Advertisement

އެންރީކޭ ޕްރިމިއާ ލީގަށް ޝައުގުވެރިވޭ: ބޭނުމީ ބޮޑު ކްލަބެއްގެ ރަނގަޅު ޕްރޮޖެކްޓެއް!

30 މާރިޗު 2023 - 06:05 0


އެންރީކޭ ޕްރިމިއާ ލީގަށް ޝައުގުވެރިވޭ: ބޭނުމީ ބޮޑު ކްލަބެއްގެ ރަނގަޅު ޕްރޮޖެކްޓެއް!

30 މާރިޗު 2023 - 06:05 0

މެޑްރިޑް (މާޗް 30) - ފީފާ ވޯލްޑް ކަޕަށް ފަހު ސްޕެއިން ގައުމީ ޓީމުގެ ކޯޗުކަމުން ވަކިކުރި ކޯޗު ލުއިސް އެންރީކޭ، އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި އެކަމަކު، ހަވާލުވާނީ ބޮޑު ކްލަބެއްގެ ރަނގަޅު ޕްރޮޖެކްޓަކާ ކަމަށް ބުނެފި އެވެ.

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކޮށް، އެ ކްލަބުން ފާރަލަމުން އަންނަ ކޯޗުންގެ ލިސްޓުގައި އެންރީކޭގެ ނަން އެބައޮތެވެ. އަނެއްކޮޅުން، ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް އެ ކްލަބްގައި މުސްތަގުބަލެއް އޮތްތޯ ސުވާލު އުފައްދަމުން އަންނައިރު، ޗެލްސީ މެނޭޖްމަންޓުން ދެން ގެންނަން ބޭނުންވާ ކޯޗުންގެ ތެރޭގައި އެންރީކޭގެ ވާހަކަ ދެކެވެ އެވެ. އަދި ޕެޕް ގާޑިއޯލާ އަށް ފަހު މެންޗެސްޓާ ސިޓީން ދެން ގެންނާނެ ކޯޗަކީ އެންރީކޭ ކަމަށް ވެސް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

"އަހަރެން އިންގްލެންޑަށް ދާން ބޭނުން، އެ ތަނުގައި މަސައްކަތް ކުރަން ބޭނުން. އެކަން ފޮރުވާކަށް ނެތިން. އެކަމަކު، އެއީ އެހާ އަވަހަށް ވާނެ ކަމެކޭ، ލަހުން ވާނެ ކަމެކޭ، ވަކި އިރެއް ބުނަން އަހަރެން ސީދާ ބޭނުމެއް ނޫން. ފުޓްބޯޅައިގައި މި ކަހަލަ ކަންކަމުގައި ވަރަށް ގިނަ ކަންކަން ފެނިއްޖެ،" ސްޕެއިނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އެންރީކޭ ބުންޏެވެ.

"އިނގިރޭސި ޕްރިމިއާ ލީގުގެ ކޮންމެ ކޮންމެ ޓީމަކަށް ދާން އަހަރެންގެ ވިސްނުމެއް ނެތް. ވަރަށް މުހިންމު، ބޮޑު ކްލަބެއް، ޕްރޮޖެކްޓެއް އޮތް ޓީމަކަށް ދާން އަހަރެން ބޭނުމީ، އެ ލީގުގައި ވެސް ގިނަ ކުދި ކްލަބްތައް އެބައޮތް،"

ރޯމާ އާއި ބާސެލޯނާ އަށް ކުރިން ކޯޗުކޮށްދިން އެންރީކޭ ވަނީ ގަތަރު ވޯލްޑް ކަޕަށް ފަހު ސްޕެއިން ޓީމުގައި އޭނާ ކުރި މަސައްކަތާ ބެހޭގޮތުން މީޑިއާތަކުގައި ދެކެވުނު ބައެއް ވާހަކަތަކަށް ވެސް ރައްދުދީފަ އެވެ.

އެ ގޮތުން، އެންރީކޭ ބުނީ އޭނާ ސްޕެއިން ޓީމުގެ ޓެކްޓިކްސް ރޭވުމުގައި "ޕްލޭން ބީ" އެއް ނެތް ކަމަށް ބުނެ، ބައެއް މީހުން ދެއްކި ވާހަކަ އަކީ ފުޓްބޯޅަ އެނގިގެން ދެއްކި ވާހަކައެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ސްޕެއިން ޓީމަށް ނަތީޖާ ނުނެރެވުމުގައި މައްސަލަ ދިމާވި ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަމަކު، އެއީ ކޮންމެހެން މީޑިއާގައި ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށް އެންރީކޭ ވަނީ ބުނެފަ އެެވެ.