15 މާރިޗު 2023 - 18:24 0
ޖުމްހޫރީ މައިދާނުގައި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިސްތިހާރު ކުރުމަށް ބެހެއްޓިފައިވާ ނަން ބޯޑެއް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
15 މާރިޗު 2023 - 18:24 0
ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު އެކުވެނި ދަނޑުގައި ބާއްވަން ނިންމި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރު، ރާއްޖޭގެ ކުޅިވަރު ދާއިރާގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ކުޅިވަރު ކަވަރުކުރާ މީޑިއާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މުޅިން އަލަށް ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ ހަފްލާ ތާވަލުކުރެވުނީ މާދަމާރޭ ބާއްވާ ގޮތަށެވެ.
އެކަމަކު، ޔޫތު މިނިސްޓްރީން މިއަދު މެންދުރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް މީޓްރިއަލޮޖިކަލް ސާވިސް (މެޓް) އިން މާދަމާރޭ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީވެ، މާދަމާރޭ ބޭއްވުމަށް ނިންމާފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ހުކުރު ދުވަހުގެ ރެ އަށް ފަސްކޮށްފައިވާ ކަމަށެވެ.
ޔޫތު މިނިސްޓްރީން ސްޕޯޓްސް އެވޯޑްސް ފަސްކުރުމާ ގުޅިގެން އާންމުކުރި ބަޔާން.
މިއާ އެކު، މީގެ ކުރިން ހުކުރު ދުވަހުގެ ހަވީރާއި ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރާއި ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމާފައި އޮތް ދިވެހި ފަންނާނުންނަށް ހާއްސަ މިއުޒިިކް ޝޯ، މިހާރު އޮތް ގޮތުން އޮންނާނީ ހޮނިހިރާއި އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ ތަފާތަކީ، ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކުން އެވޯޑްތަކަށް ނޮމިނޭޝަން ހުށަހަޅާއިރު، އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ އެވޯޑަަށް ކަނޑައަޅާ ޖަޖިން ޕެނަލް އަކުންނެވެ. މިދިޔަ އަހަރު އެވޯޑް ދީފައިވަނީ، 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެން ބޭއްވި މުބާރާތްތަކާއި ކާމިޔާބީ އަށް ބަލައިފަ އެވެ.
މި އަހަރުގެ އެވޯޑް ދޭނީ މިދިޔަ އަހަރުގެ ކާމިޔާބީ އާއި މަސައްކަތްތަކަށް ބަލައިފަ އެވެ. މި އަހަރުގެ އެވޯޑް އިންސާފުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަމަށް ޖަޖިން ޕެނަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުން މި އެވޯޑަށް މިހާރު އިންތިޒާރުކުރާ ކަމަށާއި އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކުރަން ޖެހޭނީ އެކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތަށް ކަމަށްވާތީ، ސްޕޯޓްސް އެވޯޑްސް ހަފްލާ ވީއެންމެ ފުރިހަމަކޮށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ.
އަދި ރާއްޖޭގެ ސްޕޯޓްސް އެވޯޑްސްގައި ދައުވަތު ދީގެން ބައިވެރިވާ ބައިނަލްއަގުވާމީ ކުޅިވަރު ތަރިން/ ސަހުސިއްޔަތުން، މި އެވޯޑްގެ ފުރިހަމަަ ކަމުގެ ވާހަކަ ދައްކާ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
Comment