21 މާރިޗު 2023 - 09:23 0
އަހުމަދު އާއިދު
މިރޭ ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ރައީސްގެ ބޮޑީގާޑުންނާއި، ހަތިޔާރުއެޅި ސިފައިން ބަލަހައްޓަނީ. -- ފޮޓޯ: ޝަހީދު
21 މާރިޗު 2023 - 09:23 0
އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ހަތަރު ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއެޅީ ރޭ 11:00 ހާއިރު ރައީސް ސޯލިހުގެ ދެކަނބަލުން، ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ހުޅުމާލޭގައި އޮތް ހަފުލާއަށްފަހު މާލެ ވަޑައިގެންނެވި ވަގުތެވެ.
އެ މައްސަލާގައި ޕީޕީއެމުގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ހައްޔަރުކުރި އެވެ. އެކަމާ ގުޅިގެން ޕީޕީއެމުން ބުނީ ޝިޔާމް ހައްޔަރުކުރީ ރައީސްގެ ސެކިއުރިޓީ ފެއިލްވިކަން ފޮރުވާ، ސިފައިންނާ ފުލުހުން ޒިންމާއިން ރެކުމުގެ ބޭނުމުގައި ކަމަށެވެ. ފުލުހުން މިހާރު ވަނީ ޝިޔާމް ބަންދުން ދޫކޮށްލާފަ އެވެ.
އޭގެ އިތުރުން، ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޖުމްލަ 17 މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނަކާއި ނުވަ އަންހެނެކެވެ. އެ މީހުންގެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Comment