މިރޭ ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ރައީސްގެ ބޮޑީގާޑުންނާއި، ހަތިޔާރުއެޅި ސިފައިން ބަލަހައްޓަނީ. -- ފޮޓޯ: ޝަހީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ހުރަސް އަޅައި ހުއްޓުވައިފި އެވެ.
މިރޭ ހުޅުމާލޭގައި ބޭއްވި ރެހެންދު އެވޯޑު ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންނެވި ވަގުތު ޕީޕީއެމް ސަޕޯޓަރުން ދިޔައީ އެ ޕާޓީގެ އޮފީސް ދޮރުމަތީގައި އަޑުއުފުލަމުންނެވެ. އެއީ 11 ޖަހާކަންހާއިރެވެ.
ރައީސް ސޯލިހުގެ ކާރުކޮޅު ހުއްޓުވުމަށްޓަކައި ޕީޕީއެމްގެ ސަޕޯޓަރުން އެ އޮފީހުގެ މަގުމަތީގައި އިށީނދެ ލައިގެން. --ފޮޓޯ: ޝަހީދު
"މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް ސޯލިހަށް ޖެހިވަޑައިގަތީ އަނބުރާލާފައި ވަޑައިގަންނަވަން. އެ މަގުން ކުރިއަށް ދެވޭ ގޮތެއް ނުވި. ރައީސްގެ ބޮޑީ ގާޑުންނާއި ހަތިޔާރު އެޅި ސިފައިން ފޭބުމުން ވެސް މުޒާހަރާގެ ބައިވެރިން މަގުން ތަން ނުދިން،" ޕީޕީއެމްގެ ސަޕޯޓަރެއްކަމުގައިވާ ރައްޒާން އިބްރާހިމް "އަދަދު" ނޫހަށް މިރޭ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވި އެވެ. ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން، ފުލުހުންގެ އަދި ރައީސް އޮފީހުން ބަހެއް ނުލިބުނެވެ.
މިރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހަކު ފުލުހުންގެ ވެހިލަކަށް އަރުވާފައި. --ފޮޓޯ: ޝަހީދު
މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި މިރޭގެ މުޒާހަރާއިން ޖުމުލަ 22 މީހުން ހައްޔަރުކުރިއިރު، މޮޓޯކޭޑަށް ހުރަސް އެޅި ވަގުތު އެ ސަރަހައްދުން ހައެއްކަ މީހުން ހައްޔަރުކުރި އެވެ. ބައެއް މީހުން ހައްޔަރުކުރީ ރައީސް މޮޓޯކޭޑަށް ހުރަސް އެޅުމާ ގުޅިގެންނެވެ.
މޮޓޯކޭޑަށް ހުރަސް އަޅައިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހިމެނެ އެވެ.
މިއީ ރައީސް ސޯލިހުގެ މޮޓޯކޭޑެއް ހުއްޓުވި ފުރަތަމަ ފަހަރެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment