Advertisement

ކޭން ރެކޯޑެއް ހަދައިފި، އިންގްލެންޑަށް އިޓަލީ އަތުން ތާރީހީ މޮޅެއް

24 މާރިޗު 2023 - 06:08 0

ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ކޭން އުފާފާޅުކުރަނީ.


ކޭން ރެކޯޑެއް ހަދައިފި، އިންގްލެންޑަށް އިޓަލީ އަތުން ތާރީހީ މޮޅެއް

24 މާރިޗު 2023 - 06:08 0

ނޭޕްލްސް، އިޓަލީ (މާޗް 24) - އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހެރީ ކޭން މުގުރާލި މެޗުގައި، އިޓަލީ އަތުން ރޭ އިންގްލެންޑުން 2-1 އިން ތާރީހީ މޮޅެއް ހޯދައިފި އެވެ.

މިއީ ވޭތުވެދިޔަ 62 އަހަރު ތެރޭ ރަސްމީ މެޗެއްގައި އިޓަލީގެ ދަނޑުގައި އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ. އިންގްލެންޑުން ރޭގެ މެޗުގެ ކުރިން އިޓަލީގެ އަމިއްލަ ފަސްގަނޑުގައި އެ ޓީމު ބަލިކުރީ 1961 ވަނަ އަހަރު އެވެ. އަނެއްކޮޅުން މިއީ، 1999 ވަނަ އަހަރަށް ފަހު، އިޓަލީ އަމިއްލަ ދަނޑުގައި ޔޫރޯ ކޮލިފައިން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑުން ލީޑުނެގީ 13 ވަނަ މިނިޓްގައި ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. މިއީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އިޓަލީގެ ޑިފެންސް ތެރެއިން ޑެކްލަން ރައިސް އަށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ގޯލެކެވެ.

އިންގްލެންޑުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މި ލަނޑު ޖެހީ ކޭން އެވެ. މިއީ އިޓަލީގެ ފުލްބެކް، ޖިއޮވާނީ ޑި ލޮރެންޒޯ އަތުގައި ބޯޅަ ޖެހުނު ކަމަށް އިންްގްލެންޑުން އެޕީލް ކުރުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

އިޓަލީގެ ފޯވާޑް ރެޓެގީ (ވ) އަށް އިންގްލެންޑްގެ ފުލްބެކް ޝޯ ޓެކަލް ކުރަނީ: މި ޓެކަލަށް ޝޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކާފައި.


މި ޕެނަލްޓީ ކާމިޔާބުކޮށް ކޭން ވަނީ އިންގްލެންޑަށް 54 ވަނަ ގޯލު ޖަހައިދީ، އެ ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައިގެން، ކުރީގެ ފޯވާޑް ވޭން ރޫނީ ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ. ކޭން، އެ ރެކޯޑް ހެދުމުން އެންމެ ފުރަތަމަ މަރުހަބާކީ ކުޅުންތެރިންގެ ތެރޭގައި ރޫނީ ހިމެނެ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ އިޓަލީގެ ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މަޓެއޯ ރެޓެގީ އެވެ. މިއީ އާޖެންޓީނާ އަށް އުފަން 23 އަހަރުގެ ރެޓެގީ އިޓަލީ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ދެކޭގޮތުގައި ރެޓެގީ އަކީ އިޓަލީ ފުޓްބޯޅައިގައި "މުސްތަގުބަލު އޮތް" ކުޅުންތެރިއެކެވެ.

އިތުރު ލަނޑެއް ޖަހައި، އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އިންގްލެންޑުން މެޗުގެ ފަހު 10 ވަރަކަށް މިނިޓް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ރީނދޫ ކާޑާ އެކު އިންގްލެންޑްގެ ވާތު ބެކް، ލޫކް ޝޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ޝޯ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ، އަމިއްލަ ހާފުގެ ތެރެއިން އެއްލުން އެއްލަން ގޮސްފައި ބޯޅަ ލަސްކޮށް، ވަގުތު ދުއްވަން މަސައްކަތް ކުރި ކަމަށް ބަލައިފަ އެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ ބޯޅަ ހޯދަން ޖެހި ޓެކަލެއް ރެޓެގީ ފަޔަށް އެރުމުންނެވެ.

އިޓަލީގެ ކޯޗު މަންޗިނީ ބުނީ މެޗުގެ ފެށުން އޭނާގެ ޓީމަށް ދަށްވުމަކީ ބަލިވުމުގެ އަސްލު ކަމަށެވެ. އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ދެކޭ ގޮތުގައި މި މޮޅަކީ ކޮލިފައިންގައި އިންގްލެންޑް ފަށައިގަންނަން ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

ކޮލިފައިން މި ގްރޫޕްގެ އަނެއް މެޗުން މޮލްޓާ އަތުން ނޯތު މެސެޑޯނިއާ ވަނީ 2-1 އިން މޮޅުވެފަ އެވެ.