Advertisement

ގައުމީ އެތުލީޓުންނަށް ހާއްސަ ޖިމާ އެކު "އަރުތަ ޕްރޮގްރާމް" ރަސްމީކޮށް ފަށައިފި

31 މާރިޗު 2023 - 17:37 0


ގައުމީ އެތުލީޓުންނަށް ހާއްސަ ޖިމާ އެކު "އަރުތަ ޕްރޮގްރާމް" ރަސްމީކޮށް ފަށައިފި

31 މާރިޗު 2023 - 17:37 0

ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ދުނިޔޭގެ ލެވަލްގައި ދިވެހި ކުުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަށަން ޔޫތު މިނިސްޓްރީން ޕްލޭން ކުރި "އަރުތަ ޕްރޮގްރާމް" ރަސްމީކޮށް ރޭ ފަށައިފި އެވެ.

ގައުމީ ކުޅިވަރު އެތުލީޓުންނަށް ހާއްސަކޮށް ހުޅުމާލޭ ސްޕޯޓްސް ކޮމްލެކްސްގައި ގާއިމްކުރި "އަރުތަ ޖިމް" ހުޅުވުމާ އެކުގައި "އަރުތަ ޕްރޮގްރާމް" ލޯންޗްކުރި އިވެންޓް ޔޫތު މިނިސްޓަރު މަހުލޫފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި އިވެންޓްގައި ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކުގެ އިތުރުން އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ ބައިވެރިވެފަ އެވެ.

ގިނަ ކުޅިވަރުތަކެއްގެ ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިވި ރޭގެ އިވެންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ކުޅިވަރު އެތުލީޓުންނަށް އުޖާލާ މުސްތަގުބަަލެއް ހޯދައިދޭން ކުރާ މަސައްކަތުގައި މިހާތަނަށް ކުރެވުނު މަސައްކަތާއި ކުރިއަށް އޮތްތާގައި ކުރަން ރޭވިފައި ހުރި ކަންކަމަށް ބަލާއިރު، "އަރުތަ ޕްރޮގްރާމް" އިން ބޭނުން ހިފޭނެ ކަމަށެވެ.

މީގެ އިތުރުން، އެތުލީޓުންގެ ލާބަޔާއި މަންފާ އަށް ކުރަން ޖެހޭ "އަރުތަ ޖިމް" ފަދަ ކަންކަމަށް މިނިސްޓްރީ ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ގިނަގުނަ ކަންކަން ކުރަަމުން އަންނަ ކަމަށާއި މުސްތަގުބަލުގައި ވެސް އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ކުޅިވަރުގެ މުސްތަގްބަލްގެ އާ ޖީލު ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރަސްމީކޮށް ލޯންޗުކުރަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. އެކަަމަކު، އެކި އެކި ކަންކަމާ ހުރެ ރަސްމީކޮށް "އަރުތަ ޕްރޮގްރާމް" ލޯންޗްނުކުރެވުނު ނަމަވެސް އެ ޕްރޮގްރާމަށް ގިނަ އެތުލީޓުންތަކެއް ވަނީ ނަގައިފަ އެވެ.

މި މަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ "އަރުތަ ޕްރޮގްރާމް" ރަސްމީ ސިފައެއްގައި ފެށުމާ އެކު، މީގެ ބައިވެރިވެވޭ އެތުލީޓުންގެ ނިސްބަތް ވެސް އިތުރުވެގެންދާއިރު، އެސޯސިއޭޝަންތަކަށް ވެސް މީގެ އެތުލީޓުން ބައިވެރިކުރުމުގެ ފުރުސަތު ކުރިއަށް ވުރެ ބޮޑަށް އޮންނާނެ ކަމަށެެވެ.