Advertisement

ދަނޑުން ބާޒާރަށް: ތޮއްޑޫ ކަރާގެ ދަތުރު

30 މާރިޗު 2023 - 09:56 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ތޮއްޑޫ ދަނޑުވެރިއަކު އޭނާގެ ކަރާ ދަނޑަށް ފެން ދެނީ: ކަރާ ހެއްދުމަކީ މަސައްކަތް ގިނަ އަދި ބުރަ ކަމެއް -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ދަނޑުން ބާޒާރަށް: ތޮއްޑޫ ކަރާގެ ދަތުރު

30 މާރިޗު 2023 - 09:56 3

ލޯކަލް މާރުކޭޓުގައި މިއަދު ފެންނަ ފުރިހަމަ އަދި ދޮންވެ، ފައްކާވެފައި ހުރި އއ. ތޮއްޑޫ ކަރަލަކީ މީގެ ތިން ހަފުތާ ކުރިން ކުކުޅު ބިހަކަށްވުރެ ކުޑަ އެއްޗެކެވެ. ކަރާ އޮށް އިންދުމާއި އެއިން ގަސް ފަޅައި، މޭވާ ފައްކާވެ ބާޒާރަށް ނެރުމާ ދޭތެރޭގައި ނަގަނީ ގާތްގަނޑަކަށް ހަތަރު ހަފުތާ އެވެ.

ކަރާ ހެއްދުމަކީ މަސައްކަތް ގިނަ އަދި ބުރަ ކަމެކެވެ. ކަރަލަކީ ނާޒުކު އެއްޗެއްކަމުން އެއަށް ދޭންޖެހޭ ސަމާލުކަން ބޮޑެވެ. އަދި މިހާރު، ކަރަލަށް ޖެހޭ ބަލިތައް ވެސް މަދެއް ނޫނެވެ. ކަރަލުން ދަނޑުވެރިޔާއަށް ރަނގަޅު މަންފާއެއް ލިބެނީ ކޮންމެ ދުވަހަކު ވެސް ދަނޑަށް ނިކުމެ، ކުރަންޖެހޭ މަސައްކަތްކޮށް، ދަނޑުގެ ކަންކަން ނިކަން ފުރިހަމައަށް ބެލެހެއްޓުމުންނެވެ.

މާލޭ ބާޒާރުގައި ތޮއްޑޫ ކަރާ އެންމެ ޑިމާންޑު ބޮޑު އެއް މުދަލަށްވާ ސަބަބަކީ ދަނޑުވެރިންގެ މަސައްކަތެވެ. ދަނޑުވެރިކަން ކުރުމުގައި 22 އަހަރު ހޭދަކޮށް އަދިވެސް އެ މަސައްކަތް ކުރަމުންދާ މި ރަށު އަލީ ނަސީމް، 46، އަކީ ކަރާ ހެއްދުމުގެ ހޭޑިފޭޑި އެންމެ ރަނގަޅަށް ދަންނަ އެކަކެވެ.

"ކޮންމެ މީހަކު ވެސް މިކަން ކުރާ ގޮތްތަކެއް ހުރޭ. އެކި މީހުން އެކި ގޮތްތަކަށް މިކަން ކުރޭ. އެކަމަކު މައިގަނޑު ގޮތެއްގައި ތޮއްޑޫގައި ހަމަ އެންމެން ވެސް ކަރާ ހައްދާނީ އެއްގޮތަކަށް. މަސައްކަތް ބުރަ އެކަމަކު މަންފާ ވެސް ރަނގަޅު ވިޔަފާރިއެއް މިއީ،" ނަސީމު އޭނާގެ ދަނޑުގައި ހުރެ "އަދަދު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

ދަނޑު ތައްޔާރު ކުރުން

ކަރާ ހައްދާ ބިމަކީ އިންދާ ވެލުގެ ނަތީޖާ ރަނގަޅު ކުރަން ވަރަށް މުހިންމު ރޯލެއް އަދާ އެއްޗެކެވެ. ތޮއްޑޫ ދަނޑުވެރިންނަށް ފާހަގަވެފައި އޮތީ އެންމެ ރަނގަޅު ކަރާ ލިބެނީ އެ ބިމުގައި އިތުރު އެއްޗެއް ނުހެއްދުމުން ކަމެވެ. ކަރާ ހައްދަން ވަކި ދަނޑުބިމެއް ރަށުގައި ހާއްސަކޮށްފައި އޮތީ އެހެންވެ އެވެ.

