Advertisement

ދުވަހަކު ވެސް މަޖިލީހަށް ނުދާތީ ޖަޕާނުގެ އެމްޕީއަކު މަގާމުން ވަކިކޮށްފި

15 މާރިޗު 2023 - 07:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މީގެ ހަތް މަސް ކުރިން ޕާލަމެންޓް ގޮނޑި ލިބުނު ޔޮޝިކަޒޫ ހިގަޝިތާނީއަކީ މަގްބޫލް ޔޫޓިއުބް އިންފްލުއެންސާއެއް. -- ފޮޓޯ: ޔޫޓިއުބް


ދުވަހަކު ވެސް މަޖިލީހަށް ނުދާތީ ޖަޕާނުގެ އެމްޕީއަކު މަގާމުން ވަކިކޮށްފި

15 މާރިޗު 2023 - 07:26 0

ޖަޕާނުގެ ޕާލަމެންޓް މެމްބަރަކު ދުވަހަކު ވެސް ޕާލަމެންޓް ބައްދަލުވުމެއްގައި ބައިވެރިވެފައި ނުވާތީ އޭނާ މަގާމުން ވަކިކުރަން ނިންމައިފި އެވެ.

އެއީ ޖަޕާނުގައި ޕާލަމެންޓް މެމްބަރެއްގެ ހާޒިރީ ގޯސްވެގެން މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ. އެގޮތަށް ނިންމީ ޕާލަމެންޓުގެ ސުލޫކީ ކަންކަމާ ބެހޭ ކޮމިޓީއިންނެވެ.

ޕާލަމެންޓަށް ހޮވުނު ޔޮޝިކަޒޫ ހިގަޝިތާނީއަކީ ސެލެބްރިޓީންނާ ގުޅޭ ތަފާތު އެކި ހަބަރުތައް ގެނެސްދެމުން ދިޔަ މަގްބޫލް ޔޫޓިއުބް އިންފްލުއެންސާއެކެވެ.

މީގެ ހަތް މަސް ކުރިން އިންތިހާބުން މޮޅުވެ ގޮނޑި ލިބުނު ނަަމަވެސް، އޭނާ އެންމެ ދުވަހަކު ވެސް ޕާލަމެންޓަށް ގޮސްފައެއް ނުވެ އެވެ.

ހިގަޝިތަނީ މަގްބޫލުވެފައި ވަނީ ގާސީގެ ނަމުންނެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައި ގެނެސްދެނީ ސެލެބްރިޓީންނާ ގުޅޭ ގޮސިޕް ވީޑިއޯތަކެވެ.

މަގާމުން ވަކިކުރުމަކީ ޖަޕާނުގެ ޕާލަމެންޓް މެމްބަރަކަށް ދެވޭނެ އެންމެ ހަރުކަށި އަދަބެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްޕީއިން މަގާމުން ވަކިކޮށްފައިވެ އެވެ.

"ނޯ ޝޯ އެމްޕީ"ގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ ހިގަޝިތާނީ ދިރިއުޅެނީ ޔޫއޭއީގައި ކަމަށް ބެލެވެ އެވެ. އޭނާ ޕާލަމެންޓް ބައްދަލުވުންތަކަށް ހާޒިރުވެފައި ނުވަނީ ހައްޔަރު ކުރުމުގެ ބިރު އޮތުމުންނެވެ.

އޭނާއާ ދެކޮޅަށް މަކަރު ހެދި ކަމަށް ތުހުމަތު ކުރެވޭ އިރު، ގިނަ ސެލެބްރިޓީން އަބުރުގެ ދައުވާ ކުރަން ބޭނުންވާ ކަމަށް ޖަޕާނުގެ ނޫސްތަކުން ބުނެ އެވެ.

ހިގަޝިތާނީ ނިސްބަތްވަނީ ސެއިޖިކާ ޖޯޝީ 48 އިދިކޮޅު ޕާޓީއަށެވެ. އޭނާގެ އިތުރުން ވެސް އެ ޕާޓީގެ އެހެން މެމްބަރަކަށް ޕާލަމެންޓުން ގޮނޑި ލިބުނެވެ.

ކުރިން އެންއެޗްކޭ ޕާޓީގެ ނަމުގައި ހިންގި އެ ޕާޓީގެ ހަމައެކަނި ބޭނުމަކީ ޖަޕާނު ސަރުކާރުގެ ބްރޯޑްކާސްޓް ޗެނަލަށް އިސްލާހުތައް ގެނައުމެވެ.

އާއްމުންގެ މަގްބޫލުކަން ހޯދުމުގެ ބޭނުމުގައި އެ ޕާޓީއިން ގަވާއިދުން ނަން ބަދަލުކުރާ ކަމަށް އަސަހީ ޝިމްބުން ނޫހުން ރިޕޯޓުކުރި އެވެ.

މިދިޔަ ހަފުތާގައި ޕާލަމެންޓުން ބުނީ ހިގަޝިތާނީ ޓޯކިޔޯއަށް ދަތުރުކޮށް، މަޖިލީސް ބައްދަލުވުމަށް ހާޒިރުވެ މައާފަށް އެދެން ޖެހޭ ކަމަށެވެ. އެއީ ގޮނޑި ދަމަހައްޓަން ލިބޭ ފަހު ފުރުސަތު ކަމަށް ވެސް އެންގި އެވެ.

އެހެން ނަމަވެސް އޭނާ އެގޮތަށް އަމަލެއް ނުކުރެ އެވެ. ޔޫޓިއުބް ޗެނަލްގައި އާއްމުކުރި ވީޑިއޯއެއްގައި ހިގަޝިތާނީ ބުނީ ތުރުކީއަށް ގޮސް އޭނާގެ މުސާރަ ތުރުކީގެ ބިންހެލުމަށް ހާއްސަ ފަންޑަށް ހަދިޔާކުރާނެ ކަމަށެވެ.