Advertisement

ރަޝިއާގެ ބޯޓެއް ހުއްޓުވަން ޖަރުމަނު އަދި އިނގިރޭސި ޖެޓުތައް ފޮނުވައިފި

16 މާރިޗު 2023 - 06:07 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ދެ ޓައިފޫން ޖެޓް. -- ފޮޓޯ: އިނގިރޭސި ޑިފެންސް މިނިސްޓްރީ


ރަޝިއާގެ ބޯޓެއް ހުއްޓުވަން ޖަރުމަނު އަދި އިނގިރޭސި ޖެޓުތައް ފޮނުވައިފި

16 މާރިޗު 2023 - 06:07 0

އެސްޓޯނިއާގެ ވައިގެ ސަރަހައްދާ ކައިރިވި ރަޝިއާގެ ވައިގެ އުޅަނދެއް ހުއްޓުވަން އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ގުޅިގެން ފުރަތަމަ ފަހަރަށް އޮޕަރޭޝަނެއް ހިންގައިފި އެވެ.

ޖަރުމަނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ޓައިފޫން ޖެޓު ހަރަކާތްތެރިވީ ސެއިންޓް ޕީޓާޒްބާގް އާއި ކަލިނިންގްރެޑްއާ ދެމެދު ދަތުރު ކުރަމުން ދިޔަ އައިއެލް-78 މިދާސް އުޅަނދާކާ ދެކޮޅަށެވެ.

ޖެޓުތައް ފޮނުވައި އެ އުޅަނދަށް އިންޒާރު ދޭން ޖެހުނީ އެސްޓޯނިއާގެ އެއާ ޓްރެފިކް ކޮންޓްރޯލާ މުއާސަލާތު ނުކުރުމުންނެވެ.

އަސްކަރީ ކޯލިޝަން ނޭޓޯގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަނުން ވަނީ އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރާވައިފަ އެވެ. އެގޮތުން މިއީ ދެ ގައުމުގެ ގުޅިގެން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ރަޝިއާގެ ވައިގެ އުޅަނދެއް ހުއްޓުވަން ނޭޓޯގެ ޖެޓުތައް ހަރަކާތްތެރިވާން ޖެހުނު އިރު، އަންގާރަ ދުވަހު ރަޝިއާގެ ޖެޓުތަކަކާއި އެމެރިކާގެ ޑްރޯންއެއް ޖެހުނު މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ބްލެކް ސީ މަތިން ހިނގި އެ ހާދިސާގައި ޑްރޯން ވަނީ ކަނޑަށް ވެއްޓިފަ އެވެ. އެމެރިކާއިން ބުނީ އެކަން މެދުވެރިވީ ރަޝިއާގެ ފަރުވާކުޑަކަމުން ކަމަށެވެ. އެހެން ނަމަވެސް ރަޝިއާގެ ޖެޓެއްގައި ޑްރޯން ނުޖެހޭ ކަމަށް ރަޝިއާއިން ބުނެ އެވެ.