Advertisement

އަންނަ ހުކުރު ދުވަހު "އެންޑޯ މާޗް" ފަށަނީ؛ އެންޑޯމެޓްރިއޯސިސްއަށް ހޭލުންތެރި ކުރުމުގެ މުހިންމު ހަރަކާތެއް!


އަންނަ ހުކުރު ދުވަހު "އެންޑޯ މާޗް" ފަށަނީ؛ އެންޑޯމެޓްރިއޯސިސްއަށް ހޭލުންތެރި ކުރުމުގެ މުހިންމު ހަރަކާތެއް!

ރާއްޖޭގައި ބާއްވާ ފުރަތަމަ "އެންޑޯ މާޗް"، މި މަހުގެ 17 ވާ ހުކުރު ދުވަހު ކުރިއަށްދާނެ ކަމަށް އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާންކޮށްފި އެވެ. މި މާޗް ފައްޓަން ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު، ހުޅުމާލޭ ރުއްގަނޑު ސަރަހައްދުންނެވެ.

އެންޑޯ މާޗް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި، ކޮންމެ މާޗު މަހެއްގައި އެންޑޯމެޓްރިއޯސިސް އަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ ބައިނަލްއަގްވާމީ ކެމްޕެއިންގެ ދަށުން ބާއްވާ "ވޯލްޑް ވައިޑް އެންޑޯ މާޗްގެ" ހަރަކާތެކެވެ.

މި މާޗް ގައި އެންޑޯމެޓްރިއޯސިސް ތަހައްމަލް ކުރަމުންގެންދާ އެކި އުމުރުފުރައިގެ އަންހެނުންނާއި އަންހެން ކުދިން އަދި އާއިލާތައް ބައިވެރިވެ އެވެ. އެގޮތުން، މިހާތަނަށް މިދިޔަ 10 އަހަރު، ފަންސާހަށް ވުރެ ގިނަ ގައުމުތަކުގައި މި މާޗް ކުރިއަށް ގެންގޮސްފައިވެއެވެ.

އެންޑޯމެޓްރިއޯސިސް އަކީ ރަހިމުގެ އެންޑޯމެޓްރިއަމް ލޭ ފަށަލައިގަ ހުންނަ ފަދަ ޓިޝޫތައް ރަހިމުން ބޭރުން، ހަށިގަނޑުގެ އެކި ގުނަވަންތަކުގެ ބޭރުގައި އުފެދި، އެ ފަށަލަތައް މައްސަރުގެ ދުވަސްވަރު ހަލާކުވެ، ލޭ ފާއިބައި ފާރުލައި، ހަށިގަނޑުގެ އެތެރެ ދުޅަވެ ހަލާކުވުމަށް މެދުވެރިވާ ބައްޔެކެވެ.

އެގޮތުން ބްލެޑަރ، ކިޑްނީ އަދި ލިވަރ ފަދަ ގުނަވަންތައް ވަށައިގެންވެސް މި ފަދަ ޓިޝޫތައް އުފެދެއެވެ. އެހެންކަމުން މި ބައްޔަކީ މުޅި ހަށިގަނޑަށް އޭގެ ބާރު ފޯރުވާ އެތައް ގުނަވަނެއް ތަތްލަވާ، ފެއިލްވާން މެދުވެރިވާ ބައްޔެކެވެ. އަދި މިއީ، ބަލި ތަހައްމަލް ކުރަމުންދާ މީހާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލުކަށިވުމަށް މަގުފަހިވާ ބައްޔެކެވެ.

ދަރިމައިވާ އުމުރުފުރާގެ 10 ޕަސެންޓު އަންހެނުން އެންޑޯމެޓްރިއޯސިސް ތަހައްމަލް ކުރަމުން ގެންދެ އެވެ. އަދި، ގުދުރަތީ ގޮތުން ދަރިމައިވުމަށް އެތަށް އުދަނގުލަކާއި ކުރިމަތިލާން މި ބަލި ޖެހިފައިވާ އަންހެނުންނަށް ޖެހެ އެވެ.

އެގޮތުން، މި ބަލި ތަހައްމަލުކުރާ މީހުންނަށް މައްސަރު ދުވަސްވަރު އާދަޔާހިލާފާށް ތަދު އިހުސާސް ކުރެވެ އެވެ. ތަދު ބޮޑުވެގެން ހޭނެތޭފަހަރުވެސް އާދެ އެވެ. ކުޑަ ކަމުދިއުމާއި ބޮޑު ކަމު ދިއުމުގައި ވެސް ތަދުވެ އުނދަގޫވެ އެވެ. އާންމު ގޮތެއްގައިވެސް މުޅި މީހާ ވަރުބަލިވެ، ބަނޑު ފުއްޕާ، އުނަގަނޑުގައި ރިއްސަ އެވެ. މި ބަލީގެ ސަބަބުން ވަޒީފާގެ މާހައުލާއި، ސްކޫލްގެ ކިޔެވުމަށާއި، އާންމު ދިރިއުޅުމުގެ ތަފާތު އެކި މަސައްކަތްތަކަށް ބޫރޫއަރަ އެވެ. މިއީ ދުނިޔޭގެ އެންމެ ވޭންގަދަ ބަލިތަކުގެ ތެރެއިން އެއްބަލި ކަމަށް ފާހަގަވެފައިވާ ބައްޔެކެވެ.

ބޭރުފުށުން މި ބަލި ފާހަގަ ކުރަން ނޭނގުމާއި ލޭގެ ޓެސްޓް ފަދަ ތަކެތިން މި ބަލި ފާހަގަ ކުރެވެން ނެތުމުން 7 އަހަރާއި 10 އަހަރުގެ މުއްދަތެއް މި ބަލީގައި އެއްވެސް ފަރުވާ އެއް ނުދެވި، ބަލި ފާހަގަ ނުކުރެވި ދެ އެވެ. ބަލި ޖެހެނީ ކިހެނެއްކަމެއް މި ބަލީގެ މާހިރުންނަށް ރަނގަޅަށް ހޯދިފައި ނުވާ އިރު މި ބައްޔަށް ވަނީ ދާއިމީ ފަރުވާ އެއްވެސް ނުހޯދި އެވެ.

މި އަހަރުގެ އެންޑޯ މާރޗް ހިނގާލުމުގައި ބައިވެރިވުމުގެ ފުރުސަތު އެންޑޯ މޯލްޑިވްސް ގެ ފަރާތުން ވަނީ ހުޅުވާލެއިފަ އެވެ. ރެޖިސްޓްރޭޝަން ފޯރމް އެ އެސޯސިއެޝަންގެ އިންސްޓަގްރާމް ޕޭޖް endomaldives@ އިން ލިބިގެންދާނެވެ.

ބައްޔާއި ގުޅޭ އިތުރު ލިޔުންތައް: