Advertisement

އިހްތިޖާޖު ކުރާތީ ޖަރުމަނުގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް

27 މާރިޗު 2023 - 13:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަރުމަނުގެ ފްރެންކްފާާޓް އެއާޕޯޓް. -- ފޮޓޯ: ބީބީސީ


އިހްތިޖާޖު ކުރާތީ ޖަރުމަނުގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް

27 މާރިޗު 2023 - 13:52 0

ޖަރުމަނުވިލާތުގެ އެންމެ ބޮޑު ދެ ޓްރޭޑް ޔޫނިއަނުން ފަށާފައިވާ އިހްތިޖާޖަކާ ގުޅިގެން ހޯމަ ދުވަހު އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމު ގާތްގަނޑަކަށް އެއްކޮށް ހުއްޓުމަކަށް އައިސްފި އެވެ.

ހޯމަ ދުވަހު ދަންވަރު 12:00 ޖެހުމާ އެކު އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ރޭލު ސްޓޭޝަންތަކާއި، ބަސްތަކާއި، ސަބްވޭތަކުގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި 24 ގަޑިއިރުގެ އިހްތިޖާޖެއް ފެށި އެވެ.

ޔޫނިއަންތަކުން ޑިމާންޑު ކުރަނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށެވެ. ޖަރުމަނުވިލާތުގައި ދިރިއުޅުމުގެ ހަރަދުތައް މަތިވަމުންދާ އިރު، މުސާރަ ބޮޑުނުވުމަކީ މުވައްޒަފުންނަށް އޮތް ބޮޑު ދައްޗެކެވެ.

މީގެ ކުރިން ވެސް ބައެއް ދާއިރާތަކުގެ މުވައްޒަފުން މުސާރަ ބޮޑު ކުރުމަށް ޑިމާންޑުކޮށް އިހްތިޖާޖު ކުރި އެވެ. އެކަމަކު ހޯމަ ދުވަހު އިހްތިޖާޖަކީ ފަހުގެ ތާރީހެއްގައި ކުރާ އެންމެ ބޮޑު އިހްތިޖާޖެވެ.

ހޯމަ ދުވަހުގެ އިހްތިޖާޖުގައި ބައިވެރިވާ ވޭޑި ޔޫނިއަނުން 2.5 މިލިއަން މުވައްޒަފުން ތަމްސީލް ކުރެ އެވެ. އަދި އީވީޖީ ޔޫނިއަނުން 230،000 މުވައްޒަފުން ތަމްސީލް ކުރެ އެވެ.

މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، ޔޫނިއަންތަކުން ބުނީ އިހްތިޖާޖް ކުރުމުން އިދާރާތަކަށް ޕްރެޝަރު ބޮޑު ވާނެ ކަމަށެވެ.

ވާޑި ޔޫނިއަނުން ބޭނުންވަނީ މުވައްޒަފުންގެ މުސާރަ 10.5 ޕަސެންޓުން ބޮޑު ކުރުމަށެވެ. އަދި އީވީޖީއިން ޑިމާންޑް ކުރަނީ 12 ޕަސެންޓުން މުސާރަ ބޮޑު ކުރުމަށެވެ.

ޖަރުމަނުގެ ގައުމީ ރޭލު އޮޕަރޭޓަރު ޑިޔުޝް ބާންއިން އިހްތިޖާޖް ކުށްވެރި ކުރުމަށް ފަހު ބުނީ އެފަދަ އިހްތިޖާޖެއް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އާދީއްތަ ދުވަހު ވެސް މިޔުނިކް އެއާޕޯޓުގެ ދަތުރުތަކަށް އަސަރުކުރި އެވެ. ޖަރުމަނުގެ އެއާާޕޯޓު އެސޯސިއޭޝަނުން ބުނީ 380،000 އަށް ވުރެ ގިނަ ދަތުރުވެރިންނަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

މީގެ ކުރިން ޖަރުމަނުގައި އިހްތިޖާޖްކޮށްގެން ޔޫނިއަންތަކަށް ކުރި ލިބިފައިވެ އެވެ. އެގޮތުން މާޗް މަހުގެ ކުރީކޮޅު ޕޯސްޓަލް މުވައްޒަފުންގެ މުސާރަ 11.5 ޕަސެންޓުން ބޮޑުކުރަން އިދާރާތަކުން އެއްބަސްވި އެވެ.