23 މާރިޗު 2023 - 13:27 0
ނޭޕާލުގައި އިއްޔެ ފެށި ޕްރައިމް މިނިސްޓާސް އިންޓަނޭޝަނަލް ކަޕްގައި ލާއޯސް އާއި ނޭޕާލް ކުޅުނު މެޗުގެ ކުރިން ނަގާފައިވާ ފޮޓޯއެއް: ދެ ޓީމުގެ ކެޕްޓަނުންނާ އެކު ދިވެހި ރެފްރީންގެ ޓީމު ވެސް ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)
23 މާރިޗު 2023 - 13:27 0
ނޭޕާލުގައި އިއްޔެ ފެށި ޕްރައިމް މިނިސްޓާސް އިންޓަނޭޝަނަލް ކަޕްގެ އޮފިޝަލްކަން ކުރުމުގެ ފުރުސަތު ދިވެހި ރެފްރީންގެ ޓީމަކަށް ލިބިއްޖެ އެވެ.
އެ ގޮތުން، ނޭޕާލާއި ބޫޓާން އަދި ލާއޯސް ވާދަކުރާ މި މުބާރާތުގެ ރެފްރީކަން ކުރަން ފުރުސަތު ލިބި ބައިވެރިވާ ދިވެހި ރެފްރީންގެ ޓީމަކީ އޭއެފްސީ އެލީޓް ރެފްރީ މުހައްމަދު ޖާވިޒް، އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން، އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު އަދި އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ އަހުމަދު އަފްސަހު އެވެ.
ޕްރައިމް މިނިސްޓާސް ކަަޕަކީ، ނޭޕާލް ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ އަށް ޓީމު ދެނެގަންނަން ފަސޭހަ ކުރުމާއި ޖޫން މަހު އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ އިތުރުން ނޭޕާލުގައި ފުޓްބޯޅަ ފޯރިގަދަ ކުރަން ރޭވި މުބާރާތެެކެވެ.
ނޭޕާލާއި ލާއޯސް ބައްދަލުކުރި މެޗު ފެށުމުގެ ކުރިން މެޗުގެ ރެފްރީ ސިނާން (ކ)އާ ބޯޅަ ހަވާލުކުރަނީ.--- ފޮޓޯ: އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)
އެ މުބާރާތުގެ ފުރަތަމަ މެޗުގައި، ނޭޕާލުން އިއްޔެ ވަނީ 2-0 އިން ލާއޯސް ބަލިކޮށްފަ އެވެ. މި މެޗުގެ ރެފްރީ އަކީ ސިނާން އެވެ. އެސިސްޓަންޓް ރެފްރީގެ ގޮތުގައި ރޮނގު ބެލެހެއްޓީ އަފްސަހު އާއި ޖައުފަރު އެވެ. އަދި ހަތަރު ވަނަ އޮފިޝަލަކަށް ހުރީ ޖާވިޒް އެވެ.
ނޭޕާލް މުބާރާތުގައި ކުރިއަށް އޮތް ލީގު ބުރުގެ ދެ މެެޗާއި ފައިނަލް މެޗުގައި ވެސް ރެފްރީކަން ކުރާނީ ދިވެހި ރެފްރީންގެ މި ޓީމުންނެވެ. މިދިޔަ އަންގާރަ ދުވަހު ހަވީރު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ގައުމީ ފުޓްބޯޅަ ޓީމުން 1-0 އިން ޕާކިސްތާން ބަލިކުރި މެޗުގައި ރެފްރީކަން ކޮށްފައިވަނީ ނޭޕާލްގެ ރެފްރީންނެވެ.
މި އަހަރު ދިވެހި ރެފްރީގެ ތެރެއިން ފީފާގެ ލިސްޓަށް އަރާފައިވާ ރެފްރީންނަށް ވަނީ ދާދި ފަހުން ބެޖް ވެސް ހަވާލުކޮށްފަ އެެވެ. އެ ގޮތުން، އެލީޓް ރެފްރީންގެ ބެޖް ލިބުނީ ޖާވިޒް އާއި ސިނާންގެ އިތުރުން އާދަމް ފަޒީލް އަށެވެ. އަދި އެސިސްޓަންޓް ރެފްރީންގެ ގޮތުގައި ބެޖް ލިބިފައިވަނީ ޖައުފަރާއި އަފްސަހުގެ އިތުރުން އަހުމަދު އަބްދުﷲ އާއި ނިއުޝާދު މުހައްމަދު އަދި އަހުމަދު ހަަސަން އެވެ.
Comment