ބޮޑުމިނުގައި 172.6 ހެކްޓަރު ހުރި ބިޔަ ތޮއްޑޫގެ ތިން ބައިކުޅަ އެއްބަޔަކީ ދަނޑުވެރިކަމަށް ހާއްސަކޮށްފައި އޮތް ބިމެވެ. އަދި އެއް ބައިގައި މީހުން ދިރިއުޅޭއިރު އަނެއް ބަޔަކީ އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތެއް ވެސް ނުހިނގާ އޮންނަ ހުސް ބިމެވެ.

ތޮއްޑޫ ކަރާ ދަނޑުތައް މަތިން ފެންނަ ގޮތް: މިއަހަރުގެ ރޯދަ މަހަށް 116 ދަނޑު ކަރާ ހެއްދުމަށް ކައުންސިލުން ދޫކުރި -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ދަނޑުވެރިކަމަށް ހާއްސަކޮށްފައިވާ ބިންތަކުގައި ތިން ދަނޑުބިމެއް އޮވެ އެވެ. އެއީ މައިރަށު ދަނޑުބިމާއި އާބާދީއާ ދުރުގައި އޮންނަ ގޮއި ދަނޑުބިމާއި ކޮންމެ އަހަރަކު ރޯދައަށް ހާއްސަ ކުރާ ކަރާ ދަނޑުބިމެވެ. މި ރަށުގައި 350 ފޫޓާއި 250 ފޫޓު ހުންނަ 116 ދަނޑު މި ރޯދަ މަހު ކަރާ ހައްދަން ދޫކުރި އެވެ.

"މެދުނުކެނޑި އެ ބިމެއްގައި އެއްޗެއް ހައްދާ ނަމަ ބަލިޖެހޭ މިންވަރު ވެސް އިތުރުވޭ. އަބަދު އެއްޗެހި ހައްދަންޏާ ބިންގަނޑު ދެރަވެފައި އޮންނާނީ. ކަރާ ދަނޑުގައި ހައްދާނީ ކަރާ އެކަނި. އެއިރުން ބިންގަނޑު އަރާމު ކުރަން ވެސް ވަގުތު ލިބުނީ،" ކަރާ ހައްދާ ބިން މުހިންމުވާ ސަބަބު ނަސީމު ކިޔައިދިނެވެ.

ކޮންމެ އަހަރަކު ވެސް ކަރާ ހައްދާ ވަގުތު ޖެހުމުން ދަނޑުވެރިން ކުރާ އެންމެ ފުރަތަމަ މަސައްކަތަކީ ދަނޑުން ވިނަގަސް ފަދަ ތަކެތި ނޮޅައި ސާފު ކުރުމެވެ. އެއަށްފަހު ދަނޑު ރަނގަޅަށް އަންދާލަނީ އެވެ. އޭގެ ބޭނުމަކީ ހުރިހާ ވިނަތަކެއް ނައްތާލުމެވެ. އަދި އޭގެ ސަބަބުން، ދަނޑުގައި ގަސްތަކަށް ޖެހޭ ބަލިތަކެއް އުޅޭ ނަމަ ނައްތާލުމަށް ވެސް އެހީތެރިވެދެ އެވެ.

އޮށް އިންދުމާއި ފެން ދިނުން

ދަނޑު ތައްޔާރުވުމުން އެއޮތީ އޮށް އިންދާ ވަގުތު ޖެހިފަ އެވެ. އެކަމަކު ތޮއްޑޫގައި އެކަން ކުރަނީ ވަކި އުސޫލެއްގެ ދަށުންނެވެ. މި ރަށުގައި ކަރާ އިންދާނެ ދުވަސް ކަނޑައަޅަނީ ރަށު ކައުންސިލުންނެވެ. ކުރިން ރަށު އޮފީހުންނެވެ. ހުރިހާ ދަނޑުވެރިން ވެސް އޮށް އިންދަނީ ކައުންސިލުން ބުނާ ދުވަހެއްގަ އެވެ. ނަތީޖާއަކީ ތޮއްޑޫ ކަރާ މާކެޓުގައި ކޮންޓްރޯލް ކުރެވުމާއި މާކެޓު ކުރުމަށް ފަސޭހަތަކެއްވުމެވެ.

