Advertisement

ފާރޫގުގެ "ކައިށި" ތެޔޮ: މަސައްކަތުގައި 20 އަހަރު، މިހާރު ތެޔޮ އުފައްދަނީ މެޝިނުން

13 މާރިޗު 2023 - 09:23 2

ޏ. ފުވައްމުލައް

އަހުމަދު އާއިދު

އަހުމަދު އާއިދު

ފާރޫގު އޭނާގެ ކާށި ތެޔޮ ކާރުހާނާގައި "އަދަދު" އަށް އިންޓަވިއު ދެނީ: އެންމެ ފުރަތަމަ އެ މަސައްކަތް ފެށީ މީގެ 20 އަހަރު ކުރިން އެ ރަށަށް އައި ބިދޭސީ އަންހެނަކު އެ މަސައްކަތަށް ޝައުގުވެރިކަން ފާޅު ކުރުމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފާރޫގުގެ "ކައިށި" ތެޔޮ: މަސައްކަތުގައި 20 އަހަރު، މިހާރު ތެޔޮ އުފައްދަނީ މެޝިނުން

13 މާރިޗު 2023 - 09:23 2

ޏ. ފުވައްމުލައް

މީގެ 20 ވަރަކަށް އަހަރު ކުރި އެވެ. ފުވައްމުލަކަށް އުފަން އަހުމަދު ފާރޫގު، 65، އަށް ކާށި ތެޔޮ އުފެއްދުމާއި ތެޔޮ ހޭނުމުގެ ބުރަ މަސައްކަތުގެ ތެރެއަށް ވަދެވުނީ އޭނާގެ ކުރީގެ އަންހެނުންގެ ކޮއްކޮއަކާއެކު ރަށަށް އައި އޮސްޓްރޭލިޔާގެ އަންހެނަކު އެކަމަށް ޝައުގުވެރިކަން ފާޅުކުރި ހިސާބުންނެވެ.

އޭރު އެ މަސައްކަތް ބުރަވެފައި، ގިނަ މަސައްކަތުން ހެދޭ ތެޔޮ ފޮދު ވެސް މަދެވެ. ނަމަވެސް، އަލިފާނުގެ ހޫނާއި އަވީގައި އޮހޮރާ ދަލުން އުފެއްދި އެ ތެލަކީ ސައްތަ އިންސައްތަ ގުދުރަތީ ދިވެހި އުފެއްދުމެކެވެ.

"އޭރު މާ ގިނަޔަކުންވެސް ނޫން [ތެޔޮ އުފެއްދެނީ] މަހެއްގެ މައްޗަށް 20 ލީޓަރުގެ ހަމެއް، ދެ ހަން ވަރު ހެދޭނީ،" އޭރު ކުރަމުންދިޔަ ބުރަ މަސައްކަތް ސިފަކޮށްދެމުން ފާރޫގު ބުންޏެވެ.

"ފުރަތަމަ ކާށި ހަދާފަ އެއެއްޗެހި ނޮޅަނީ، ނޮޅާފަ އަވީލާ ހިއްކަނީ، ދެން މިކްސްޗަރުން ފުނޑުކޮށްފަ ކިރު ފެލަނީ. ކައްކަނީ އެ ކިރު، ކައްކާ ކިރުން މި ތެޔޮ ހާނަނީ،" 20 އަހަރު ކުރީގެ ބުރަ މަސައްކަތް ކުރުކޮށް ފާރޫގު އަމުނާލި ނަމަވެސް އެއީ ބުރަ، ވަގުތު ހޭދަވާ މަސައްކަތެއްކަން ފާހަގަކުރި އެވެ.

