Advertisement

އިންޑިއަން ގްރޯން ޕްރީގެ 100 މީޓަރު ރޭހުން ރާއްޖޭގެ ސާއިދަށް ރަން މެޑަލް

20 މާރިޗު 2023 - 16:29 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީ އިވެންޓްގެ ތެރެއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އިންޑިއަން ގްރޯން ޕްރީގެ 100 މީޓަރު ރޭހުން ރާއްޖޭގެ ސާއިދަށް ރަން މެޑަލް

20 މާރިޗު 2023 - 16:29 1

އިންޑިއާގެ ޓްރެވިންޑްރަމްގައި މިއަދު ފެށި އިންޑިއަން ގްރޯން ޕްރީ އިވެންޓްގެ 100 މީޓަރު ރޭހުން ރާއްޖޭގެ ހަސަން ސާއިދު ރަން މެޑަލް ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ވަނީ 10.67 ސިކުންތުން ރޭސް ނިންމައިފަ އެވެ. ދެ ވަނަ އަށް ދިޔަ އިންޑިއާގެ އޮޑިޝާގެ އާމިޔާ ކުމާ ރޭސް ނިންމީ 10.69 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ދިއްލީގެ އަމިތު ތިވާރީ ރޭސް ނިންމީ 10.90 ސިކުންތުންނެވެ.

ސާއިދު، މިއަދު 200 މީޓަރު ރޭހުގައި ވެސް ވާދަކުރާނެ އެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓު ސާއިދަށް މި އަހަރަކީ އެހެން އެތުލީޓެކޭ އެއްގޮތަށް ބޮޑު އަހަރެކެވެ. އެ ގޮތުން، ސާއިދު 2015 ވަނަ އަހަރު ރާއްޖެ އަށް ރަން މެޑަލް ގެނެސްދިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އިތުރުން އޭޝިއަން ގޭމްސް ފަދަ ބޮޑެތި އިވެންޓްތައް ކުރިއަށް އެބައޮތެވެ.

100 މީޓަރު ރޭސް ނިންމުމަށް ފަހު ސާއިދު ފޮޓޯ އަކަށް ހުއްޓިލައިގެން.


އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ދިން ފުލްޓައިމް ސްކޮލަޝިޕެއްގައި ބެންގަލޫރުގައި ތަމްރީން ހަދަމުން އަންނަ ގައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓުންގެ ތެރެއިން، ރިފާ މުހައްމަދު ފިޔަވައި، ދެން ތިބި ހުރިހާ އެތުލީޓުން މި މަހު 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީގައި ވާދަކުރާނެ އެވެ.

އެ ގޮތުން މިއަދު ރާއްޖޭގެ އަންހެން ދެ އެތުލީޓުން ކަމަށްވާ މަރިޔަމް އަލްހާ ހުސައިން އާއި އައިޝަތު ޝަބާ ސަލީމް ވަނީ އަންހެނުންގެ 100 މީޓަރު ދުވުމުގެ އިވެންޓްގައި ވާދަކޮށްފަ އެވެ. އަލްހާ ހަ ވަނައިގައި ނިންމިއިރު، ޝަބާ ނިންމީ ހަތް ވަަނައިގަ އެވެ. އަލްހާގެ ޓައިމިން އަކީ 12.71 ސިކުންތެވެ. އަދި ޝަބާގެ ޓައިމިން އަކީ 12.86 ސިކުންތެވެ.

ފުލްޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި އިންޑިއާގައި ޓްރެއިނިން ހަދަމުން އަންނަ ގައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓުންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.


ފިރިހެނުންގެ 800 މީޓަރު ދުވުމުގައި ރާއްޖޭގެ ހުސެއިން ރިޒާ (ކުޑަރިޒާ) ވަނީ ވާދަކޮށްފަ އެވެ. އެ ގޮތުން ކުޑަރިޒާ ރޭސް ނިންމީ ހަތަރު ވަނައިގަ އެވެ. ކުޑަރިޒާގެ ޓައިމިން އަކީ 1 މިނިޓް 53.51 ސިކުންތެވެ. މި ރޭސް ކާމިޔާބުކުރި ހަރްޔާނާގެ ކްރިޝަން ކުމާރުގެ ޓައިމިން އަކީ 1 މިނިޓް 47.26 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ ހިމާޗަލް ޕްރަދޭޝްގެ އަންކޭޝް ރޭސް ނިންމީ 1 މިނިޓް 51.00 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ މާދްޔާ ޕްރަދޭޝްގެ ޕަރްވޭޖް ހާން ރޭސް ނިންމީ 1 މިނިޓް 51.10 ސިކުންތުންނެވެ.