Advertisement

ކޯޓުތަކުގައި ގާނޫނު މާނަކުރުމުގެ މައްސަލަތަކާ އެކު އިބުރާ މަޖިލީހަށް

7 މާރިޗު 2023 - 14:10 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު އިބްރާ ރައްޔިތުންގެ މަޖިލީހުގައި - ފޮޓޯ: މަޖިލީސް


ކޯޓުތަކުގައި ގާނޫނު މާނަކުރުމުގެ މައްސަލަތަކާ އެކު އިބުރާ މަޖިލީހަށް

7 މާރިޗު 2023 - 14:10 1

ޝަރީއަތްތަކުގައި ގާނޫނުއަސާސީ އާއި ގާނޫނުތައް މަނާކުރުމުގައި ފާހަގަވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް، ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއީލް (އިބުރާ) މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިވަޑައިގެންފި އެވެ.

އިބްރާހިމް މި މައްސަލަތައް ފުރަތަމަ ހިއްސާ ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވި ދުވަހެއްގަ އެވެ. އޭގައި އުސޫލީ ގިނަ މައްސަލަތަކެއް ވެސް ފާހަގަވާތީ ނަޝީދު އެދިވަޑައިގަތީ، ޖުޑިޝަރީ ކޮމިޓީގައި އެ ކަންކަން ހިއްސާ ކުރެއްވުމަށެވެ.

ރައީސް ނަޝީދު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައާ ގުޅިގެން އިބްރާ މިއަދު ވަޑައިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރުންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ބައްދަލުވުމުގައި އިބުރާހިމް މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ މަދަނީ މައްސަލަތަކުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ ވަކީލުންނާއި ބައެއް ދިފާއީ ވަކީލުން، ގާނޫނުއަސާސީ އާއި މަދަނީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ފާހަގަކުރައްވާ ގާނޫނީ އަދި ޝަރުއީ ނުކުތާތަކެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވަކީލުންނާއި ކޯޓުތަކުގެ ފަނޑިޔާރުން ވެސް އެ ނުކުތާތައް މާނަކުރަނީ ގޯސްކޮށެވެ. އަދި އެ ކަން އިސްލާހު ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން އެ މާއްދާތައް އިތުރަށް ތަފްސީލުކޮށްދެއްވަން އިބުރާހީމް އެދިވަޑައިގަތެވެ.

އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން އަމަލުކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮތުން ކޯޓުތަކުގައި މާނަކުރެވޭ ގޮތެވެ.

އިބްރާާހީމް ފާހަގަ ކުރެއްވި ގޮތުގައި އެ އިޝާރާތް ކުރައްވާފައިވަނީ 143 ވަނަ މާއްދާގެ (ހ) ގައި އޮންނަ މައްސަލަތަކަށް އެކަންޏެވެ. އެއީ ގާނޫނު އަސާސީއާއި ގާނޫނުތައް މާނަކުރުމުގެ ބާރު އޮންނަނީ ހައި ކޯޓާއި ސުޕްރީމް ކޯޓަށް ކަމަށް ބަޔާން ކުރާ އަކުރެވެ.

މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގައި ހުރި އެކި ބާގަނޑުތައް ވެސް ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ދައުވާ ލިބޭ ލިޔުން ކޯޓަށް ހުށަހަޅަން 14 ދުވަސް އޮންނާނެ ކަމަށް އޮތަސް، އޭގެ ބޭނުމަކީ ކޯޓުގެ އިހުތިސޯސާ މެދު ސުވާލު އުފައްދާނަމަ އެ ކަން ފާހަގަ ކުރުން ކަމަށް އިބުރާހިމް ގަބޫލުކުރައްވަ އެވެ.

"އެހެން އޮންނާތީ މި ކުރާ ކަމަކީ 14 ވަނަ ދުވަހަށް ދައުވާ ލިބުނުކަން ބުނެފައި ކޯޓުގެ އިހުތިސޯސާ މެދު ސުވާލު އުފައްދަނީ، އޭރަށް އަނެއްކާ އިތުރު 14 ދުވަސް އެބަ ހިނގާ އެއަށް ރައްދު ދޭން، އެއީ ގާނޫނުގެ ރޫހު ތަސައްވުރު ކުރާ މުއްދަތަށް ވުރެ ދެގުނަ މުއްދަތެއް،" އިބުރާހީމް ވިދާޅުވި އެވެ.