މެޝިނަރީއާއެކު މަސްދުވަހުގެ މަސައްކަތް ދެތިން ދުވަހަށް

ޒަމާނަށް އައި ބަދަލާއެކު، އަތުން ކުރި ގިނަ ކަންކަން މެޝިނުން ކުރެވޭ މި ދުވަސްވަރުގައި ފާރޫގު ވެސް ވަނީ ޒަމާނީ އޮއެވަރަށް ހޭނި ކާށި ތެލުގެ މަސައްކަތް ވެސް މެށިނުތަކާ ހަވާލުކޮށްފަ އެވެ.

"މިހާރުވެސް ކާށީގެ ޕްރޮސެސް ގާތްގަނޑަކަށް އެއްގޮތް. ނޮޅާފަ އަވީލަނީ ފުރަތަމަ، ދެން އެއް މެޝިނުން ކާށިތައް ފުނޑުކޮށް ހުންޏަށް ހަދާނީ، ދެން އެ ހުނި ޓްރޭތަކަށް އަޅާފަ މި ލަނީ ހިއްކާ މެޝިނަކަށް، ހުނި ހިއްކާފަ އެ ތެޔޮ ހަދާ މެޝިނަކަށް އަޅައިގެން މިހާރު އެކަންކުރަނީ،" ފާރޫގު ބުންޏެވެ.

ފާރޫގު ބުނި ގޮތުގައި ކުރިން މަހަކުން ދެތިން ހަން ތެޔޮ ހެދުނު ނަމަވެސް މިހާރު މެޝިނަރީ ބޭނުންކޮށްގެން ތިން ދުވަހުން ހަތަރު ހަން ހެދެ އެވެ. އެއީ އެ ތެޔޮ ބަންދުކޮށް ފުޅި ފުޅީގައި ސަޕްލައި ކުރުމަށް މިހާރު ލިބިފައިވާ މާކެޓަށް ފުދޭ މިންވަރެކެވެ. ޑިމާންޑު ބޮޑުވާ ދުވަސްވަރު މިއަށްވުރެ ވެސް ގިނައިން ތެޔޮ ހަދާ ދުވަސްވަރުދާކަން އޭނާ ފާހަގަކުރި އެވެ.

ކާށި ތެޔޮ ހެދުމަށް ބޭނުންކުރާ މެޝިނުން ތެޔޮ ނެގުމަށް ހަން ގުޅާފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


"މާކެޓުގައި ޑިމާންޑު އޮންނަ ގޮތުން ވަންޔާ ބައެއް ފަހަރު މަހެއްގެ މައްޗަށް އަށެއްކަ ހަންވެސް ހަދަންޖެހޭ،" މީގެ ކުރިން ފުވައްމުލަކު މިސްކިތެއްގެ މުދިމު ކަމާއި ވަޑާންކަންވެސް ކުރި ފާރޫގު ބުންޏެވެ.

މެޝިނަރީ އާއެކު ފާރޫގު މަސައްކަތް ކުރާތާ މިހާރު ފަސް އަހަރުވެފައިވާއިރު، އޭނާ ދެކޭގޮތުގައި މިއީ އިންގިލާބީ ބަދަލެކެވެ. އެގޮތުން އަވަހަށް ފަސޭހައިން މަސައްކަތް ނިމި، މަދު މުވައްޒަފުންގެ މަސައްކަތުން ގިނަ ތެޔޮ ހެދުމަކީ އޭނާ ފާހަގަ ކުރި ހެޔޮ ބަދަލުތަކެވެ.

"ކައިށި" ބްރޭންޑުކޮށް ރިސޯޓުތަކާއި މާލޭގެ މާކެޓަށް

ވިހި އަހަރު ކުރިން ދަރުން ކައްކައިގެން ފެށި ތެޔޮ ހޭނުމުގެ މަސައްކަތް ފުޅާވެ، މިހާރު ފާރޫގުގެ ކާށި ތެލަކީ ރާއްޖޭގެ ބައެއް ރިސޯޓުތަކާއި މާލޭގެ އެކި ފިހާރަތަކުން ވެސް ލިބެން ހުންނަ 'ޕްރޮޑަކްޓް' އެކެވެ.

