ރިޝްމާ، އާމިނަތު އިސްރާއު އަބްދުއްޝުކޫރު (އިއްކޮ)، ޒުހާ އަޝްރަފް އަލީ އަދި ޒުކާ އަޝްރަފް އަލީ އެވެ. ދެ ވަނަ ހޯދި ސޯސް ޕޭން ޓީމްގައި ހިމެނެނީ އައިޝަތު އިނާޝާ، އައިޝަތު ލުއާ، ރާއީ ހަމްޒާ އަދި އާމިނަތު ޒާޔާ އެވެ.

މުބާރާތުގެ ސީނިއާ ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ސްނެޕާސް އެވެ. އެ ޓީމުން ވަނީ ފޯރިގަދަ ފައިނަލުގައި އަންރޭންކް ބަލިކޮށްފަ އެވެ. ޗެމްޕިއަންކަން ހޯދި ސްނެޕާސް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިސްމާއިލް ވިލްދާން، މުހައްމަދު ރިޝްވާން، އަބްދުﷲ އަމްޒަރު އަދި އަހުމަދު އަލީ މުސްތަފާ އެވެ. ދެ ވަނަ ހޯދި އަންރޭންކްޑް ޓީމްގައި ހިމެނެނީ މަފާޒު މުހައްމަދު، ސަބީހު ތައުފީގު، އިސްމާއިލް ފަރުހާން އަދި އައިހަމް ހަމީދު އެވެ.

ތުރީ އޮން ތުރީ މުބާރާތުގެ އެކި އުމުރުފުރާތަކުގެ ޗެމްޕިއަންކަން ހޯދި ޓީމުތައް ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު


ފަނަރަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ އޭސަސް ބީސީ އެވެ. އެއީ ފައިނަލުގައި ޝޫޓާސް ބަލިކޮށްގެންނެވެ. އޭސަސް ޓީމުގައި ހިމެނެނީ ކައިލީން ޝިރުހާން، އަނާ ސިމާދު އަދި ފާތިމަތު ރުކާން އިބްރާހިމް އެވެ. ދެ ވަނަ ހޯދި ޝޫޓާސް ޓީމްގައި ތިބި ކުޅުންތެރިންނަކީ ސާރާ ޒާޝާ، ޝުބާ ސުޖާއު، ކައިސާ ހުވައިލިދު އަދި ލައިރާ ފިރާޝް އެވެ.

އެ ގޮތުން، 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވަލްހާލާ އެވެ. އިސްމާއިލް ޒިއުޒް، ފައިލަމް ވަހީދު، ޔޫސުފް އަލާން އަދި މުހައްމަދު ވިޝާލް ހިމެނޭ ވަލްހާލާ ފައިނަލު ކާމިޔާބުކުރި ސްޕްލޭޝްއާ ވާދަކޮށެވެ. ސްޕްލޭޝް ޓީމުގައި ހިމެނެނީ މުހައްމަދު ޒާކީން، އިޔާލް ނަޝީދު، ޔޫނުސް އަދި މުހައްމަދު ތޫކް އެވެ.

ތުރީ އޮން ތުރީ މުބާރާތްތަކަކީ ކޮންމެ ރޯދަ މަހެއްގައި ވެސް ފޯރިއާ އެކު ކުރިއަށްދާ މުބާރާތްތަކެކެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުންނާއި އެކި އެކި ކުލަބުތައް އަދި އަމިއްލަ ފަރާތްތަކުން ވެސް ތުރީ އޮން ތުރީގެ ގިނަ މުބާރާތްތަކެއް ރޯދަ މަހު ބާއްވަ އެވެ.