8 މާރިޗު 2023 - 08:30 5
އަބްދުﷲ ޝަހީދު
8 މާރިޗު 2023 - 08:30 5
ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންފްލޭޝަން މައްޗަށްދާ ވާހަކަ މިދުވަސްކޮޅު ހަބަރުތަކުން ވަރަށް ފެނެ އެވެ. ރާއްޖޭގެ އިންފްލޭޝަންގެ ތާރީހާއި، މިހާރުގެ ހާލަތާއި، ފައިސާ 'ޗާޕު' ކުރުން އަދި ޓެކްސް އާއި އިންފްލޭޝަނާއި ގުޅުމެއްވޭތޯ އާއި، ރާއްޖެއާ އަޅައިކިޔޭ އެހެން ގައުމުތަކުގައި އިންފްލޭޝަންގެ ނިސްބަތް ހުރި މިންވަރާއި، ތަރައްގީވެފައި ހުރި ގައުމުތަކުގައި އިންފްލޭޝަނާއި ގުޅުންހުރި ސިޔާތަތުތައް ތަންފީޒުކުރާ ގޮތާއި ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް މިލިޔުމުގައި ކުރު ގޮތަކަށް އަލިއަޅުވާލާނަމެވެ.
އިންފްލޭޝަނަކީ ތަކެތީގެ އަގު މައްޗަށްދާ ރޭޓަށް ކިޔާ ނަމެކެވެ. އިންފްލޭޝަން މިންކުރަން ދުނިޔޭގެ އެކިއެކި ގައުމުތަކުން އެކި މިންގަނޑުތައް ގެންގުޅެ އެވެ. އެންމެ އާންމުކޮށް ގެންގުޅޭ މިންގަނޑަކީ ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އެވެ. މިއީ އާންމުކޮށް، އާދަވެގެން ކޮންމެ ދުވަހަކު، ކޮންމެ މަހަކު، އާންމު ފަރުދުން ކައިބޮއެ ހަދާ މުދަލާއި ބޭނުންކުރާ ހިދުމަތުގެ އަގަށް އަންނަ ބަދަލެވެ. ރާއްޖޭގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި ސީޕީއައި ހިސާބުކުރުމަށް ބޭނުންކުރަނީ މިދެންނެވި މުދަލާއި ހިދުމަތް އެކުލެވޭ ގޮތަށް ހެދިފައި ހުންނަ 'ހިޔާލީ' ޝޮޕިން ބާސްކެޓެކެވެ. މި ބާސްކެޓުގައި ހުންނަ މުދަލާއި ހިދުމަތުގެ އަގުތަކަށް ކޮންމެ މަހަކު އަންނަ ބަދަލު، ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހުންނަ އެކިއެކި ފިހާރަތަކުންނާއި ހިދުމަތް ދޭ ތަންތަނުން ބަލައި، ޗެކުކޮށް ހިސާބުކުރެވެ އެވެ. މިއީ ކޮންމެ މަހެއްގެ މަސައްކަތު ދުވަސްތަކަށް ބަހާލައިގެން، އާދަވެގެން ކޮންމެ ދުވަހަކު ވެސް ހިނގާ މަސައްކަތެކެވެ.
ރާއްޖޭގެ ސްޓެޓިސްޓިކް ބިއުރޯއިން މިހާރު ގެންގުޅޭ ބާސްކެޓުގައި ގާތްގަނޑަކަށް 300 އާއި ގާތްކުރާ އަދަދަކަށް މުދަލާއި ހިދުމަތް އެބަހުއްޓެވެ. މިގޮތުން މަހާއި، ތެލާއި، ހަކުރާއި، ޕެޓްރޯލާއި، މަހު ކުއްޔާއި އަންނައުނާއި މިކަހަލަ ހުރިހާ ބާވަތެއް ހިމެނެ އެވެ. އެ ބިއުރޯގެ 'ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަ' ސާވޭތަކަށް ރިއާޔަތްކޮށް މި ބާސްކެޓުގައި ހިމެނޭ މުދަލާއި އެ މުދަލަށް ދެވިފައި ހުންނަ 'ވެއިޓް' ދޭތެރެއަކުން ބަދަލުކުރެވެ އެވެ. ވެއިޓަކީ ވަކި ވަކި މުދަލާއި ހިދުމަތްތައް، ބާސްކެޓްގައި ހިމެނޭ ހުރިހާ ތަކެއްޗާ އަޅާ ކިޔުމަށް ފަހު، އޭގެ ބޭނުންތެރިކަން އާންމު ފަރުދުންނަށް އޮންނަ މިންވަރަށް ބަލައި ދެވޭ އިންސައްތައެކެވެ.