"ކައިށި" ގެ ނަމުގައި ބްރޭންޑްކޮށް، ލޭބަލްކޮށްގެން، ވިކެމުންދާ ތެޔޮ ފުޅިތައް މާކެޓު ކުރުމަށްވެސް ފާރޫގު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ޕްރޮޑަކްޓު ބްރޭންޑުކޮށް މާކެޓު ހޯދުމުގައި ފާރޫގާއެކު އިސްކޮށް ހަރަކާތްތެރިވަނީ އޭނާގެ ދަރިފުޅު އަމީން އަހުމަދު ފާރޫގެވެ.

އަމީން އަކީ ފާރޫގުގެ ހަތަރު ކުދިންގެ ތެރެއިން ދޮށީ ފިރިހެން ކުއްޖާ އެވެ. އޭނާގެ އިތުރުން ފާރޫގުގެ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ތިބެ އެވެ. ސްކޫލް ނިންމުމަށްފަހު އަމީންވެސް ބައްޕަގެ ވިޔަފާރި ކުރިއެރުވުމަށް ބައްޕައާ ގުޅިގެން "ކައިށި" ބްރޭންޑެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ފެށި އެވެ.

'ކައިށި' ބްރޭންޑުގެ ތެޔޮފުޅި ބަންދުކުރެވިފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކަން ދިމާވި ގޮތުން ފާރޫގުގެ އިންޓަވިއު އަށްފަހު އަމީނާވެސް ދިމާވެ ކުޑަކޮށް ވާހަކަ ބަދަލުކޮށްލެވުނެވެ. އެގޮތުން، ބްރޭންޑިން އަދި މާކެޓިންގެ ހުރިހާ މަސައްކަތެއްހެން ކުރަމުން އަންނަ އަމީން ފާހަގަކުރި ގޮތުގައި މިހާރު ވިސްނުން ހުރީ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށެވެ.

"މިހާރު އެބަތިބި އަޅުގަނޑުމެންގެ 15 ކްލަޔަންޓުން. އެންމެ ފަހުން އޯތެންޓިކް މޯލްޑިވްސްއާ އެއްބަސްވެގެން އެބޭފުޅުންގެ ފިހާރަތަކުން މިހާރު އަޅުގަނޑުމެންގެ ޕްރޮޑަކްޓު ލިބެން ހުންނާނެ، އޭގެ އިތުރުން އޫރީދޫއާ ވެސް ވާހަކަ ދައްކަމުން މިދަނީ މޫލީ ޕްލެޓްފޯމަށް "ކައިށި" ގެ ޕްރޮޑަކްޓުތައް ގެންދަން،" ވިޔަފާރީގެ ވިސްނުން ހިއްސާ ކުރަމުން އަމީން ބުންޏެވެ.

އަމީން ބުނި ގޮތުގައި ގިނަ ރިސޯޓުތަކުން "ކައިށި" ތެޔޮ ގަންނަނީ އެ ތަންތަނުގެ ސްޕާގައި މަސާޖް ކުރުމުގެ ބޭނުން ކުރުމަށާއި ރިސޯޓް ޝޮޕް ތަކުގައި ވިއްކުމަށެވެ. އެގޮތުން މިހާރު ފުވައްމުލަކުގައި އުފައްދާ މި ތެޔޮ ބޭނުންކުރާ ރިސޯޓުތަކުގެ ތެރޭގައި ވެލާ ޕްރައިވެޓް އައިލެންޑް، ޖޭއޭ މަނަފަރު، ފިނޮޅު ޕްރައިވެޓް އައިލެންޑް، އަދި ވައްކަރު މޯލްޑިވްސް ހިމެނެ އެވެ.

ކާށި ލިބުމުގެ ދަތިކަމެއް ނެތަސް އެކި ގޮންޖެހުންތައް ކުރިމަތިވި

ފާރޫގު ބުނި ގޮތުގައި، ގިނަ އަދަދެއްގެ ކާށި ބޭނުންވާ މި މަސައްކަތަށް ފުވައްމުލަކުން ކާށި ލިބުމުގައި އަދި ދަތިތަކެއް ނެތް ނަމަވެސް، ވިޔަފާރި ފުޅާވެ ގިނައިން ބޭނުންވާ ހާލަތެއްގައި ކައިރި އަތޮޅުތަކުން ކާށި ގެނައުމުގެ ވިސްނުން އެބަހުއްޓެވެ. ސަބަބަކީ މިހާރުވެސް އެކި ހާލަތްތަކުގައި ބޭނުންވާވަރަށް އެ ރަށުން ކާށި ނުލިބުމެވެ.

"އަދި [ކާށި ލިބުމުގެ] ދަތިކަމެއް ނެތް، އެކަމަކު ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ކާށި ލިބުން ދަތިވޭ،" އޭނާ ބުންޏެވެ.

މި ވިޔަފާރީގައި 20 އަހަރު އުޅުނުއިރު އެންމެ ހިތްދަތިވި ދުވަހުގެ ގޮތުގައި ފާރޫގު ފާހަގަ ކުރީ ފުރަތަމަ ދުވަހުން ފެށިގެންވެސް މި މަސައްކަތުގައި އެހީތެރިވެދިން އޭނާގެ ކުރީގެ އަންހެނުން އަދި އޭނާގެ ދަރިންގެ މަންމަ ނިޔާވި ދުވަހެވެ. އެގޮތުން އަންހެނުން ވަކިވި ހިސާބުން މަސައްކަތް ކުރިއަށް ގެންދިއުމަށް އުނދަގޫވި ކަމަށް ފާރޫގަށް ބުނެވުނީ ވެސް ވަރަށް މަސައްކަތުންނެވެ.

އެއަށްފަހު ދެން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު އޭނާގެ ކާރުހާނާ އަޅާފައިހުރި ބިމުގެ މައްސަލަ އެވެ. އެގޮތުން 500 އެއްހާ އަކަފޫޓުގެ އެ ބިމަކީ އޭނާގެ މުސްކުޅި ގޯތީގެ ބައެކެވެ. ނަމަވެސް އެތަން މިހާރު ކަނޑާފައި އެހެން ފަރާތަކައް ދީފައި ވުމުން ފާރޫގެ އެ ބިން ބޭނުންކުރަނީ ކުލި ދައްކާ އުސޫލުންނެވެ.

"10 ވަރަކަށް އަހަރު ކުލި ދައްކައިގެން އުޅުމަށްފަހު މެޝިނަރީއަށް ބަދަލުކުރި ފަހުން ވަރަށް ބޮޑު ގޮންޖެހުމަކަށްވި މި ބިން އިތުރަށް ކުއްޔައް ބޭއްވުމާ މެދު ދިމާވި މައްސަލަތައް، ވަރަށް ބޮޑަށް ހިތުގަ ޖެހުނު ކަމެއް އެއީ، ދެން ކައުންސިލުގެ ވެސް އެއްބާރުލުމާއެކު އަނެއްކާވެސް 10 ވަރަކަށް އަހަރަށް [ބިން] ލިބިފަ މިހުރީ،" އޭނާ ބުންޏެވެ.

ކާށި ހުނި ހިއްކުމަށް މިހާރު ފާރޫގު ބޭނުންކުރާ މެޝިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މިހާރު މި މަސައްކަތައް މުޅިންހެން ހުސްވެގެން ހުރި ފާރޫގު ފާހަގަކުރި ގޮތުގައި ގޮތުގައި މިދިޔަ އަހަރު އޭނާއަށް ކުރިމަތިވި އެކްސިޑެންޓެއްގެ ސަބަބުން މަސައްކަތާއި ރަށާ ދުރުގާ ހުންނަން ޖެހުންވެސް އެއީ އޭނާއަށް ދިމާވި އެއް ގޮންޖެހުމެވެ.

