Advertisement

އިކުއެޑޯއަށް އައި ބިންހެލުމެއްގައި 12 މީހުން މަރުވެއްޖެ

20 މާރިޗު 2023 - 10:27 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބިންހެލުމަށް ފަހު އެމެޖެންސީ ޓީމުތަކުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ރޮއިޓާޒް


އިކުއެޑޯއަށް އައި ބިންހެލުމެއްގައި 12 މީހުން މަރުވެއްޖެ

20 މާރިޗު 2023 - 10:27 0

އިކުއެޑޯގެ ދެކުނު އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމެއްގައި 12 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން 6.7 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި ގިނަ ސިޓީތަކެއްގައި އިމާރާތްތަކަށް ގެއްލުން ލިބުނެވެ.

އެންމެ ބޮޑަށް އަސަރު ކުރީ ދެކުނު އެލް އޯރޯ ޕްރޮވިންސަށެވެ. އެ ޕްރޮވިންސްގެ ބައެއް ގެތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް އެމެޖެންސީ ހިދުމަތްތަކުން ބުނެ އެވެ.

މިހާތަނަށް 12 މީހުން މަރުވެފައިވާ އިރު، 11 މީހުން މަރުވީ އެލް އޯރޯއިންނެވެ. އަދި އެކަކު މަރުވީ އަަޒުއޭ ޕްރޮވިންސުންނެވެ.

ބިންހެލުން އައީ ތިން މިލިއަން މީހުން ދިރިއުޅޭ އިކުއެޑޯގެ އެންމެ ބޮޑު ސިޓީ ގުއަޔަކުއިލްއާ 50 މޭލު ދުރުން ބާލާއޯ ކައިރިންނެވެ.

ރައީސް ގުއިލާމޯ ލާސޯ ގޮވާލެއްވީ ލިބިފައިވާ ގެއްލުން ވަޒަން ކުރަމުންދާ އިރު، ހުރިހާ ރައްޔިތުން ވެސް ކެތްތެރިކަމާ އެކު ތިބުމަށެވެ.

"އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް އެމެޖެންސީ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުން،" ލާސޯ ވިދާޅުވި އެވެ.

އޭގެ އިތުރުން އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރައީސް އޮފީހުން ހާމަކުރި އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް ބައެއް މަގުތައް ބަންދުވެފައިވާ އިރު، ގެތަކާއި ތައުލީމީ މަރުކަޒުތައް ހިންގާ އިމާރާތްތަކާއި ސިއްހީ މަރުކަޒުތަކަށް ވެސް ގެއްލުން ލިބުނެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އައި ބިންހެލުމެއްގައި އިކުއެޑޯއިން 700 މީހުން މަރުވި އެވެ. މިއީ އޭގެ ފަހުން އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

އިކުއެޑޯއާ ޖެހިގެން އޮންނަ ޕެރީގެ އޮފިޝަލުން ބުނީ އެ ގައުމުގެ އުތުރުގެ ހިސާބުތަކަށް ބިންހެލުމުގެ އަސަރު ކުރި ނަމަވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.