Advertisement

ހުލާސާކޮށް އިއްޔެ: ޓޭޒާ ބަޑިއާ ގުޅޭ ގޮތުން ރައީސް ސޯލިހު ވާހަކަ ދެއްކެވުން

19 މާރިޗު 2023 - 07:15 0

ލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ޓޭޒާ ބަޑިއާ ގުޅޭ ގޮތުން ރައީސް ސޯލިހު ވާހަކަ ދެއްކެވުން

19 މާރިޗު 2023 - 07:15 0

ފުލުހުންގެ ހިދުމަތުން އަލަށް ބޭނުންކުރަން ފެށި ޓޭޒާ ބަޑި، ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެ ކަމަށާއި ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ރައީސް ސޯލިހު ވިދާޅުވީ ޓޭޒާ ބަޑިއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު ފުލުހުން އަދި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.

"މިއީ ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު އެކުށްވެރިންނާއި ފުލުސް މީހާގެ ވެސް ރައްކަލަކަށްޓަކާ ބޭނުންކުރާ ވަސީލަތެއް. ފަހަރެެއްގައި ވެސް މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ފުލުހުން ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ފުލުހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަމާއި ޖިސްމާނީ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވަނީ ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުށްވެރިން ކުށްކުރާ ގޮތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށާއި، އެކަމަށް ފުލުހުން ފާރަވެރިވުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

"ޓެކްނޮލޮޖީގެ ކޮންމެ ލުއިފަސޭހައާއެކު އިޖްތިމާއީ ނުވަތަ ޖިނާއީ ގޮންޖެހުމެއް ކުރިމަތި ނުވެއެކޭ ނުދެންނެވޭނެ. މުޖްތަމައު އާއި ފަރުދުންގެ ސަލާމަތަށް ނުރައްކާވާ ކަންކަން ދަނީ ތަފާތުވަމުން ބަދަލުވަމުން. އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތައް އަދި ވައްޓަފާޅި ވެސް ދަނީ ބަދަލުވަމުން. އަދި އެފަދަ ކުށްތައްކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު ގާނޫނުގެ އަަތްދަށު ނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުން ތަފާތުވަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަންކަމުގެ ސަަބަބުން ފުލުހުންގެ ތައްޔާރީ ހާލަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވާ ކަމަށެވެ. އެ ބަދަލުތަކާއި އެކަށޭނެ ގޮތަށް ފުލުހުންގެ ހިދުމަތަށް ބަދަލު ގެނައުމަށް ބޮޑެތި އިސްކަމެއް ދޭންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއަދު ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ރާއްޖޭގެ ޔުނިވާސިޓީތަކާއި ގުޅުންހުރި އިދާރާތަކުން ބައިވެރިވާނެ އެވެ. އެ ކޮންފަރެންސަށް މިއަދު 10 ރިސާޗް ކަރުދާސް ހުށަހަޅާނެ އެވެ. އޭގެ ތެރެއިން ދެ ކަރުދާހަކީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ހުށަހަޅާ ދެ ކަރުދާހެވެ. މި ކޮންފަރެންސްގެ ތިން ވަނަ ދުވަހު ކުރިއަށް ގެންދާނީ ފުލުހުންގެ ހިދުމަތް އާންމުންނަށް ދިނުމާއި ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރުމެވެ.

މުހިންމު ބައެއް ހަބަރު

ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރަން އިލްމީ ރަނގަޅު ދިރާސާތަކެއް މުހިންމު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި އެވެ.

އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ރާއްޖެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

ވިލިމާލެއިން 13 އަހަރުގެ އަންހެންކުއްޖަަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަހުޖަނު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިން ވާދަކުރަން ނިންމާފައިވާތީ، މިހާރު ވެރިކަންކުރާ ކޯލިޝަންގައި އެ ޕާޓީއާއެކު ކުރިއަށްދާނެ ގޮތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިފި އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުގެ އިސްވެރިން މި ސަރުކާރުގައި ގެންދަނީ އާދޭސް ކުރަމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދަރުބާރުގޭގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ؛

ޓެކްނޮލޮޖީގެ ކޮންމެ ލުއިފަސޭހައާއެކު އިޖްތިމާއީ ނުވަތަ ޖިނާއީ ގޮންޖެހުމެއް ކުރިމަތި ނުވެއެކޭ ނުދެންނެވޭނެ. މުޖްތަމައު އާއި ފަރުދުންގެ ސަލާމަތަށް ނުރައްކާވާ ކަންކަން ދަނީ ތަފާތުވަމުން ބަދަލުވަމުން. އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތައް އަދި ވައްޓަފާޅި ވެސް ދަނީ ބަދަލުވަމުން. އަދި އެފަދަ ކުށްތައްކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު ގާނޫނުގެ އަަތްދަށު ނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުން ތަފާތުވަމުން،"

ދުވަހުގެ ފޮޓޯ