"މިހާރު އެކަމަކު މި މަސައްކަތުގައި މިހުރީ، އެވްރެޖުކޮށް ހަރަދަށް ކަނޑާފައި މަހަކު މަދުވެގެން 10،000 ރުފިޔާ ވަރުގެ އާމްދަނީއެއް ލިބޭ،" އާމްދަނީ އިތުރުވަމުން އަންނަކޮށް ފާހަގަކޮށް ފާރޫގު ބުންޏެވެ.

ގިނަ ބަލިތަކަކަށް ފަރުވާއެއް

މި ތެޔޮ ހެދުމުގައި އެއްވެސް މާއްދާއެއް ނުވަތަ އިތުރު އެއްވެސް ކެމިކަލެއް ބޭނުން ނުކުރާއިރު، މެޝިނަރީއާ އެކުވެސް ފާރޫގުގެ އަމާޒަކީ މީގެ 20 އަހަރު ކުރިންވެސް ހެދި ސައްތަ އިންސައްތަ ކާށި އެކުލެވޭ ތެލެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

"މިހާރުވެސް ސްޕާތަކުގައި މަސާޖް އޮއިލްއަށް އެބަ ބޭނުންކުރެވޭ، އޭގެ އިތުރުން ހަމަށް ދިމާވާ ފަންގަލް ބަލިތަކަށްވެސް ފަރުވާއެއް [ކާށި ތެލަކީ]. އޭގެއިތުރުން ބޮލުން އިސްތަށި ފޭބުމާއި ހަންފޮޅުން ފަދަ ކަންކަމަށް ވަރަށްވެސް ރަނގަޅު ފަރުވާއެއް ލިބޭނެ އަޅުގަނޑުމެންގެ ޕްރޮޑަކްޓުން،" އަމީން ބުންޏެވެ.

މާކެޓާ އެއްވަރަށް ފުޅާކުރުމުގެ ވިސްނުން

ފާރޫގު އަދި އަމީންވެސް ފާހަގަކުރި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދިއުމުގެ ގިނަ ހިޔާލުތަކެއް އެބަހުއްޓެވެ.

ނަމަވެސް، އަމީން ފާހަގަކުރި ގޮތުގައި މިވަގުތައް އެންމެ މުހިންމު ކަމަކީ "ކައިށި" ބްރޭންޑަކީ ރާއްޖޭގައި އަދި ފުވައްމުލަކުގައި ނަންހިނގާ ޕްރޮޑަކްޓަކަށް ހެދުމެވެ. އެގޮތުން އަދިވެސް ގިނަ ބަޔަކަށް އެ ޕްރޮޑަކްޓުގެ މައުލޫމާތު ނޭނގޭކަން އޭނާ ފާހަގަކުރި އެވެ. ކުރިއަށް އޮތްތަނުގައި އެކަން ބަދަލުކުރާނެ ކަމުގެ އުންމީދުވެސް އަމީން ހިއްސާކުރި އެވެ.

"ވަރަށް ފަހުންވެސް "މަމްސް" ޕޭޖުގައި އަޅުގަނޑުމެންގެ ޕްރޮޑަކްޓު ބޭނުންކުރި ފަރާތަކުން ޖެހި ޕޯސްޓަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު އުޅުނު މި ޕްރޮޑަކްޓު ނުލިބިގެން،" އަމީން ބުންޏެވެ.

ފާރޫގުގެ ކާށި ތެޔޮ ކާރުހާނާގައި ބޭނުންކުރާ މެޝިނަރީތައް: - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފުޅާކުރުމަށް ހުރި ބައެއް ވިސްނުންތައް ހިއްސާކުރަމުން އަމީން ބުނީ ދިވެހިންނާއި ރިސޯޓުތަކުން އެންމެ ބޭނުންވާ ޕްރޮޑަކްޓުތައް ދަނެގަނެ ކުރިއަށް އޮތް ތަނުގައި ކާށިން ހެދޭ ގިނަ ޕްރޮޑަކްޓުތަކެއް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު ފޯކަސް ހުރީ "ކައިށި" ތެލަކީ ކޯޗެއްކަން އާންމުންނަށް އަދިވެސް ބޮޑަށް ކިޔައިދިނުމަށެވެ.

