Advertisement

ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރާ 1800 އެއްހާ ބިދޭސީ މުވައްޒަފުން ހަޅުތާލު ކުރަނީ

28 މާރިޗު 2023 - 19:48 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މުވައްޒަފުން މިއަދު އެމީހުން އެކޮމަޑޭޝަންގައި ހަރަކާތްތެރިވަނީ: ބުނީ އެއް މަސް ދުވަހުގެ ތެރޭގައި ޑިމާންޑުތައް ހަމަޖައްސައިނުދީފި ނަމަ އިތުރަށް މަސައްކަތް ނުކުރާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝަހްޒާން


ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރާ 1800 އެއްހާ ބިދޭސީ މުވައްޒަފުން ހަޅުތާލު ކުރަނީ

28 މާރިޗު 2023 - 19:48 0

ހުޅުމާލޭ ދެ ވަނަ ފޭހުގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ 1800 އެއްހާ މުވައްޒަފުން، އެމީހުންނަށް ކެއިންބުއިމަށް ދޭ ތަކެތީގެ ފެންވަރު ދަށްވުމާއި ސަލާމުގެ ޗުއްޓީ ނުދޭތީ މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރާތާ ހަތަރު ދުވަސް ވެއްޖެ އެވެ.

އެ ހުރިހާ މުވައްޒަފުންނަކީ ވެސް އިންޑިއާ ރައްޔިތުންނެވެ. އެ އެންމެން ވެސް ރާއްޖެ އެތެރެވެފައި ވަނީ އެއް އެޖެންޓެއް މެދުވެރިކޮށެވެ. މައްސަލަ ހައްލު ކުރަން އެ އެޖެންޓު ކުންފުނީގެ މުވައްޒަފުން މިއަދު މުވައްޒަފުންގެ އެކޮމަޑޭޝަން ސަރަހައްދަށް ދިޔުމުން ވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގައިފަ އެވެ.

އެގޮތުން އޭޖެންޓު ކުންފުނީގެ މީހުން މުވައްޒަފުންނާ ވާހަކަ ދެއްކުމަށްފަހު ތަން ދޫކޮށް ދާން އުޅުމުން ބަޔަކު އެކަމަށް ހުރަސް އެޅި ކަމަށް މަންޒަރު ދުށް މީހުން "އަދަދު" އާ ވާހަކަ ދައްކަމުން ބުންޏެވެ. އަދި އެ ސަރަހައްދަށް ފުރަތަމަ އެޓެންޑުވި ފުލުހުންނަށް ނުކިޔަމަންތެރިވެ، ބައެއް ފުލުހުން ލައިގެން ހުރި ފްލޮރެޒަންޓު ވެސްޓު ވީދާލި ކަމަށް ވެސް ހާދިސާ ދުށް މީހުން ބުންޏެވެ.

ހައުސިން ޔުނިޓައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް، އިންޑިއާ ނަމަކަށް ކިޔަ ކުންފުންޏަކަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މަސައްކަތް އެމީހުން ކުރަނީ އައުޓްސޯސްކޮށްގެން ކަމަށްވެ އެވެ. މިއަދު ހަޅުތާލުކުރި މުވައްޒަފުން ބުނީ އެމީހުންނަށް ޒިންމާވާންޖެހޭނީ އެތަނުން އެފަދަ އެއް ކުންފުނިން ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ބަހެއް މިވަގުތު ލިބޭ ގޮތެއް ނުވި އެވެ.

ކެއުންބުއިމުގެ ފެންވަރު ދަށްވުމާއި ބަލިވުމުން ސަލާމުގެ ޗުއްޓީ ނުދިނުމުގެ އިތުރުން މަސައްކަތް ކުރަންޖެހޭ ވަގުތު 10 ގަޑިއިރުން އަށް ގަޑިއިރަށް ކުޑަކުރުމަކީ ވެސް މަސައްކަތްތެރީންގެ ޑިމާންޑެއް ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުންޏެވެ.

"އެންމެން ވެސް ބޭނުންވަނީ އަށް ގަޑިއިރު ޑިއުޓީ ކުރަން. ދެ ވަނަ މައްސަލައަކީ ބަލިވީމަ ވެސް ސަލާމެއް ނުބުނެވޭ. ކޮޓަރީގަ އޮންނަންވީ އެމީހަކު އެކަމަކު އެ ދުވަސް ބަލަނީ އެބްޒަންޓު ދުވަހެއްގެ ގޮތުގަ. ތިން ވަނަ ކަމަކީ ކާން ދޭ ތަކެތީގެ ފެންވަރު ހަމަ އެއްގޮތަކަށް ވެސް ރަނގަޅު ނުވުން،" ހަޅުތާލު ކުރަމުންދިޔަ މަސައްކަތްތެރިއަކު ތަރުޖަމާނެއްގެ އެހީގައި ބުންޏެވެ.

މަސައްކަތްތެރިން ބުނީ އެމީހުންގެ ޑިމާންޑުތައް އެއް މަސް ދުވަހުގެ ތެރޭގައި ހަމަޖައްސައިނުދީފި ނަމަ ކުންފުންޏަށް އޮތް ހަމައެކަނި ގޮތަކީ އެއް މަހުގެ މުސާރައާއެކު އަނބުރާ އިންޑިއާއަށް އެމީހުން ފޮނުވާލަދިނުން ކަމަށެވެ.

ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ޖޭއެމްސީއާ ހަވާލު ކުރީ މާޗް 8، 2021 ގަ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން 2000 ހައުސިން ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ 650 އަކަފޫޓުގެ 600 ދެ ކޮޓަރީގެ ޔުނިޓާއި ތިން ކޮޓަރީގެ 900 އަކަފޫޓުގެ ޔުނިޓުތަކެކެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 137 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ 2.1 ބިލިއަން ދިވެހި ރުފިޔާ އެވެ.