Advertisement

އެމްބާޕޭ އަށް ފްރާންސް ކެޕްޓަން ބޭންޑް ދީފި: ރިޕޯޓް

21 މާރިޗު 2023 - 10:18 0


އެމްބާޕޭ އަށް ފްރާންސް ކެޕްޓަން ބޭންޑް ދީފި: ރިޕޯޓް

21 މާރިޗު 2023 - 10:18 0

ޕެރިސް (މާޗް 21) - ފްރާންސްގެ ކެޕްޓަންކަން ކުރަމުން އައި ގޯލްކީޕަރު ހޫގޯ ލޮރިސް ރިޓަޔާކުރުމާ އެކު ފްރާންސް ޓީމު ލީޑުކުރާނެ އާ ކުޅުންތެރިއެއް ހޮވުމުގެ ގޮތުން ކުރެވުނު މަޝްވަރާ އަށް ފަހު ކެޕްޓަން ބޭންޑް ދިނީ ކީލިއަން އެމްބާޕޭ އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމްބާޕޭ، 24، އަށް ކެޕްޓަންކަން ދީފައިވާކަން އަންގައި، އެކަމާ ބެހޭގޮތުން އިއްޔެ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ އެމްބާޕޭއާ އެކު ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ފްރާންސްގެ ކެޕްޓަންކަން ކުރި ލޮރިސް، 36، މިދިޔަ ޖެނުއަރީ މަހު ފްރާންސް ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރިއިރު، ރަފައެލް ވަރާން ވެސް ވަނީ ދެން ފްރާންސަށް ނުކުޅޭނެ ކަން އިއުލާނުކޮށްފަ އެވެ. ތަޖުރިބާކާރު ކުޅުންތެރިއަކަށް ކެޕްޓަން ބޭންޑް ދިނުމުގެ ބަދަލުގައި ފްރާންސްގެ ފެޑެރޭޝަނާއި ކޯޗިން ޓީމުން އިސްކުރި ވިސްނުމަކީ މުސްތަގުބަލު އޮތް ކުޅުންތެރިއަކާ ޓީމުގެ ކެޕްޓަންގެ ޒިންމާ ހަވާލުކުރުމެވެ.

އެ ގޮތުން، ގިނަ ބަޔެއްގެ އިއްތިފާގުން އެމްބާޕޭ އަށް ކެޕްޓަން ބޭންޑް ދޭން ނިންމީ އެވެ. އެމްބާޕޭ ވަނީ ފްރާންސަށް 66 މެޗު ކުޅެދީފަ އެވެ. އޭނާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ފްރާންސް ބަލިވި ނަމަވެސް އެ މެޗުގައި ހެޓްރިކެއް ހަދައި، ފްރާންސަށް އުންމީދީ ކުޅުމެއް ދައްކައިދިނެވެ.

ކްލަބް ލެވަލަށް ބަލާއިރު އެމްބާޕޭ އަކީ ޕީއެސްޖީގެ ވައިސް ކެޕްޓަަނެވެ. މި ފަހުން، ޕީއެސްޖީގެ ކެޕްޓަން، މާކީނިއޯސް އަނިޔާވެގެން ނުކުޅެވުނު މެޗުތަކުގައި ޕީއެސްޖީގެ ކެޕްޓަންގެ ޒިންމާ އުުފުލީ އެމްބާޕޭ އެވެ. އެމްބާޕޭގެ ކެޕްޓަންކަމުގައި ފްރާންސް ކުޅޭނެ ފުރަތަމަ މެޗަކީ ހުކުރު ދުވަހުގެރޭ ޔޫރޯ ކޮލިފައިންގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭނެ މެޗެވެ.