Advertisement

ކިންގްސްއިން މީހުންގެ އަތުން ނެގި ފައިސާއިން 65 މިލިއަން ރުފިޔާ އަނބުރާ ނުދީ، ހިންގީ ޕޮންޒީ ސްކީމެއް

10 މާރިޗު 2023 - 17:23 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ ފަރާތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްހާން މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ


ކިންގްސްއިން މީހުންގެ އަތުން ނެގި ފައިސާއިން 65 މިލިއަން ރުފިޔާ އަނބުރާ ނުދީ، ހިންގީ ޕޮންޒީ ސްކީމެއް

10 މާރިޗު 2023 - 17:23 0

ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނިން ފޮރެކްސް ޓްރޭޑިންގެ ނަމުގައި އެތައް ސަތޭކަ މީހުންގެ އަތުން ނެގި 98 މިލިއަން ރުފިޔާގެ ތެރެއިން 65 މިލިއަން ރުފިޔާ އަނބުރާ ނުދޭ ކަމަށް ފުލުހުން ބުނެފި އެވެ.

ކިންގްސް ކެޕިޓަލްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަކީ ކިންގްސް ފޮރެކްސްގެ ނަމުގައި ހިންގި ސްކީމްގެ ދަށުން އާންމުންގެ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި ކަަމަށް ތުހުމަތުކުރެވޭ މައްސަލަ އެވެ.

ފުލުހުން މިއަދު ދިން ތަފުސީލުގައިވާ ގޮތުން މިހާތަނަށް އެ އިދާރާއިން ހޯދި ހޯދުންތަކުން، ފޮރެކްސް ޓްރޭޑިން ވިޔަފާރިއަށް ކަމަށް ބުނެ ކިންގްސްއިން ވަނީ 1864 އިންވެސްޓަރެއްގެ އަތުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް އެނގިފައިވާކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރެއިން ގިނަ ފައިސާއިން ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށާއި ދެން ހުރި ފައިސާ އެ ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، އިންވެސްޓަރުންނަށް ޕޭއައުޓުގެ ގޮތުގައި ދީފައިވަނީ 39 މިލިއަން ރުފިޔާ ކަމަށާއި، ދޭން ޖެހޭ ފައިސާގެ ތެރެއިން 65 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ނުދޭކަންވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ. އަދި އިންވެސްޓަރުންނަށް އަނބުރާ ދިން ފައިސާއަކީ ފަހުން އިންވެސްޓުކުރި ފަރާތްތަކުގެ އަތުން ހޯދި ފައިސާކަން ފުލުހުން ވަނީ ހޯދާފަ އެވެ.

"މި މައްސަލައިގައި ފުލުހުން ކުރި އިއުލާނާ ގުޅިގެން ފުލުހުންނަށް ހުށަހެޅި ފަރާތްތަކުގެ މައްސަލަތަކުގެ ދައުވާ ވަކި ވަކި މައްސަލަތަކެއްގެ ގޮތުގައި ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މި ހިދުމަތުން މި ދަނީ މަޝްވަރާ ކުރަމުން" ފުލުހުން ބުނެފައިވެ އެވެ.

އިތުރު ސްކީމެއް ހިންގާތީ ކަންބޮޑުވުން

ކިންގްސް ކުންފުންޏާ ދެކޮޅަށް ތަހުގީގެއް ހިންގަމުންދާއިރު، އެ ކުންފުނިން މި ހަފްތާގެ ތެރޭގައި ވަނީ ކޮޕީ ޓްރޭޑިންގެ ނަމުގައި އާ ސްކީމެއް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފަ އެވެ.

އެއާއެކު، އެ ކުންފުނީގެ މައްޗަށް ތަހުގީގެއް ހިނގަމުންދަނިކޮށް އާ ސްކީމެއް ފަށައިގެން ކުރިއަށް ގެންދާތީ އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުން މިއަދު އެދުނެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "އަދަދު" އަށް ވިދާޅުވީ މި މައްސަލައިގައި ރެގިއުލޭޓަރީ އިދާރާތަކުން އެންމެ އެކަށީގެންވާ ހަލުވިމިނެއްގައި ފިޔަވަޅު ނާޅާތީ ކަންބޮޑުވާ ކަމަށެވެ.

"ކްރިމިނަލް ނޭޗާ މިކަމުގެ ތެރޭގައި އޮތް ކަމަކަށް ވާއިރު އަދި މިހާރުވެސް ވަރަށް ގިނަ ބައެއްގެ ފައިސާ ގެއްލިގެން ގޮސްފައިވާއިރު އަނެއްކާވެސް މިފަދަ ސްކީމެއް ފެށުން މިއީ ކަންބޮޑުވާ ކަމެއް،" ހަމީދު ވިދާޅުވި އެވެ.

އަދި، މިކަމުގައި ޖިނާއީ އިޖުރާތުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ތައްޔާރުވަމުންދާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

ބޭންކާ ދެކޮޅަށް ކުރި ދައުވާ

މި މައްސަލަ ފެންމަތި ވުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކިންގްސް ކެޕިޓަލްގެ އެކައުންޓުތައް ބަންދުކޮށްފަ އެވެ.

ނަމަވެސް އެ ކުންފުނިން ވަނީ އެކަން ބީއެމްއެލް އިން ކުރީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ބޭންކާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

ކިންގްސް ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ ބީއެމްއެލުން އެ ކުންފުނީގެ އެކައުންޓުތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮތް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ކިންގްސްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން އަންނަ ސަބަބު ބަޔާން ކޮށްދިނުމަށް އީމެއިލް މެދުވެރިކޮށް އެންގުމަށް ފަހު ދުވަހެއްގެ ތެރޭގައި އެކައުންޓުތައް ޑީއެކްޓިވޭޓް ކުރީ، ކޯޓު އަމުރެއް ނެތި ކަމަށެވެ.

ނަމަވެސް ބީއެލްއެމް އިން މިހާރު ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފުކުރުމަށްފަހު ބީއެމްއެލުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ސިވިލް ކޯޓުން ނިންމި ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ޝަރުއީ އަދި ގާނޫނީ ނުކުތާތަކަށް، އިސްތިއުނާފީ މަރުހަލާގައި ހައި ކޯޓޫން ރިއާޔަތްކޮށް އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް އެ ބޭންކުން ގަބޫލުކުރާ ކަމަށެވެ.