އޮށް އިންދާ ދުވަސް ޖެހުމުގެ ކުރިން ދަނޑުވެރިން ތިބެނީ އެ އިންދާނެ ސީދާ ދިމަދިމާ ކަނޑައަޅައިފަ އެވެ. އޮށް އިންދާއިރު ބަލަންޖެހޭ ކަމަކީ ވެޔޮގަނޑު އެކަތި އަނެއްކައްޗާ ހުރަސްނުވާނެ ގޮތަކަށް، ކޮންމެ ގަހަކަށް ވެސް ދުވަން ޖާގަ ދިނުމެވެ. އޮށް އިންދަނީ އިންޗިއެއްހާ ފުނުގަ އެވެ.

ކަރަލުގެ 92 ޕަސެންޓަކީ ފެނެވެ. އެހެންކަމުން ކަރާ ހައްދާއިރު އެއަށް ވަރަށް ގިނައިން ފެން ބޭނުންވެ އެވެ. މި ރަށުގެ ދަނޑުވެރިން ފެން ހޯދަނީ ވަޅު ކޮނެގެންނެވެ. އާންމު ގޮތެއްގައި ވަޅު ހަދަނީ ތާންގިއެއް ފައްތައިގެނެވެ. ފެން ނަގަނީ ޕަމްޕެއް ބޭނުންކޮށްގެނެވެ. ގިނަ ދަނޑުތަކުގައި ހުންނަނީ ފެން ހޮޅި އަޅައިފަ އެވެ. ފެން ދޭން ހަދާ ގޮތަކީ ޕަމްޕު ޖައްސާލުމަށްފަހު އަމިއްލައަށް ހޮޅިން ފެން ދޫކުރަނީ އެވެ. ބައެއް ދަނޑުތަކުގައި ސްޕްރިންކްލާ ސިސްޓަމް ގޮތަށް ފެން ދެވޭނެ ނިޒާމު ހުރީ ގާއިމްކޮށްފަ އެވެ.

ދަނޑަށް ފެން ދިނުމަށް ވަކި ގަޑިއެއް ނޯވެ އެވެ. އާންމުކޮށް ދަނޑުވެރިން ނިކުންނަނީ ފަތިހާ އެވެ. އެކަމަކު މެންދުރު ވެސް ބައެއް މީހުން އާދެ އެވެ. ހަަވީރު ވެސް ބައެއް ދަނޑުވެރިން ފެން ދެ އެވެ. އަދި ދެ އިރަށް ނުވަތަ ތިން އިރަށް ވެސް ބައެއް ދަނޑުވެރިން ފެން ދެ އެވެ. ފެން ދިނުމުގައި ނަސީމު ގެންގުޅޭ އުސޫލު އޭނާ ކިޔައިދިނެވެ.

"އަހަރެންގެ ތަޖުރިބާއަކީ ދަނޑަކީ ހޭނި ގޮތަކަށް ހޭނޭނެ އެއްޗެއް. ދެއިރު ނިކުމެ ފެން ފެން ދޭ ދަނޑަކަށް ދެ އިރަށް ފެން ނުލިބެންޏާ ހަލާކުވާނެ. ހޭނި ގޮތަކަށް ކަރާ ލިބެންދެން މަސައްކަތް ކުރަންޖެހޭނެ،" ނަސީމު ބުންޏެވެ.

މާ އެޅުމާއި ކަރާ އުފެދުން

އިންދާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަރާ ވެޔޮގައި މާ ފަޅަ އެވެ. ކަރާ އުފެދެނީ އަންހެން މަލުގެ ބުޑުންނެވެ. އެކަމަކު މިއީ ގަހުގެ ވަރަށް ނާޒުކު ސްޓޭޖެކެވެ. ކިތަންމެ ގޮތަކުން މާ ވެއްޓުމުގެ ފުރުސަތު އޮވެ އެވެ. ވެއްޓޭ ކޮންމެ މަލަކީ ގެއްލޭ ކަރަލެކެވެ. އެހެންކަމުން މާ ރައްކާތެރިކުރެވޭތޯ ދަނޑުވެރިން ވަރަށް މަސައްކަތް ކުރެ އެވެ.

