21 މާރިޗު 2023 - 07:20 0
މާފަންނު ވިލީ ފުލުހުގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ބެހެއްޓުމަށް ފަހު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ކ) . -- ފޮޓޯ: ރައްޒާން އިބްރާހިމް
21 މާރިޗު 2023 - 07:20 0
އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ރޭ ކުރި މުޒާހަރާއިން ހައްޔަރުކުރި 22 މީހުންގެ ތެރެއިން، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދޫކޮށްލުމަށް ފަހު، އެހެން އެންމެންގެ ބަންދުކޮށްފި އެވެ.
މަންޒަރު ފެންނު ބައެއް މީހުން ބުނި ގޮތުގައި ޝިޔާމްގެ އިތުރުން މުޒާހަރާއިން ހައްޔަރުކުރީ 10 އަންހެނުންނާއި 11 ފިރިހެނުންނެވެ.
މެމްބަރު ޝިޔާމް ހައްޔަރުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުށަހަޅައި ހުއްޓުވުމާ ގުޅިގެންނެވެ.
ޝިޔާމްގެ މައްޗަށް ފުލުހުން ކުރި ތުހުމަތީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވުމާއި، އޭނާ އިސްވެ ހުރެ ކުރި އެ މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމެވެ.
ޝިޔާމް ދޫކޮށްލީ މާފަންނު ވިލީ ފުލުހުގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ބަހެއްޓުމަށް ފަހު ރޭ މެންދަމު ތިނެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.
މުޒާހަރާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ. ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ކޮބައިކަމެއް ނޭނގެ އެވެ.
މުޒާހަރާގައި ބައިވެރިވި ޕީޕީއެމްގެ މެމްބަރު، ރައްޒާން އިބްރާހިމް ބުނީ މެމްބަރު ޝިޔާމްއާއެކު ޖުމުލަ 22 މީހުން ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ހައްޔަރުކުރީ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ކުރިންނެވެ.
މޮޓޯކޭޑު ހުއްޓުވުމާ ގުޅިގެން އެ ސަރަހައްދުން ހައްޔަރުކުރީ ހައެއްކަ މީހުން ކަމަށް އޭނާ ބުންޏެވެ.
ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހުގެ ދެމަފިރިކަނބަލުން މާލެ ވަޑައިގަންނެވި ވަގުތު، މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. އެއީ ރޭ 11 ޖަހާކަންހާ އިރެވެ.
ޕީޕީއެމްގެ އޮފީސް ދޮރުމަތިން، ބޮޑުތަކުރުފާނު މަގުން އުތުރަށް ދެވޭ ގޮތުން ނުވުމުން މޮޓޯކޭޑު ދާންޖެހުނީ އަނބުރާލުމަށް ފަހު ބޮޑުތަކުރުފާނު މަގުން ދެކުނަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment