25 މާރިޗު 2023 - 05:51 0
ލުކާކޫ ގޯލު ޖެހުމަށް ފަހު އުފާފާޅުުރަނީ.
25 މާރިޗު 2023 - 05:51 0
ސްޓޮކްހޯލްމް، ސްވިޑެން (މާޗް 25) - ޔޫރޯ ކޮލިފައިން މެޗެއްގައި ކުޅުނު އެންމެ ދުވަސްވި ކުޅުންތެރިޔާގެ ރެކޯޑް ސްވިޑެންގެ ޒަލަޓާން އިބްރަހިމޮވިޗް ރޭ ހެދި މެޗުގައި، އެ ޓީމު އަތުން ރޮމެލޫ ލުކާކޫގެ ހެޓްރިކުން ބެލްޖިއަމް 3-0 އިން މޮޅުވެއްޖެ އެވެ.
ޔޫރޯ ކޮލިފައިން މެޗެއްގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް، ޒޮފް ގާއިމްކުރީ 1983 ވަނަ އަހަރު އެވެ. ރެޔާ ހަމައަށް އެ ރެކޯޑް ޒޮފް އަތުގައި އޮތީ، އުމުރުން 40 އަހަރާއި 90 ދުވަސް ފުރިފައިވަނިކޮށް މެޗެއް ކުޅެގެންނެވެ.
އުމުރުން 41 އަހަރުގެ އިބްރަހިމޮވިޗް، ރޭ އެ ރެކޯޑް މުގުރާލީ ދެ ވަނަ ހާފުގެ ފަހު ވިއްސަަކަށް މިނިޓަށް ބަދަލަކަށް ކުޅެން ނިކުމެގެންނެވެ. މިދިޔަ ހަފްތާގައި އިބްރަހިމޮވިޗް ވަނީ އިޓާލިއަން ލީގުގައި ގޯލެއް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ.
ރޭގެ މެޗުގެ ތެރެއިން އިބްރަހިމޮވިޗް ބޮލުން ބޯޅަ ފޮނުވާލަނީ.
ބެލްޖިއަމްގެ އާ ކޯޗު ޑޮމެނިކޯ ޓެޑެސްކޯގެ އިރުޝާދުގެ ދަށުން އެ ޓީމު ރޭ ކުޅުނު މެޗުގައި ޓީމުގެ އާ ކެޕްޓަނެއްގެ ގޮތުގައި ފެނިގެންދިޔައީ ކެވިން ޑިބްރޭނާ އެވެ.
ބެލްޖިއަމް އިން ސްވިޑެން ކައިރީގައި މެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް ކުޅުނު މި މެޗުގައި ބެލްޖިއަމަށް ލީޑުނަގައިދިން ގޯލު ޖެހީ 35 ވަަނަ މިނިޓްގައި ލުކާކޫ ބޮލުންނެވެ. އަދި ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި ލުކާކޫ ވަނީ ބެލްޖިއަމްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލަށް ވެސް ފުރުސަތު ތަނަަވަސްކޮށްދިނީ ޑޯޑީ ލުކެބަކިއޯ އެވެ.
މެޗުގެ 82 ވަނަ މިނިޓްގައި ލުކާކޫ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ގޯލު ޖެހީ ޔޯހަން ބަކަޔޯކޯ ދިން ބޯޅައަކުންނެވެ. މި ތިން ގޯލާ އެކު، ލުކާކޫ މި ވަނީ ބެލްޖިއަމަށް ކުޅެދިން 105 މެޗުން 71 ގޯލު ޖަހައިފަ އެވެ.
ބެލްޖިއަމް އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ލުކާކޫ ރޭގެ މެޗުގެ ކުރިން އެންމެ ފަހުން އެ ޓީމަށް ގޯލެއް ޖަހައިދިނީ 2021 ވަނަ އަހަރު އެވެ. ނިމިދިޔަ ވޯލްޑް ކަޕަކީ ލުކާކޫ އަށް ދަންކޮށް ދިޔަ މުބާރާތެކެވެ.
ކޮލިފައިން މި ގްރޫޕްގެ އަނެއް މެޗުގައި އޮސްޓްރިއާ އިން ވަނީ 4-1 އިން އަޒަރުބައިޖާން ބަލިކޮށްފަ އެވެ.
Comment