Advertisement

ރައީސް ސޯލިހަށް ކާމިޔާބުވާނީ މައްސަލަ ހައްލުކޮށް ނަޝީދުގެ ރުހުން ލިބިގެން: ޝިފާޒު

26 މާރިޗު 2023 - 21:53 4

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ރައީސް ސޯލިހަށް ކާމިޔާބުވާނީ މައްސަލަ ހައްލުކޮށް ނަޝީދުގެ ރުހުން ލިބިގެން: ޝިފާޒު

26 މާރިޗު 2023 - 21:53 4

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރަން ފަސޭހަވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ރުހުން އޮވެގެން ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވިއިރު ނަޝީދާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރައްވައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހަދައިގެނެވެ.

މި ރަމަޟާން މަހު "އަދަދު" ނޫހުން ކުރިއަށް ގެންދާ "ކުޅިކޮށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޮތް ހިޔާލު ތަފާތުވުމަކީ ހައްލު ކުރެވޭނެ ވަރުގެ މައްސަލައެއް ކަމަށެވެ.

ނަމަވެސް ޕާޓީގެ އިސް ސަފުންނާއި ރައީސް ސޯލިހުގެ ފަޅިން އެ މައްސަލަ ހައްލު ކުރަން މަސައްކަތް ނުކުރާ ކަމަށް، ނަޝީދުގެ ފަޅީގައި ހުންނެވި ޝިފާޒު ތުހުމަތު ކުރެއްވި އެވެ.

"މި ހިޔާލުތަފާތުވުން ރަނގަޅު ކުރުމަށް ޓަކައި އަޅުގަނޑާ ވާހަކަ ދެއްކި މީހަކު ނެތް، ރައީސުލްޖުމްހޫރިއްޔާއާއި ރައީސް ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުމެއް، އަޅުގަނޑު އެއިން އެއްކޮޅުގައި ހުރި އިރު އަނެއް ކޮޅުން ވާހަކަ ނުދައްކާ ވާހަކަ މި ބުނީ،" ޝިފާޒް ވިދާޅުވި އެވެ.

"އަދަދު" ގެ ކުޅިކޮށް ޕްރޮގްރާމްގައި ޝިފާޒް ވާހަކަ ދައްކަވަނީ. -ފޮޓޯ: އަދަދު


"ސިޔާސީ މަސައްކަތުގައި 15 އަހަރު، ހައިރާކީ ދުވަހަކު ވެސް އޮޅުވައެއް ނުލާނަން، ރައީސުލްޖުމްހޫރިއްޔާއަކީ އިސް ލީޑަރު، ޕާޓީގެ އިދާރީ ކަންކަމުގައި އެންމެ އިސް މީހަކީ ޗެއާޕާސަން، އެ މަޝްވަރާތައް އަންނަން ޖެހޭ ރޫޓުން ކުރިއަށް ނުދާ ތަން މި ފެންނަނީ،" އޭނާ އިތުރަށް ފާހަގަ ކުރެއްވި އެވެ.

ހިޔާލުތަފާތުވުން ހައްލު ކުރުމުގެ ގޮތުން އަމިއްލަ ހައިސިއްޔަތުންނާއި ޕާޓީގެ ހައިސިއްޔަތުންނާއި، ރައީސް އޮފިހުގެ މިނިސްޓަރުގެ ހައިސިއްޔަތުން ވެސް އެކި މަސައްކަތްތައް ކުރެއްވި ކަމަށް ޝިފާޒު ވިދާޅުވި އެވެ. ނަމަވެސް "އަޑު ކިޔާނީ ދެ އަތުން ޖަަހައިގެން" ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ ނަޝީދު އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅު ގޮތް ބަލާފައި މެނުވީ އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ. އަދި ރައީސް ސޯލިހަށް ނަތީޖާ ނެރެދެވިފައި ނެތް އިރު އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ފަސޭހަ ވާނީ ވެސް ނަޝީދުގެ ތާއީދު ވެސް އޮވެގެން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑާޝިޕަށް އައި ބަދަލު

2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.