Advertisement

ދިގު އިންތިޒާރަކަށް ފަހު ޖަރުމަނުގެ ޓޭންކުތައް ޔޫކްރެއިނަށް ފޮނުވައިފި

28 މާރިޗު 2023 - 13:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަރުމަނުގެ ލެޕަޑް 2 ޓޭންކެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ދިގު އިންތިޒާރަކަށް ފަހު ޖަރުމަނުގެ ޓޭންކުތައް ޔޫކްރެއިނަށް ފޮނުވައިފި

28 މާރިޗު 2023 - 13:40 0

ޖަރުމަނުވިލާތުން ޔޫކްރެއިނަށް ފޯރުކޮށްދޭން އެއްބަސްވި ލެޕަޑް 2 ޓޭންކުތަކުގެ ފުރަތަމަ ޝިޕްމަންޓް ފޮނުވާފައިވާ ކަމަށް ޖަރުމަނުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޖަރުމަނު ޑިފެންސް މިނިސްޓްރީން ބުނީ އެންމެ ފަހުގެ 18 ޓޭންކު ފޮނުވީ ޔޫކްރެއިންގެ ސިފައިން އެ ތަކެތި ބޭނުންކުރަން ތަމްރީން ފޯރުކޮށްދިނުމަށް ފަހުގައި ކަމަށެވެ.

ޑިފެންސް މިނިސްޓަރު ބޯރިސް ޕިސްޓޯރިއަސް ވިދާޅުވީ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި އެ ޓޭންކުތައް ބޭނުންކޮށްގެން ރަނގަޅު ތަފާތެއް ފެންނާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ދިގު އިންތިޒާރަކަށް ފަހު ޖަރުމަނުގެ ޓޭންކުތައް ފޮނުވާފައިވާ އިރު، ރިޕޯޓުތައް ބުނާ ގޮތުން އިނގިރޭސިވިލާތިން ޗެލެންޖާ 2 ޓޭންކުތައް ވެސް ވަނީ ފޮނުވައިފަ އެވެ.

ރަޝިއާ ބަލިކުރަން ޒަަމާނީ އުޅަނދުތަކާއި ހަތިޔާރު ނިޒާމުތައް ބޭނުންވާ ކަމަށް ބުނެ ހުޅަނގުގެ އެހީއަށް ޔޫކްރެއިނުން އެދެމުންދާތާ ގިނަ މަސްތަކެއް ވެއްޖެ އެވެ.

ޖަރުމަނުން ފޮނުވި ލެޕަޑް 2 ޓޭންކުތައް ފަރުމާކޮށްފައި ވަނީ ރަޝިއާގެ ޓީ-90 ޓޭންކުތަކާ ދެކޮޅަށެވެ. ލެޕަޑް 2 އަކީ ހުޅަނގުގެ ގައުމުތަކުގެ އެހެން ޓޭންކުތަކަށް ވުރެ މޮޅު ޓޭންކެކެވެ.

ލެޕަޑް 2 ޓޭންކުތަކުގެ އިތުރުން ޓޭންކް ރިކަވަރީއަށް ހާއްސަ ދެ އުޅަނދާއި 40 މާޑާ އިންފެންޓްރީ ހަަނގުރާމަ މަތީ އުޅަނދު ވެސް ޖަރުމަނުން ވަނީ ޔޫކްރެއިނަށް ފޮނުވައިފަ އެވެ.

ޓޭންކު ފޮނުވަން ޕްރެޝަރު ބޮޑުވި ނަމަވެސް ޖަރުމަނާއި އެމެރިކާއިން ގިނަ ދުވަސްތަކެއް ވަންދެން އެކަމަށް އެއްބަހެއް ނުވި އެވެ.

ޖަރުމަނުން ބުނަމުން ދިޔައީ ޓޭންކު ފޮނުވުމަކީ ހަނގުރާމައިގައި ސީދާ ބައިވެރިވުން ކަމަށް ރަޝިއާއިން ބަލައި ހާލަތު ގޯސްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެމެރިކާއިން ބުނަމުން ދިޔައީ އެ ގައުމުގެ އެމް1 އަބްރަމްސް ޓޭންކުތަކުގެ މެއިންޓެނަންސާއި އެ ބޭނުންކުރުމަށް ގިނަ ތަމްރީންތަކެއް ވާން ޖެހޭތީ ގޮންޖެހުންތައް ގިނަ ކަމަށެވެ.