Advertisement

ރާމޯސް އަށް ސައުދީ އަރަބިއްޔާ އިން އަހަރަކު 30 މިލިއަން ޑޮލަރުގެ އޮފާ އެއް: ރިޕޯޓް

31 މާރިޗު 2023 - 06:12 0


ރާމޯސް އަށް ސައުދީ އަރަބިއްޔާ އިން އަހަރަކު 30 މިލިއަން ޑޮލަރުގެ އޮފާ އެއް: ރިޕޯޓް

31 މާރިޗު 2023 - 06:12 0

ޕެރިސް (މާޗް 31) - ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ އަލް ހިލާލް އެފްސީ އިން ޕީއެސްޖީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު، ސާޖިއޯ ރާމޯސް އަށް އަހަރަކު 30 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ އޮފާއެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ރެއާލް މެޑްރިޑް ދޫކޮށް ޕީއެސްޖީއާ ގުޅުނު ރާމޯސް، 37، މި ވަގުތު ޕީއެސްޖީއާ އެކު ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ޕީއެސްޖީން ރާމޯސް އަށް މުސާރަ އާއި ބޯނަހުގެ ގޮތުގައި ޖުމްލަ އެކު، ސީޒަނަކަށް 10 މިލިއަން ޑޮލަރު ދެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން ނިންމާފައި އޮތީ ރާމޯސް އަށް އަހަރަކު 30 މިލިއަން ޑޮލަރުގެ މުސާރައެއް ދޭށެވެ. މިއީ، ޕީއެސްޖީން ދެމުން އަންނަ މުސާރަ އަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

ދާދި ފަހުން ސްޕެއިން ގައުމީ ޓީމުން ރިޓަޔާކުރި ރާމޯސްގެ ކްލަބް ކެރިއަރާ ގުޅޭގޮތުން ނިންމާ ނިންމުމެއް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފަ އެވެ.

ޕީއެސްޖީން ރާމޯސް އަށް އާ ކޮންޓްރެކްޓެއް ދިނުމުގައި ގިނަ ކަންކަމަށް އަންނަނީ ވިސްނަމުންނެވެ. އެ ގޮތުން، މިދިޔަ ދެ އަހަރެއްހާ ދުވަހު ރާމޯސް އަށް އަނިޔާގެ ސަބަބުން ޕީއެސްޖީގެ ގިނަ މެޗުތަކެއް ގެއްލިފައިވާތީ އެ ކްލަބުން އާ ކޮންޓްރެކްޓެއް ރާމޯސް އަށް ދިނުމުގައި އޭނާ ކުޅެފައިވާ މެޗުތަކުގެ އަދަދާ މެދު ވިސްނާނެ އެވެ.

ރާމޯސް ވަނީ ޕީއެސްޖީ އަށް ކުޅެދިން 49 މެޗުން އެ ޓީމަށް ތިން ގޯލު ޖަހައިދީފަ އެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ޖެނުއަރީ މަހު ބޮޑު މުސާރަ އަކަށް ސައުދީ ޕްރޮފެޝަަނަލް ލީގުގެ އަލް ނަސްރަށް ސޮއިކުރި ފަހުން ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކަކަށް ސައުދީގެ ކްލަބްތަކުގެ އޮފާ އަންނަނީ ލިބެމުންނެވެ.