16 މާރިޗު 2023 - 11:02 0
ނިމާ ހަސަން
ކޮމަންވެލްތުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު
16 މާރިޗު 2023 - 11:02 0
ކޮމަންވެލްތުގެ ގައުމުތަކުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރުމަށާއި އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައިފި އެވެ.
ކޮމަންވެލްތުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޝާހިދު ވަނީ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރަންވީ ދާއިރާތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އޭގެ ތެރޭގައި ހެޔޮ ވެރިކަމާއި ގާނޫނީ ވެރިކަމާއި ހަމަޖެހުމާއި އިގްތިސޯދު އާރާސްތު ކުރުމާއި ދަރަނީގެ ބުރަދަން ލުއިކުރުން ފަދަ ދާއިރާތަކަށް ޝާހިދު ފާހަގަ ކުރެއްވި އެވެ.
ހަމައެއާއެކު މިނިސްޓަރު ޝާހިދު ވަނީ "މަލްޓިޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" (އެމްވީއައި) ކަނޑައަޅަން ނިންމުން އަވަސް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ބައިނަލްއަގްވާމީ އިދާރާތަކުން ވީހާވެސް އަވަހަކަށް އެމްވީއައި ބޭނުންކުރަން ފެށުމަށް ކޮމަންވެލްތުން ބާރު އެޅުމަށް ވެސް ޝާހިދު ގޮވާލެއްވި އެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ކޮމަންވެލްތު ލިވިން ލޭންޑްސް މެކޭނިޒަމް އާއި ކޮމަންވެލްތު ބްލޫ ޗާޓަރާއި ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް ހަބް ފަދަ ކޮމަންވެލްތުގެ ތަފާތު މެކޭނިޒަމްތައް މެދުވެރިކޮށް އެޖަމިއްޔާގެ މެމްބަރު ގައުމުތަކަށް ދެމެންދާ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.
އެ މޭރުމުން ވާހަކަދައްކަވަމުން އޭނާ ވަނީ، ނިމިދިޔަ ކޮޕް27ގައި ގާއިމުކުރި "ލޮސް އެންޑް ޑެމޭޖް ފަންޑު" މަސައްކަތް ކުރާނެ އިންތިޒާމުތައް ވީހާވެސް އަވަހަށް ގާއިމުކުރުމަށް ގޮވާލައްވާފަ އެވެ.
ލަންޑަނުގައި ހުންނަ މާލްބަރޯ ހައުސްގައި ބޭއްވި 22 ވަނަ ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާކުރި މައުލޫއުތަކުގެ ތެރޭގައި ބިލްޑިން ރެޒިލިއަންސް ފޯ ޕީސްފުލް، ޖަސްޓް އެންޑް ސްޓޭބަލް ސޮސައިޓީސް، ފައިނޭންސިން ފޯ ކްލައިމެޓް ރެޒިލިއަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަދި ލެވެރޭޖިން އިންޓްރާ-ކޮމަންވެލްތް ޓްރޭޑް އެންޑް ޑިޖިޓަލް ކަނެކްޓިވިޓީ ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment