23 މާރިޗު 2023 - 11:48 0
ހުސެއިން އަރުބާން ފައްވާޒް
23 މާރިޗު 2023 - 11:48 0
ނޮވެމްބަރ 2022 ގައި ލޯންޗުކުރި ޗެޓް ޖީޕީޓީ އަކީ ސްކޫލް އަދި ޔުނިވާސިޓީ ކިޔެވުމާއި، ކިޔަވައިދިނުމުގައި ތަފާތު އިންގިލާބެއް ގެނެސްދޭނެ ޓެކްނޮލޮޖީއެއްކަން ޔަގީނެވެ. ޗެޓް ޖީޕީޓީ އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތަފާތު އިރުޝާދު ދީގެން، ޗެޓް ބޮޓަކާއި ކުރެވޭ މުއާމަލާތުގެ ދަށުން އެކި ކަހަލަ މަސައްކަތް އޮޓޮމެޓިކޮށް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ޓެކްނޮލޮޖީއެކެވެ.
އެގޮތުން، ސުވާލުތަކަށް ޖަވާބު ދިނުން، މަޒުމޫނު ލިޔުން އަދި އީމެއިލް ލިޔުން ފަދަ ކަންކަމާއި ކޮމްޕިއުޓަރު ކޯޑު އުފެއްދުން ފަދަ ކަންކަން ކުރުމުގެ ގާބިލިއްޔަތު ޗެޓް ޖީޓީޕީ އަށް ލިބިފައި ވެއެވެ. މިއީ އެމެރިކާގެ ސެންފްރެންސިސްކޯގައި ހުންނަ އޯޕަން އޭއައި އިންޓެލިޖެންސް ކުންފުނީގެ އުފެއްދުމެކެވެ. މިވަގުތު މިއީ ރިސާޗު ފޭސްގައި ވާ ޗެޓް ބޮޓެއް ކަމުން، މި ވަސީލަތުގެ ބޭނުން މުޅިން ހިލޭ ކުރެވެ އެވެ.
އޯޕަން އޭއައިގެ ޗެޓް ޖީޕީޓީގެ ކާމިޔާބީ ފެނުމުން، ގޫގުލް އިން "ބާޑު" ކިޔާ ޗެޓް ޖީޕީޓީ އެއް ނެރުމުގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރަމުން ގެންދެއެވެ.
ޖީޕީޓި -4 އެއީ ޗެޓް ޖީޕީޓީ (ޖީޕީޓީ-3) އަށް ވުރެ 500 ގުނަ ބާރުގަދަ، އަދި އިރުޝާދުތައް (ޕްރޮމްޕްޓްތައް) ބޭނުން ކޮށްގެން ވީޑިއޯ އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވާ ޓެކްނޮލޮޖީއެކެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން މިހާރު އެންމެ ގިނައިން ކުރުމުން ގެންދާ އެއް ސުވާލަކީ، މި ވަސީލަތުގެ ސަބަބުން ތައުލީމީ ނިޒާމަށް އައިސްދާނީ ކޮންކަހަލަ ބަދަލެއްތޯ އެވެ؟
ދަރިވަރުންނާއި ޓީޗަރުން ރިސާޗު ކުރުމުގައި އާއި އެކި ކަހަލަ ފިލާވަޅުތައް ނަގައި ދޭނެ ގޮތްތައް ހޯދުމާއި، ފިލާވަޅު ހަދާނެ ގޮތްތަށް ހޯދުމުގައި ޗެޓް ޖީޕީޓީގެ ބޭނުން ކުރެވިދާނެކަން މިހާރު ވަނީ މި ޗެޓް ބޮޓް އިން ޔަގީން ކަމާއެކު ސާބިތު ކޮށްދީފަ އެވެ.
އެގޮތުން، ދަރިވަރުން ބޭނުންވާ ސުވާލެއް އެހުމުން މަދު ސިކުންތު ކޮޅެއްގައި ޗެޓްޖީޕީޓީ އިން ސުވާލަށް ޖަވާބު އަރުވަ އެވެ. މިސާލަކަށް ސްކޫލާއި ބެހޭ ގޮތުން 500 ބަހުގެ މަޒުމޫނެއް ލިޔަން ޗެޓް ޖީޕީޓީއަށް އެންގުމުން އިސާހިތަކު އެކަން ވެގެން ދެއެވެ.
ޔުނިވާސިޓީ އޮފް ރޮޗެސްޓާ ގެ ކޮމްޕިއުޓާ ސައިންސް ޑިޕާޓްމަންޓްގެ އެސޯސިއޭޓް ޕްރޮފެސަރު ކްރިސްޓޮފާ ކަނާން ވިދާޅުވާ ގޮތުގައި މިއީ އަދި މި ޗެޓް ބޮޓްގެ ފުރަތަމަ ކޮޅެވެ. މިހާރު މިވަގުތު ވެސް މި ވަސީލަތަށް ދަނީ އެތައް ބައިވަރު ތަފާތު އަޕްގްރޭޑްތައް ކުރަމުންނެވެ. ކުރީގައި ކިޔަވައިދިނުމުގެ ނިޒާމަށް ލޮޅުންތަކެއް ގެނައީ ކަލްކިއުލޭޓަރާއި ސްޕެލް ޗެކްއިން، އަކަމަކު މި ޗެޓް ޖީޕީޓީ އިން އެތަކެއްޗާއި އަޅާކިޔާއިރު އެތައް ގުނަ އިތުރު ބޮޑެތި ބަދަލުތަކެއް ތަޢުލީމީ ނިޒާމަށްގެންނާނެކަމަށް ޕްރޮފެސަރޔ ކަނާން ވިދާޅުވެފައި ވެއެވެ.
ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ، ވާޓަން ސްކޫލް އޮފް ބިޒްނަސްގެ، ޕްރޮފެސަރު ކްރިސްޓިއަން ޓަވީޝް ވަނީ ރިސާޗުގެ ބޭނުމުގައި، ޗެޓް ޖީޕީޓީ ބޭނުން ކޮށްގެން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ އޮޕަރޭޝަންސް މެނޭޖުމަންޓުގެ މާއްދާގެ ފައިނަލް އެގްޒަމިނޭޝަން ހަދާފަ އެވެ. އަދި، ޗެޓް ޖީޕީޓީއަށް އެ ޓެސްޓުން ބީ އަކުން ފެށިގެން ބީ ޕްލަސްގެ ނަތީޖާއެއް ލިބުމުގެ ގާބިލިއްޔަތު ލިބިފައިވާ ކަމަށް ޓާވީޝް ލިޔެފައި ވެއެވެ. ނަމަވެސް، އާދައިގެ ހިސާބު އަދަދު ޖެހުމުގެ މައްސަލަތައް ޗެޓް ޖީޕީޓީއިން ފެނިފައިވާތިވެ އިންސާނެއްގެ ފެންވަރަށް ޗެޓް ޖީޕީޓީ ކުރިއަރާފައި ނުވާ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.
އެމެރިކާގެ ލިޔުން ތެރިޔާ، ބަހުގެ މާހިރު އަދި ފިލޯސޮފަރެއް ކަމަށްވާ ނޮއަމް ޗޮމްސްކީ ވިދާޅުވާ ގޮތުންނަމަ "ޗެޓް ޖީޕީޓީ އަކީ ހައި ޓެކް ޕްލެޖަރިސަމް އެވެ." އަދި، އެއިން ތައުލީމީ އަސާސުތައް ގެއްލިގެން ދެއެވެ. އެތައް އަހަރެއްގެ މަސައްކަތުން ޕްލެޖަރިސަމް ދެނެގަންނާނެ އެކި ޕްރޮގަރާމްތައް އުފައްދާ އެ ޕްރޮގްރާމްތައް ޕްރޮފެސަރުން ބޭނުން ކުރަމުން ދަނިކޮށް، މި އީޖާދުން އެމަސައްކަތް ކުރުމުގައި އިތުރަށް އުނދަގު ތަކަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށް، ޗޮމްސްކީ ވިދާޅުވި އެވެ. އަދި، މި ވަސީލަތަކީ ޕްލެޖަރިސަމް އަށް އެކަނި އެހީވެދޭ ވަސީލަތެއްކަމަށް ވިދާޅުވެފައި ވެއެވެ. މިއީ ދަސްކުރުމާއި ދުރުކުރުވާ އަދި ދަރިވަރުންނަށް މި ވަސީލަތް ބޭނުން ކުރުމުން، އެއްވެސް އެއްޗެއް ދަސްނުވާނެ ކަމަށް ވެސް ޗޮމްސްކީ ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ ނިއު ޔޯކް އަދި ސިއޭޓަލްގެ ޕަބްލިކް ސްކޫލްތަކުގައި ބޭނުން ކުރާ ޑިވައިސް ތަކުން ޗެޓް ޖީޕީޓީ ބްލޮކް ކޮށްފައިވާ އިރު އެހެން ސްކޫލްތަކުން ޗެޓް ޖީޕީޓީ އަކީ ކިޔަވައިދިނުމަށް ބޭނުން ކުރެވޭނެ އަގުހުރި ވަސީލަތެއް ކަމަށް ޤަބޫލުކުރެއެވެ.
ރާއްޖޭގައި ކޮމްޕިއުޓިންގް އަށް މަޝްހޫރު ކުންފުނި ކަމަށްވާ "ޖަވާބު" އިން ދިވެހި ބަހުން ބޭނުން ކުރުމަށް "ދިވެހި ޖީޕީޓީ" ވަނީ ތައާރަފް ކޮށްފައެވެ. މި ޖީޕީޓީގެ އެންމެ ފަހު އަޕްޑޭޓްގައި ،އޯޕަން އޭއައި ގެ ޖީޕީޓީ-4 މޮޑަލް ބޭނުންކޮށްފައި ވެއެވެ. އެހެންކަމުން ދިވެހި ބަހުން ވެސް ޗެޓް ޖީޕީޓީ މިހާރު ބޭނުން ކުރުމުގެ ފުރުސަތުތައް ވެސް މިދަނީ ފުޅާވަމުންނެވެ.
Comment