މިސާލަކަށް އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ގެންގުޅޭ 'ހިޔާލީ' ބާސްކެޓްގައި 2021 ވަނަ އަހަރު ކަނޑު މަހަށް ދެވިފައިވާ ވެއިޓަކީ 1.2 ޕަސެންޓެެވެ. ނަމަވެސް ރާއްޖޭގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ 2019 ސީޕީއައި ގައިޑް ބުނާ ގޮތުން ރާއްޖޭގެ ސީޕީއައިގައި ކަނޑު މަހަށް މުޅި ރާއްޖެ ހިމެނޭ ގޮތަށް ދެވިފައި ވަނީ 4.10 ޕަސެންޓެެވެ. މީގެ މާނައަކީ އިނގިރޭސިންނަށްވުރެ ދިވެހިން މަހުގެ އުފެއްދުންތައް ބޭނުންކުރާ މިންވަރު މަތީ ނުވަތަ ދިވެހިންނަށް މަހުގެ ބޭނުންތެރިކަން ބޮޑީ އެވެ. ވެއިޓްގެ ބޭނުމަކީ މީހުންގެ ދިރިއުޅުމަށާއި ހަރަދުކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލު ބާސްކެޓަށް ގެނައުމެވެ. ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން އާންމު މީހާގެ ޖީބަށް ކުރާ ބޮޑު އަސަރު، އިންފްލޭޝަންގެ އަދަދުން ނުދައްކާނަމަ މި ހިޔާލީ ޝޮޕިން ބާސްކެޓްގައި ހިމެނިފައި ހުރި މުދާ، އެހެން ނޫނީ އެ މުދަލަށް ދެވިފައިހުރި ވެއިޓް، އެހެން ނޫނީ އެ މުދަލުގެ އަގުތައް ނެގުމުގައި މައްސަލައެއް އުޅޭ ކަމަށް ދެންނެވިދާނެ އެވެ. އޭރުން ދެން ޖެހޭނީ ބާސްކެޓް އަލުން މުރާޖައާ ކުރާށެވe.
ޖެނުވަރީ 2023 ގެ ކާބޯތަކެތީގެ އިންފްލޭޝަން އެއް އަހަރުތެރޭގައި 7.82 ޕަސެންޓަށް ބޮޑުވި ވާހަކަ ހުރިހާ ނޫސްތަކެއްގައި އެބައޮތެވެ. މިއީ ފައިސާ 'ޗާޕް' ކުރުމުގެ ސަބަބުން ނުވަތަ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ދިމާވެގެން އުޅޭކަމެއް ހެއްޔެވެ؟ ފައިސާ 'ޗާޕު' ކުރުމަކީ ނުވަތަ ފައިސާ އުފެއްދުމަކީ ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާއި ހިލާފަށް މި ޒަމާނުގައި ކޮމާޝަލް ބޭންކުތަކުގެ ރޯލެއް ވެސް އެކަމުގައި ހިމެނޭ ކަމެކެވެ. ކުރުކޮށް ދަންނަވާނަމަ އިގްތިސާދުތެރޭގައި އުފެދޭ ހުރިހާ ފައިސާއަކީ ނުވަތަ ސާކިއުލޭޝަން ތެރެއަށް ވަންނަ ހުރިހާ ފައިސާއަކީ މަރުކަޒީ ބޭންކުން އުފައްދާ އެއްޗެއް ނޫނެވެ. މިސާލަކަށް ކޮމާޝަލް ބޭންކަކުން ކަސްޓަމަރަކަށް ލޯނެއް ދޫކުރާ ހިސާބުން ފައިސާ އުފެދުނީ އެވެ. މިކަމަށް ކިޔަނީ ފްރެކްޝަނަލް ރިޒާވް ބޭންކިން އެވެ. ކަސްޓަމަރު ލޯނު