Advertisement

ވަލީދާ ޖުމްހޫރީ ޕާޓީއާ ދުރަށް، ތާއީދު ރައީސް ސޯލިހަށް

30 މާރިޗު 2023 - 10:06 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖޭޕީގެ އަންހެނުންގެ ލީގުގެ ކުރީގެ ރައީސް ވަލީދާ ވަލީދު (ވ). -- ފޮޓޯ: ޖުމްހޫރީ ޕާޓީ


ވަލީދާ ޖުމްހޫރީ ޕާޓީއާ ދުރަށް، ތާއީދު ރައީސް ސޯލިހަށް

30 މާރިޗު 2023 - 10:06 1

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ޖުމްހޫރީ ޕާޓީން ވެކިވެވަޑައިގެން ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، އަދި އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސްކަން ދެ ދައުރުގައި ކުރެއްވި ވަލީދާ ޕާޓީ ދޫކޮށްލަން ނިންމެވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ވަކިން އިންތިހާބުގައި ވާދަކުރަން ނިންމުމުންނެވެ.

"އަދަދު" ނޫހަށް ވަލީދާ ވިދާޅޫވީ ޕާޓީން ވަކިވުމުގެ ސިޓީ ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށެވެ. ނަމަވެސް، އޭނާ މިހާރު ވަނީ ޕާޓީގެ ވައިބަ ގްރޫޕްތަކުން ވެސް އަމިއްލަ އަށް ބޭރުވެފަ އެވެ.

"ޖުމްހުރީ ޕާޓީއިން ކެމްޕޭން ހިންގާއިރު އެ ގްރޫޕުތަކުގައި އިނުން އެއީ އެހާ ރަނގަޅުކަމަކަށް ނުވާނެތީ، އެ ގްރޫޕުތަކުން ނުކުތީ،" ވަލީދާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމުގައި ހުންނެވި ވަލީދާ ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރާން ނިންމެވީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވުމުގެ ބޭނުމުގައި ނޫން ކަމަށާއި އަދި ޕާޓީގެ ލީޑަޝިޕާ މައްސަލައެއް ޖެހިގެން ވެސް ނޫން ކަމަށެވެ. އެ ނިންމުން ނިންމެވީ، ކުރިން ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއިދު ކުރެއްވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ އެބަހުރި އަޅުގަނޑު ތާއީދުކުރާ އުސޫލުތަކެއް، ކޯލިޝަން ދަމަހައްޓައިފި، މިހާރު ސަރުކާރާ އިދިކޮޅު ވީމަ (މަގާމުތަކުން) ވަކިކުރިޔަސް އޭގެ ކުރިން ނެތް ކަންނޭގެ ކޯލިޝަންގެ މީހުން ވަޒީފާއިން ވަކިކޮށްފަ އެއް، އޭގެ އިތުރުން ރައީސް ސޯލިހަކީ ވަރަށް ކެތްތެރި ބޭފުޅެއް،" ވަލީދާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މައްސަލައެއް ނެތް، [ރިޔާސީ އިންތިހާބުން] ހޮވިގެން މަގާމެއް ނުދިނަސް. އަޅުގަނޑު [ރައީސް ސޯލިހަށް] ތާއިދު މިކުރަނީ މަގާމަކަށް އެދިގެނެއް ނޫން."

ރިޔާސީ އިންތިހާބުގައި ޖޭޕީން ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދާ ވަކިން ނިކުންނަން ނިންމުމާއެކު އެ ޕާޓީގެ ބައެެއް އިސް މެންބަރުން ވަނީ ޕާޓީ ދޫކުރައްވާފަ އެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު އަދި އިމިގްރޭޝަން ކޮމާންޑަރު އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ޖޭޕީ ދޫކުރައްވާފަ އެވެ. އަދި ކުރިން އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ ޕާޓީއާ ދުރަށް ޖެހިވަޑައިގެންފަ އެވެ.

އާޒިމަކީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ފެނިގެން ދިޔަސް، އޭނާގެ ނަމެއް އެ ޕާޓީގެ ދަފުތަރުގައި ނެތެވެ.