20 މާރިޗު 2023 - 20:37 0
އައްޒާމް އަލިފުޅު
އިންޑިއަން ގްރޯން ޕްރީގެ އިވެންޓެއް ފުރިހަމަ ކުރުމަށް ފަހު ސާއިދު ފޮޓޯ އަކަށް ހުއްޓިލައިގެން.
20 މާރިޗު 2023 - 20:37 0
އިންޑިއާގެ ޓްރެވިންޑްރަމްގައި މިއަދު ފެށި އިންޑިއަން ގްރޯން ޕްރީ އިވެންޓްގެ 100 މީޓަރާއި 200 މީޓަރު ރޭހުން ރަން މެޑަލް ހޯދައި ރާއްްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އާ އަހަރު ރަނގަޅު ކާމިޔާބަކާ އެކު ފަށައިފި އެވެ.
ސާއިދު، 30، ވަނީ މިއަދު އެންމެ ފުރަތަމަ އޭނާ ބައިވެރިވި 100 މީޓަރުގެ ރޭސް 10.67 ސިކުންތުން ނިންމައިފަ އެވެ. ދެ ވަނަ އަށް ދިޔަ އިންޑިއާގެ އޮޑިޝާގެ އާމިޔާ ކުމާ ރޭސް ނިންމީ 10.69 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ދިއްލީގެ އަމިތު ތިވާރީ ރޭސް ނިންމީ 10.90 ސިކުންތުންނެވެ.
ސަތޭކަ މީޓަރު ދުވުމުގެ އިވެންޓް ނިމުނުތަނާ، ސާއިދު ވަނީ ޑޯޕިން އަށް ގެންގޮސްފަ އެވެ. އެ އަށް ފަހު، 200 މީޓަރު އިވެންޓްގައި ބައިވެރިވެ، ސާއިދު ވަނީ 21.66 ސިކުންތުން ދުވެ، ހީޓުގެ އެއް ވަނަ ހޯދައި، ރަން މެޑަލް ހޯދައިފަ އެވެ.
އެ ގޮތުން، 200 މީޓަރު އިވެންޓްގައި އެއް ވަނަ އެތުލީޓެއް ކަނޑައެޅީ ދެ ހީޓަށް ބަަލައި، އެންމެ ރަނގަޅު ތިން އެތުލީޓުން ހޮވާ ގޮތަށެވެ. ސާއިދު، އެއް ވަނަ ހޯދީ ދެ ހީޓަށް ބަލާއިރު ވެސް އޭނާގެ ޓައިމިން އެންމެ ރަނގަޅުވުމުންނެވެ.
ސާއިދުއާ އެއް ހީޓެއްގައި 200 މީޓަރު ދުވުނު، އިންޑިއާގެ ދިއްލީގެ ޖެނަބާޖް ވަނީ 22.73 ސިކުންތުން ރޭސް ނިންމައިފަ އެވެ. އެ ހީޓުގައި ދެން ހިމެނުނު ހަރްޔާނާގެ ލަވްކިތުކާމް ޑިސްކޮލިފައިވިއިރު، ކެރަލާގެ މުހައްމަދު އާއި މަހަރާޝްތަގެ ޖޭ ޝާހު ރޭހުގައި ނުދުވެ އެވެ. އަނެއްކޮޅުން، 200 މީޓަރުގެ އަނެއް ހީޓުގެ އެއް ވަނަ ހޯދި އިންޑިއާގެ ޕަންޖާބުގެ މަނިންދަރު ރޭސް ނިންމީ، 22.29 ސިކުންތުންނެވެ. މި ހީޓުގައި ރާއްޖޭގެ ހުސެއިން ޒީކް ދުވުނުއިރު، އޭނާ ދިޔައީ ހަަތަރު ވަނަ އެވެ. ޓައިމިން އަކީ 23.49 ސިކުންތެެވެ.
އިންޑިއަން ގްރޯން ޕްރީގައި ބައިވެރިވީ އިންޑިއާގެ ހައި ކޮމިޝަނުން ޓްރެއިނިން ފުރުސަތު ތަނަވަސްކޮށްދިނުމުން ބެންގަލޫރުގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އެތުލީޓުންނެވެ. ސާއިދު ވެސް އަންނަނީ އެތުލެޓިކްސް ޓީމާ އެކު، އިންޑިއާގައި ޓްރެއިނިން ސްކޮލަޝިޕް ފުރިހަމަ ކުރަމުންނެވެ.
ސާއިދު ދެކޭ ގޮތުގައި ބައިނަލްއަގުވާމީ ބޮޑު ދެ ގޭމްސް (އިންޑިއަން އޯޝަން އައިލެންޑް ގޭމްސް - އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް) އޮއްވައި، ރަނގަޅު ފެށުމެއް ކަމަށެވެ.
"މި އަހަރު (ރާއްޖެ އަށް) ބޮޑު، ގޭމްސްތަކެއް އެބަހުރި، އެހެންވީމަ, މިއީ ރަނގަޅު ފެށުމެއް ކަމަށް މި ދެކެނީ، ރަނގަޅު ޓްރެއިނިންތަކަކަށް ފަހު، މި މުބާރާތުގައި މި ލިބުނު ކާމިޔާބީއާ އެކު ކުރިއަށް ދެވޭނެ،" އިންޑިއާގައި ހުރެ، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ސާއިދު ބުންޏެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މިދިޔަ ދެ އަހަރު ވެސް އެންމެ މޮޅު އެތުލެޓިކްސްގެ އެތުލީޓުގެ މަގާމު ހޯދި ސާއިދު އަކީ އިންޑިވިޖުއަލީ ބަލާއިރު ރާއްޖޭގައި އެންމެ ކާމިޔާބު އެތުލީޓެވެ.
ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސްއަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ ސާއިދު އެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.
އެ އަހަރަށް ފަހު 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރަން ނުލިބުނަސް ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް ހޯދައި އެ ގޭމްސްގައި އެހާތަނަށް އެތުލެޓިކްސް އިން ވެސް އަދި އެހެން އިންޑިވިޖުއަލް ކުޅިވަރަކުން ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިފަ އެވެ. އަދި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރުން ރިހި މެޑަލް ހޯދައި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މިޓަރުން ލޯ މެޑަލް ހޯދި އެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ އެ އަހަރުތަކުގައި ބޭއްވި އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފަ އެވެ.
ދެ އޮލިމްޕިކްސްއެއްގައި ވާދަކުރުމުގެ ޝަރަފް ލިބިފައިވާ މަދު ދިވެހި އެތުލީޓުންގެ ތެރޭގައި ސާއިދު ހިމެނެ އެވެ. ސާއިދު އެންމެ ފުރަތަމަ، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވާދަކުރިއިރު، ޕްރިލިމިނަރީ ހީޓުގެ އެއް ވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ފުރުސަތު ހޯދި އެވެ.
މިދިޔަ އަހަރު ސާއިދު ވަނީ ވޯލްޑް ޗެމްޕިއަންޝިޕާއި ކޮމަންވެލްތު ގޭމްސް އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment