Advertisement

ގިނަ ކުންފުނިތައް ފުވައްމުލަކަށް ގެންނަން އޮފީސް އިމާރާތެއް އަޅަނީ

6 މާރިޗު 2023 - 11:55 0

ފުވައްމުލައް ސިޓީ

ނިމާ ހަސަން

ނިމާ ހަސަން

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ: ރަށުގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކުރުމަށް އެ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން -- ފޮޓޯ: މިރާޝް/ އަދަދު


ގިނަ ކުންފުނިތައް ފުވައްމުލަކަށް ގެންނަން އޮފީސް އިމާރާތެއް އަޅަނީ

6 މާރިޗު 2023 - 11:55 0

ފުވައްމުލައް ސިޓީ

ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ފުވައްމުލަކުގައި އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "އަދަދު"އަށް ވިދާޅުވީ، ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމުގައި ކައުންސިލުގެ ދައުރަކީ ރަށުގައި އޮފީހެއް ނުވަތަ ކޯލް ސެންޓަރެއް ހުޅުވަން އަންނަ ފަރާތްތަކަށް ކައުންސިލުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން ކަމަށެވެ. އަދި އެ އެހީތެރިކަމާއި އެއްބާރުލުން މިހާރުވެސް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުން ހުޅުވިގެންދިޔަ މޯލްޑިވިއަންގެ ކޯލް ސެންޓަރު، އޭގައި ވެސް ކައުންސިލުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު އެ ބޭނުންވާ ޖާގަ ކައުންސިލުގެ ފަރާތުން ހޯދައިދީގެން ހުޅުވިގެން ދިޔައީ،" ރަފީގު ވިދާޅުވި އެވެ.

މޯލްޑިވިއަން ކޯލް ސެންޓަރުގެ އިތުރުން ފުވައްމުލަކުގައި ދަނީ ތިން ކޯލް ސެންޓަރެއް ހިންގަމުންނެވެ. އޭގެ ތެރޭގައި އެޗްޑީސީ، އެންސީއައިޓީ އަދި ޓްރޭޑްނެޓް ހިމެނެ އެވެ.

މޯލްޑިވިއަން ކޯލް ސެންޓަރާއެކު 15 ވަރަކަށް ވަޒީފާގެ ފުރުސަތު ހުޅުވުނުއިރު، އެޗްޑީސީގެ ކޯލް ސެންޓަރުން 12 އަދި ޓްރޭޑްނެޓުގެ ކޯލް ސެންޓަރުން ގާތްގަނޑަކަށް 50 ވަޒީފަގެ ފުރުސަތު ފުވައްމުލަކަށް ހުޅުވިގެންދިޔަ އެވެ.

"ވަޒީފާ އުފެދޭނެ އޮފީސްތައް މިކޮޅަށް ގެނައުމުގެ މަސައްކަތް ކައުންސިލުން ވަރަށް ބޮޑަށް އެބަކުރަން. މިހާރު ނިންމައި، އިއުލާންކޮށްފައި އޮންނާނެ ކޮމާޝަލް ސްޕޭސް ހިމެނޭގޮތަށް މަލްޓި ސްޓޯރީ އޮފީސް އިމާރާތެއް އެޅުމަށް،" މޭޔަރު ވިދާޅުވި އެވެ.

ރަފީގު ވިދާޅުވީ އޮފީސް އިމާރާތެއް އެޅުމުގެ ވިސްނުމަކީ ފުވައްމުލަކަށް އަންނަން ބޭނުންވާ ކުންފުނިތަކަށް ފަސޭހައިން އާދެވޭނެ ގޮތަށް އިންފްރާންސްޓްރަކްޗާ ގާއިމުކުރުން ކަމަށެވެ. އަދި އެންމެ ބޮޑު ބޭނުމަކީ ކުންފުނިތައް [ފުވައްމުލަކަށް] ބަދަލުވެ، އޭގެ ތެރެއިން ވަޒީފާތައް އުފެދިގެން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ފުވައްމުލަކުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރަން ސިޓީ ކައުންސިލުން ކުރުމަށް ރާފައިވާ ކަންތައްތަކުން ވެސް ވަޒީފާތައް އިތުރުވެގެންދާނެ ކަމަށް ރަފީގު ވިދާޅުވި އެވެ. ހަމައެއާއެކު، ފުވައްމުލަކުގައި އެގްރިކަލްޗާ ލެބޯޓްރީއެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެކަމުން ދަނޑުވެރިކަމަށް ކުރާ ފައިދާގެ އިތުރުން އެކަމުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެން ދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަށުގައި މިފަދަ ފުރުސަތުތައް އުފެދިގެން އަންނައިރު، ހިތްވަރު ލިބިގެން، އެ ފުރުސަތުތަކުގެ ބޭނުން ހިފަން ރަށުގެ ޒުވާނުން ނުކުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.