Advertisement

ޕާކިސްތާނާއި އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި 12 މީހުން މަރުވެއްޖެ

22 މާރިޗު 2023 - 10:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބިންހެލުމުގައި ގިނަ ބަޔަކަށް އަނިޔާވި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޕާކިސްތާނާއި އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި 12 މީހުން މަރުވެއްޖެ

22 މާރިޗު 2023 - 10:21 0

ޕާކިސްތާނާއި އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 12 މީހުން މަރުވެ 40 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން 6.5 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި އިމާރާތްތަކަށް ގެއްލުންވެ، ބިންގަނޑު ކަނޑައިގެން ގޮސް، މީހުން ގެތަކުން ނިކުމެ މަގުމައްޗަށް ޖަމާވި އެވެ.

އަންގާރަ ދުވަހުގެ ރޭ ބިންހެލުން އައީ އަފްގާނިސްތާނުގެ ޖުރޫމް ވާދީއަށެވެ. އެއީ އާއްމުކޮށް ބިންހެލުން އަންނަ ސަރަހައްދެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ސަރަހައްދަކަށް ރަށްފުށުގެ ދުރު ހިސާބަކަށް ވާތީ އާބާދީ ވެސް އެހާ ގިނައެއް ނޫނެވެ. އެ ހިސާބުގައި ރަނގަޅު މަގުތައް ނެތުމުން އެހީ ފޯރުކޮށްދިނުމަށް އުނދަގޫ ވާނެ އެވެ.

މަރުވި 12 މީހުންގެ ތެރެއިން ނުވަ މީހުން މަރުވީ ޕާކިސްތާނުގެ ހައިބަރް ޕަހްތުންހްވާ ވާދީ ސަރަހައްދުންނެވެ. އަނެއް ތިން މީހުން މަރުވީ އަފްގާނިސްތާނުގަ އެވެ.

ޕާކިސްތާން ބޯޑަރު ކައިރިން ލަގްމަން ޕްރޮވިންސުން މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށް އަފްގާނިސްތާނުގެ ހެލްތު މިނިސްޓްރީއިން ބުންޏެވެ.

ބިންހެލުމުގެ އަސަރު 1000 ކިލޯމީޓަރުގެ ސަރަހައްދަކަށް ކުރި އެވެ. އެގޮތުން އިންޑިއާ، އުޒްބެކިސްތާން، ތަޖިކިސްތާން، ކަޒަކަސްތާން، ކިރްގިޒްތާން އަދި ތުރުކްމެނިސްތާނަށް ވެސް އަސަރު ކުރި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އަފްގާނިސްތާނުގެ ޕަކްތިކާ ޕްރޮވިންސަށް އައި ބިންހެލުމެއްގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.