10 މާރިޗު 2023 - 18:28 1
އަހުމަދު އާއިދު
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު: ވިދާޅުވީ ކިންގްސްގެ އާ ސްކީމް ހުއްޓުވަން ފިޔަވަޅު ނާޅާތީ ކަންބޮޑުވާ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
10 މާރިޗު 2023 - 18:28 1
ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނިން ފޮރެކްސް ޓްރޭޑިންގެ ނަމުގައި އެތައް ސަތޭކަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއް ބަލަމުން ދަނިކޮށް އެ ކުންފުނިން މި ފަހުން ފެށި އާ ސްކީމެއް ހުއްޓުވަން އިދާރާތަކުން ފިޔަވަޅު އަޅާފައިނުވާތީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "އަދަދު" އަށް ވިދާޅުވީ މި މައްސަލައިގައި ރެގިއުލޭޓަރީ އިދާރާތަކުން އެންމެ އެކަށީގެންވާ ހަލުވިމިނެއްގައި ފިޔަވަޅު ނާޅާތީ ކަންބޮޑުވާ ކަމަށެވެ.
"ކްރިމިނަލް ނޭޗާ މިކަމުގެ ތެރޭގައި އޮތް ކަމަކަށް ވާއިރު އަދި މިހާރުވެސް ވަރަށް ގިނަ ބައެއްގެ ފައިސާ ގެއްލިގެން ގޮސްފައިވާއިރު އަނެއްކާވެސް މިފަދަ ސްކީމެއް ފެށުން މިއީ ކަންބޮޑުވާ ކަމެއް،" ހަމީދު ވިދާޅުވި އެވެ.
އަދި، މިކަމުގައި ޖިނާއީ އިޖުރާތުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ތައްޔާރުވަމުންދާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.
ހަމީދު މިހެން ވިދާޅުވެފައިވާއިރު ކިންގްސް އިން ދަނީ ކޮޕީ ޓްރޭޑިންގެ ނަމުގައި އެ ކުންފުނިން އަލަށް ފެށި ސްކީމް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރަމުންނެވެ.
ކިންގްސް ފޮރެކްސްގެ ނަމުގައި ކިންގްސްއިން ހިންގި ސްކީމް ފަޅާއަރާ އެ ކުންފުނީގެ މައްޗަށް މިދިޔަ އަހަރު ކުރީކޮޅު ފެށި މަދަނީ ތަހުގީގުގެ ބައެއް ތަފުސީލުތައް މިއަދު ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން ފުލުހުން މިއަދު ދިން ތަފުސީލުގައިވާ ގޮތުން މިހާތަނަށް އެ އިދާރާއިން ހޯދި ހޯދުންތަކުން، ފޮރެކްސް ޓްރޭޑިން ވިޔަފާރިއަށް ކަމަށް ބުނެ ކިންގްސްއިން ވަނީ 1864 އިންވެސްޓަރެއްގެ އަތުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް އެނގިފައިވާކަމަށް ބުނެފައިވެ އެވެ.
އޭގެ ތެރެއިން ގިނަ ފައިސާއިން ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށާއި ދެން ހުރި ފައިސާ އެ ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން، އިންވެސްޓަރުންނަށް ޕޭއައުޓުގެ ގޮތުގައި ދީފައިވަނީ 39 މިލިއަން ރުފިޔާ ކަމަށާއި، ދޭން ޖެހޭ ފައިސާގެ ތެރެއިން 65 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ނުދޭކަންވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ. އަދި އިންވެސްޓަރުންނަށް އަނބުރާ ދިން ފައިސާއަކީ ފަހުން އިންވެސްޓުކުރި ފަރާތްތަކުގެ އަތުން ހޯދި ފައިސާކަން ފުލުހުން ވަނީ ހޯދާފަ އެވެ.
Comment