28 މާރިޗު 2023 - 13:29 0
މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މައިލޯ ރަމަޟާން ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން
28 މާރިޗު 2023 - 13:29 0
މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މައިލޯ ރަމަޟާން ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖު 2023ގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީމު އަންސަޓިފައިޑް އަދި 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ރޭވަންސް އާއި ވޮރިއާސް ހޯދައިފި އެވެ.
ރަމަޟާން މަހު އެމްބީއޭ އިން މީގެ ކުރިން ބާއްވަމުން އައި ރަމަޟާން ޗެލެންޖު މި އަހަރު ބޭއްވީ ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު ގަ އެވެ. މިއަހަރުގެ މުބާރާތުގައި ހަތަރު ކެޓަގަރީއެއްގައި 62 ޓީމެއް އަންނަނީ ވާދަކުރަމުންނެވެ.
މުބާރާތުގެ މެޗުތައް ފެށި 17 އަހަރުން ދަށާއި، 13 އަހަރުން ދަށުގެ ކެޓަގަރީ އިންނެވެ.
އެ ގޮތުން، 10 ޓީމު ވާދަކުރި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޓީމް އަންސަޓިފައިޑް އެވެ. އެ ޓީމުން ވަނީ ފައިނަލުގައި ސަސުކޭ 13-9 އިން ބަލިކޮށްފަ އެވެ.
މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މައިލޯ ރަމަޟާން ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން
އޭގެ އިތުރުން، 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވޮރިއާސް އެވެ. ވޮރިއާ ފައިނަލު މެޗު ކާމިޔާބުކުރީ ބްލޫމް ސްކޮޑާ ވާދަކޮށް 10-1 އިންނެވެ. އަދި 13 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ރޭވަންސް އެވެ. ފޯރިގަދަ ފައިނަލުގައި ރޭވަންސް އިން ވަނީ 4-3 އިން ޕިންކް ޕެންތާސް ބަލިކޮށްފަ އެވެ.
މުބާރާތުގެ އަނެއް ދެ ކެޓަގަރީ ކަމަށްވާ ސީނިއާ ބައި އަދި 15 އަހަރުން ދަށުގެ މެޗުތައް މިއަދު ފަށާނެ އެވެ. ސީނިއާ ބައިގައި ފިރިހެން 10 ޓީމު އަދި އަންހެން ހަ ޓީމު ވާދަކުރާނެ އެވެ. 15 އަހަރުން ދަށުގެ އަންހެން ބައިގައި 12 ޓީމް އަދި ފިރިހެން ބައިގައިވެސް 12 ޓީމް ވާދަކުރާނެ އެވެ. މި ދެ ކެޓަގަރީގެ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ.
ތުރީ އޮން ތުރީ މުބާރާތްތަކަކީ ކޮންމެ ރޯދަ މަހެއްގައިވެސް ފޯރިއާ އެކު ކުރިއަށްދާ މުބާރާތްތަކެކެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުންނާއި އެކި އެކި ކުލަބުތައް އަދި އަމިއްލަ ފަރާތްތަކުން ވެސް ތުރީ އޮން ތުރީގެ ގިނަ މުބާރާތްތަކެއް ރޯދަ މަހު ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
Comment