Advertisement

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ރީރަޖިސްޓްރީވާން ހުޅުވާލައިފި

26 މާރިޗު 2023 - 12:31 0

ނިމާ ހަސަން

ނިމާ ހަސަން

މީގެ ކުރިން ބޭއްވި އިންތިހާބެއްގައި އިލެކްޝަންސް އޮފިޝަލުން ހަރަކާތްތެރިވަނީ. -ފައިލް ފޮޓޯ: އަދަދު


ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ރީރަޖިސްޓްރީވާން ހުޅުވާލައިފި

26 މާރިޗު 2023 - 12:31 0

އަންނަ އޭޕްރީލް މަހު 15 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށެވެ.

މި މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅަން ޖެހެނީ ހަމައެކަނި ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. މި އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތްތަނުގެ މައުލޫމާތު ބަލަން ބޭނުންވާ ފަރާތްތަކުން VR އަދި އައިޑީކާޑު ނަންބަރު (VR space ID card number) ޖެހުމަށްފަހު 1414 އަށް މެސެޖު ކުރުމުން ބަލާލެވޭނެ އެވެ.

އަދި ރީ-ރަޖިސްޓާވާން އެދޭނަމަ، އެކަމަށް އިލްކެޝަން ކޮމިޝަނުގައި ހާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު އޮންލައިންކޮށް އެ ކޮމިޝަނުންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލަށް ހުށަހެޅޭނެ އެވެ. އަދި އެ ކޮމިޝަނަށް ގޮސްގެން ވެސް ފޯމު ހުށަހެޅޭނެ އެވެ.

އީސީން ބުނީ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެ ކަމަށާއި ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެ ކަމަށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފައިވީ ނަމަވެސް އީމެއިލް މެދުވެރިކޮށް ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައި ނުގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ހަމައެއާއެކު، އީސީއަށް ގޮސްގެން ފޯމު ހުށަހަޅާނަމަ ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އަމިއްލައަށް ހާޒިރުވެގެން ފޯމު ހުށަހަޅާއިރު، ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ ޒިންމާވާ ގޮތަށް ކަމަށެވެ. އަދި އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމު ކަމަށާއި، ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއައްސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ ފޯމުގައި އެތަނެއްގެ ތައްގަނޑު ޖަހާފައިވާ 100 ފޯމު ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.