މާ ރައްކާތެރިކުރަން ކުރާ އެއް ކަމަކީ ފިރިހެން މަލުގެ ޕޮލެން ނުވަތަ މަލުގެ ކުނޑިތައް އަންހެން މަލުގެ ކަރުގަނޑުގައި އުނގުޅާލުމެވެ. ހަގީގަތުގައި އެއީ މާބުރާއި ކޮކާ އަދި އެ ޒާތުގެ އެހެން ދިރުންތައް ގުދުރަތީ ގޮތުން ކުޅޭ ރޯލެކެވެ. ވައި ޖެހިގެން ވެސް ޕޮލިނޭޓުވެ އެވެ. އެކަމަކު، ޕޮލިނޭޝަން ޕްރޮސެސް ދަނޑުވެރިން ޔަގީން ކުރަން ބޭނުންވާ ނަމަ ޖެހޭނީ އަމިއްލައަށް އެ މަސައްކަތް ކުރާށެވެ.

"އެންމެ ބުރަވާނީ މި ބައި. މަލުގެ ކުނޑި ނުއުނގުޅަންޏާ މާ ބަލިވާނެ، ހަރެއްނުލާނެ. ކޮންމެ މަލަކަށް އެހެން ހެދުމަކީ ބުރަ ކަމެއް. އާންމުކޮށް އަންހެންވެރިން ވެސް ގޭގެ މީހުން ވެސް މަސައްކަތުގެ އެބަޔަށް އެހީތެރިވެދޭން އަންނާނެ،" އެކަން ކުރާ ގޮތް ދައްކައިދެމުން ނަސީމު ކިޔައިދިނެވެ.

އަންހެން މަލުގެ ކަރުގަނޑުގައި އުނގުޅުމަށް ފިރިހެން މަލުގެ ކުނޑި ނަގާނެ ގޮތް ނަސީމު ދައްކައިލަނީ: ދަނޑުވެރިން ބުނަނީ އެއީ ކަރާ ހެއްދުމުގެ އެންމެ ނާޒުކު އަދި ބުރަ ސްޓޭޖު ކަމަށް -- ފޮޓޯ: މިރާން ނާޝިމް/އަދަދު


މި ދުވަސްވަރު ބަލަންޖެހޭ އަނެއް ކަމަކީ ވެލުގެ ކޮޅަށް ފަރުވާތެރިވުމެވެ. ވެލުގެ ކޮޅު އޮންނާނީ ބިންމަތީގައި ހަރުލާފަ އެވެ. ނޫން ނަމަ ވަޔާ ކޮޅުކޮޅަށް ތެޅި، ގަސް ހަލާކުވުމުގެ ފުރުސަތު އޮންނާނެ އެވެ. ވެލުގެ ކޮޅު ހަރު ލެއްވުމަށް ދަނޑުވެރިން ކުރާ ކަމަކީ ކޮޅު ކުޑަ ފަސްކޮޅަކުން ވަޅުލުމެވެ. ދަނޑަށް ކޮންމެ ދުވަހަކު ނިކުމެ އުޅޭއިރު ބަލަންޖެހޭ އެއް ކަމަކީ އެއްވެސް ގަހެއްގެ ކޮޅު ދޫވެފައި ހުރިތޯ ބެލުމެވެ.

ކަރާ ސާފު ކުރުމާއި ރަނގަޅަށް ބެލެހެއްޓުން

ޕޮލިނޭޝަން ސްޓޭޖު ނިމި އިސާހިތަކު ކަރާ އުފެދެން ފެށުމުން ތިން ވަރަކަށް ހަފުތާގެ ތެރޭގައި ބޮޑު ކަރަލަކަށްވެ އެވެ. ކަރާ ބޮޑުވަމުންދާ ވަރަކަށް އެއަށް ދޭންޖެހޭ ސަމާލުކަން ވެސް ބޮޑެވެ. ކަރާތައް ރަނގަޅަށް ނުބަލަހައްޓާ ނަމަ ފާވެ، ހަލާކުވުމުގެ ފުރުސަތު އޮންނަނީ ދުރަކު ނޫނެވެ. އަދި ގަހަށް ބައްޔެއް ޖެހިފައި ހުރިތޯ ވެސް ރަނގަޅަށް ބަލަންޖެހެ އެވެ.

ގަހަށް ބައްޔެއް ޖެހިއްޖެ ނަމަ އެކަން ރަނގަޅަށް ބަލައި، އެކަށީގެންވާ ފަރުވާ ދޭންޖެހެ އެވެ. މި ދުވަސްވަރު ތޮއްޑޫގައި އުޅޭ އެއް ބައްޔެއް ޖެހުމުން ވާ ގޮތަކީ ވެލުގެ ކޮޅު މޯޅިވުމެވެ. ނަސީމުގެ ދަނޑުން ވެސް އެ ބަލީގެ ނިޝާންތައް ބައެއް ވެޔޮތަކުން އެބަ ފެނެ އެވެ. އެކަމަކު، އެއީ ކޮން ބައްޔެއްކަން ނަސީމަކަށް ވެސް ނޭނގެ އެވެ.

