Advertisement

ޝިޔާމް ހައްޔަރުކުރީ ރައީސްގެ ސެކިއުރިޓީ ފެއިލްވިކަން ފޮރުވައި، ޒިންމާއިން ރެކެން: ޕީޕީއެމް

21 މާރިޗު 2023 - 09:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް (ވ): ޕީޕީއެމުން ވަނީ ޝިޔާމް ހައްޔަރުކުރީ ރައީސްގެ ސެކިއުރިޓީ ފެއިލްވިކަން ފޮރުވަން ކަމަށް ބުނެފަ - ފޮޓޯ: މަޖިލިސް އިދާރާ


ޝިޔާމް ހައްޔަރުކުރީ ރައީސްގެ ސެކިއުރިޓީ ފެއިލްވިކަން ފޮރުވައި، ޒިންމާއިން ރެކެން: ޕީޕީއެމް

21 މާރިޗު 2023 - 09:03 0

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރުކުރީ ރައީސްގެ ސެކިއުރިޓީ ފެލްވިކަން ފޮރުވަން ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޝިޔާމް ހައްޔަރުކުރުން ކުށްވެރިކޮށް ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ޕީޕީއެމުން ބުނީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމަށް ބުނެ ޖިނާއީ ކުށުގެ ޓެގް އަޅުވައި ޝިޔާމް ހައްޔަރު ކުރުން ބަލައި ނުގަނެވޭ ކަމަށެވެ.

އަދި މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސްއެޅިއިރު ޝިޔާމް އެ ސަރަހައްދުގައި ނެތް ކަމަށާއި ޝިޔާމް ހައްޔަރުކުރީ ފުލުހުންނާއި ސިފައިންގެ ފެއިލިއާ ފޮރުވައި ޒިންމާއިން ރެކުމަށް ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

"ސުލްހަވެރި އިހުތިޖާޖު ނިންމާލުމަށްޓަކައި، ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސްގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ.. އަދި އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި އަމަލެއްގެ ގޮތުގައި ތުހުމަތު ކުރަން.. އެހެން ނޫންކަމަށްވާނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ ދެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމުގެ އަމަލެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، ރޭގެ ހާދިސާއިން ފެނިގެންދަނީ ފުލުހުންނާއި ސިފައިންގެ އެންމެ މަތިން ފެށިގެން ފެއިލްވެފައިވާކަން ކަމަށާއި، އެ ދެ އިދާރާ އިސްލާހުކުރުމަށް މިނިވަން މުސްތަގިއްލު ފަރާތަކުން މިކަން ތަހުގީގުކުރުމަށްވެސް އިދިކޮޅު މައި ޕާޓީއިން ވަނީ ގޮވާލަފަ އެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ޖުމްލަ 22 މީހަކު ހައްޔަރުކުރިއިރު މިހާތަނަށް ދޫކޮށްލާފައިވަނީ ޝިޔާމް އެކަންޏެވެ. ޝިޔާމްގެ މައްޗަށް ފުލުހުން ކުރި ތުހުމަތަކީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވުމާއި، އޭނާ އިސްވެ ހުރެ ކުރި އެ މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތެވެ.

ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހުގެ ދެމަފިރިކަނބަލުން މާލެ ވަޑައިގަންނެވި ވަގުތު، މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.