Advertisement

ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީއަށް ޖޭއެސްސީ އިތުރުކުރުމަށް އިދިކޮޅުން ގޮވާލައިފި

19 މާރިޗު 2023 - 19:56 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް: ވިދާޅުވީ ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީއަށް ޖޭއެސްސީ އޮންނަން ޖެހޭނެ ކަމަށް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީއަށް ޖޭއެސްސީ އިތުރުކުރުމަށް އިދިކޮޅުން ގޮވާލައިފި

19 މާރިޗު 2023 - 19:56 0

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލަފާދިނުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމިޓީއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކު އިތުރު ކުރުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބު ލަފާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެންމެ ފުރަތަމަ މި އަހަރުގެ ރިޔާސީ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓެއް ދެއްކި ޕާޓީއަކީ ޕީޕީއެމް ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި، ރިޔާސީ ކެންޑިޑޭޓަކަށް ވެ ހުންނަވަނިކޮށް ޔާމީނާއި ދޭތެރޭ ރާއްޖޭގެ ޝަރުއީ ނިޒާމުން ކަންކުރަމުންދާ ގޮތުގެ ސަބަބުން އެ ކޮމިޓީގައި ޖޭއެސްސީ އޮތުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ ޖޭއެސްސީ މިތާ މުހިންމު ވަނީ. ދަށު ކޯޓުން ރައީސް ޔާމީނަށް ހުކުމް ޖަހާ ފަނޑިޔާރު، ހައި ކޯޓަށް މައްސަލަ ދާއިރަށް ހައި ކޯޓަށް، ސުޕްރީމް ކޯޓަށް މައްސަލަ ދާއިރަށް ސުޕްރީމް ކޯޓަށް، މި ކަންތައްތައް އިލެކްޝަން ކޮމިޝަނަށް ނުފެނޭ، ރިޔާސީ ކެންޑިޑޭޓަކަށް މިވަރު ވާއިރު, އިލެކްޝަން ކޮމިޝަން ހިމޭނުން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ޔާމީނު ޖަލުގައި އޮންނެވިހާ ހިނދަކު މި އަހަރުގެ ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމާމެދު އިދިކޮޅުން ޝައްކުކުރާނެ ކަމަށެވެ.

އިދިކޮޅުގެ މި އެދުމަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ލަފާދޭ ކޮމިޓީއަށް ޖޭއެސްސީ އިތުރުކުރުމާމެދު ކޮމިޓީއިން މަޝްވަރާކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ވުމަށް އަންނަ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު ތިން ވަނަ ދުވަހާ ހަމައަށް އިއުލާނުކުރާނެ ކަމަށާއި އެ މުއްދަތުގައި ކެންޑިޑޭޓެއްގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް އީސީއިން ފޯރުކޮށްދޭނެ ކަމަށެވެ.

އީސީއިން ރިޔާސީ އިންތިހާބަށް ލަފާ ހޯދުމަށް އެކުލަވާލި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު އެ ކޮމިޓީގައި ސަރުކާރުގެ ގިނަ އިދާރާތަކާއި މުއައްސަސާތައް ހިމެނެ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ބްރޯޑްކޮމް އަދި މީޑިއާ ކައުންސިލް ވެސް ހިމެނެ އެވެ.