ނަސީމު އޭނާގެ ދަނޑު ކަރައެއް ނަގައި ސާފުކޮށްލަނީ: ކަރާ ހެއްދުމަކީ ކޮންމެ އަހަރަކު ވެސް އޭނާ ކުރާ މަންފާ ވެސް ރަނގަޅު މަސައްކަތެއް -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ބަލިތަކަށް ރައްކާތެރިވުމުގެ އިތުރުން ފަރުވާތެރިކޮށް ކުރަންޖެހޭ އަނެއް މަސައްކަތަކީ ކަރާ ސާފު ކުރުމެވެ. ވިއްކަން ބަހައްޓާފައި ހުންނަ ކަރާތަކުން ރީނދޫކޮށް ފެންނަން ހުންނަ ބަޔަކީ ބިންމަތީގައި ޖެހިފައި އިންނަ ބަޔެވެ. ބިންމަތީގައި ޖެހިފައި އޮންނަ ބައި ސާފުތާހިރުކޮށް ބަހައްޓަންޖެހެ އެވެ. އޭގެ ދަށުގައި ވިނަ ނުވަތަ ކުދި ގަސް ފަޅައިފި ނަމަ ކަރާ ފާވުމުގެ ފުރުސަތު އޮވެ އެވެ.

"ކޮންމެ ދުވަހަކު ވެސް މިހެން އައިސް ބަލާލައި ކަރަލުގެ ދަށް ސާފުކޮށްލާ ކުދި ވިނަ ކަހަލަ އެއްޗެހި ނޮޅާލަންޖެހޭނެ. އެހެން ނޫނީ ކަރާ ފާވެގެން ހަލާކުވެދާނެ،" ނަސީމު ބުންޏެވެ.

ކަރާ ކެނޑުން

ކަރާ ކަނޑަނީ ސީދާ ރޯދައަށެވެ. އިންދާ ތާރީހު އަބަދުވެސް ދިމާ ކުރަނީ އެގޮތް ބަލައިގެނެވެ. ނަސީމުގެ ދަނޑުން މަދުވެގެން 1400 ކަރާ ލިބޭނެ ކަމަށް އޭނާ ލަފާ ކުރެ އެވެ. ކަރާ ކަނޑާ ދުވަސް ޖެހުމުން އެތަކެތި ކެނޑުމަށްފަހު ދަނޑުވެރިން ހަވާލު ކުރަނީ ބޯޓުތަކާ އެވެ. އެހާ ހިސާބުން ދަނޑުވެރިން ކަރާ ދަނޑުން އަތް ދޫކޮށްލާނެ އެވެ.

ތޮއްޑޫގައި ރޯދަ މަހަށް ކަރާ ހައްދައިގެން ލިބޭ ސީދާ އާމްދަނީއެއް ބެލެހެއްޓިފައެއް ނެތެވެ. ހިސާބުކިތާބު ބެލެހެއްޓުމަކީ މި ރަށުގެ ދަނޑުވެރިން ބޮޑު ސަމާލުކަމެއްދީގެން ކުރާ މަސައްކަތެއް ނޫނެވެ. އެހެން ނަމަވެސް 116 ކަރާ ދަނޑުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ކޮންމެ އަހަރަކު ވެސް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.

"ވިޔަފާރި ރަނގަޅު، ގޯހެއް ނޫން. އިންސާނުންނަކީ ހިތް ފުރޭނެ ބައެއް ނޫންތާ. ރަނގަޅު އާމްދަނީއެއް ލިބޭ. ހަމަ ގައިމުވެސް ރިސޯޓުގަ އުޅުމަށްވުރެ ރަނގަޅު އަނބިދަރިން ކައިރި ހުރެވުން. މާ ހިތްހަމަޖެހޭ. އަހަންނަކީ ދަނޑުވެރިއެއް ވީމާ، ރޯދައަށް އެކަންޏެއް ނޫން އަބަދުވެސް މި މަސައްކަތް ކުރަން،" ނަސީމު، އޭނާގެ ތިން ކުދިންގެ މަތިން ހަނދާން ކުރަމުން ބުންޏެވެ.