"މިހާރު އެންމެ ގަދަޔަށް ޖައްސައިގެން އަޅުގަނޑުމެންގެ މިހާރުގެ ކަސްޓަމާ ބޭސްއަށް އެވަރުން ފުދޭނެ، ނަމަވެސް ކަސްޓަމަރުން އިތުރުވާ ވަރަކަށް [ވިޔަފާރި] ފުޅާކުރަމުން ދާނީ،" އަމީން ބުންޏެވެ.

ފާރޫގު ވެސް ހިއްސާކުރީ ފުޅާކުރުމުގެ އެއް ހިޔާލުތަކެކެވެ. އެގޮތުން ގިނަ ޕްރޮޑަކްޓުތަކެއް ނެރެން ބޭނުންވާކަން އޭނާވެސް ފާހަގަކުރި އެވެ.

"ދެން އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންނަށް ވާވަރަކުން އިޖުތިމާއީ ގޮތުން ރަށަށް ކޮށްދެވެން ހުރި ކަންކަމާއި، އަދި އެހީ ބޭނުންވާ ފަރާތްތަކައް އެކަންކަން ކޮށްދޭން،" ފާރޫގު ބުންޏެވެ.

"ކައިށި" ތެޔޮ ބޭނުންކުރުން

ކުރިންވެސް ބުނެވުނުހެން މިއީ ސައްތަ އިންސައްތަ ކާށިން ހަދާފައި ހުރި 'ވާޖިން' ކޮކޮނަޓް އޮއިލް އެވެ. އާންމުކޮށް ދެ އަހަރު ވަންދެން މި ތެލަށް ބަދަލެއް ނައިސް ހުރި ނަމަވެސް، އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފޭނީ އުފައްދާތާ އެއް އަހަރުގެ ތެރޭގަ އެވެ.

"ބަލަންޖެހޭ މިންގަނޑުތަކަށް ބަލާއިރު ސީދާ ދެ އަހަރު އެހާ ސޭފް ނުވެދާނެ، ދެ އަހަރު ތެރޭ [ތެލަށް] ބަދަލެއް އައިސްދާނެ، އެހެން ކަމުން ހުރިހާ ފުޅިއެއްގައި އެކްސްޕަޔަރީއަށް ޖަހާފައި ހުންނާނީ އުފައްދާތާ އެއް އަހަރުގެ ތާރީހު،" ތެޔޮ ބޭނުންކުރުމާ ބެހޭގޮތުން މައުލޫމާތު ދެމުން އަމީން ބުންޏެވެ.

އޭގެ އިތުރުން ފާރޫގު ވަނީ ތެޔޮ ފުޅިތަކާ ގުޅޭ ވަރަށް މުހިންމު އެހެން ކަމެއް ފާހަގަކޮށްފަ އެވެ. ގިނަ ކަސްޓަމަރުންގެ ޝަކުވާއެއް ކަމުން ސާފުކޮށްދިނުމަށް އޭނާ ކިޔައިދިނެވެ.

"ތެޔޮ ފުޅި ބަހައްޓަންވާނީ އޭސީ ނޫން ތަނެއްގައި، އޭސީގައި ބެހެއްޓީމާ އޭތި އެބަ ގަނޑުވޭ، އެކަމަކު އެ ގަނޑުވީމަ ހަލާކުވީކީ ނޫން، އަނެއްކާވެސް އޭސީ ނުކޮށް ހުރި ތަނެއްގަ ބެހެއްޓީމަ ވިރޭނެ."