އަނބުރާ ދައްކާ ހިސާބުން އުފެއްދި ފައިސާ ހަލާކުވީ އެވެ. ސަރުކާރުން މަރުކަޒީ ބޭންކުން ލޯނު ނަގާ ނަމަވެސް ހަމަ ފައިސާ އުފެދުނީ އެވެ. މިސާލަކަށް ޕެންޑެމިކް ތެރޭގައި ސަރުކާރުން ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯ ކުރި ގޮތަށް، އެ ފައިސާ ނުދައްކާ، ސާކިއުލޭޝަން ތެރޭގައި މާގިނަ ދުވަހު ގެންގުޅެންޏާ އެއީ އިންފްލޭޝަނަށް މަގުފަހިވާ ގޮތަށް ފައިސާ 'ޗާޕު' ކުރުމޭ ބުނުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. 'ޗާޕު' ކުރުން މިބަސް އަންނަނީ ވެސް އެ އޯވަޑްރޯ ކުރާ ފައިސާގެ އަދަދާއި، އެފައިސާ ސާކިއުލޭޝަންގެ ތެރޭގައި އެނބުރޭ މުއްދަތަކަށާއި، އެ ދައްކާނެ ގޮތުގެ ޕްލޭންގެ މައްޗަށް ބިނާކޮށެވެ. ސަބަބަކީ ޓެކްނިކަލީ އެއީ ފައިސާ 'ޗާޕު' ކުރުން ކަމަށް ނުވިއަސް، އާހިރު ޖުމްލަ ނަތީޖާ ފައިސާ 'ޗާޕު' ކުރުމެކޭ އެއްވަރުވުމުގެ ފުރުސަތު އޮތީމަ އެވެ. އެކަމަކު މިހާރު އިންފްލޭޝަން މަތިވެގެން މިއުޅެނީ ސަރުކާރުން ޕަބްލިކް ބޭންކް އެކައުންޓުން ބިލިއަނުން އޯވަޑްރޯކުރުމުގެ ސަބަބުންނޭ ނޫނީ އެކަމާ އިންފްލޭޝަނާ ސީދާ ގުޅުމެއް އެބަވެޔޭ ދަންނަވާކަށް ނޭނގެ އެވެ.
ދުނިޔޭގެ މަރުކަޒީ ބޭންކުތަކުން އާންމުކޮށް މިކަހަލަ ގުޅުންތައް ވޭތޯ އެންމެ ރަނގަޅަށް ބަލާ ގޮތަކީ، ނުވަތަ އެކަން ކުރާ ގޮތަކީ 'ޑައިނެމިކް ސްޓޮކާސްޓިކް ޖެނެރަލް އިކުއިލިބްރިއަމް މޮޑެލް (ޑީއެސްޖީއީ)' ފަދަ ސޮފިސްޓިކޭޓެޑް މޮޑެލްތައް ބޭނުންކޮށްގެންނެވެ. ރާއްޖޭގެ އިގްތިސާދަށް ބިނާކޮށް އެފަދަ މޮޑެލެއް ޑިވެލޮޕްކޮށްފައިވާ ކަމަށް އެނގޭކަށް ނެތެވެ. ފެންނަން ހުރި ސީޕީއައި އިންޑެކްސްއަށް ބަލާއިރު ސަރުކާރުން ޕަބްލިކް ބޭންކް އެކައުންޓްއިން ބިލިއަނުން އޯވަޑްރޯކުރުމާ ވިދިގެން އާދަޔާއި ހިލާފު މާބޮޑު ބަދަލެއް ސީޕީއައި އިންޑެކްސްއަށް އައިކަން ޑޭޓާއިން ފެންނާކަށް ނެތެވެ. އެކަމަކު ފާހަގަވާ ބޮޑު ބަދަލެއް މާޗް 2022 ގައި ވަނީ އަންނާން ފަށާފަ އެވެ. މި ޕެޓާން ގޮސް ނިމެނީ އޯގަސްޓް 2022 އަށެވެ. މިމުއްދަތުގެތެރޭގައި އެކަނިވެސް 2 ޕަސެންޓަށްްވުރެ އަގުތައް މައްޗަށް ގޮސްފައި ވެ އެވެ. ބޮޑަށް ލަފާކުރެވެނީ މިއީ ފެބްރުވަރީ 2022 ގައި ފެށުނު ރަޝިޔާ ހަނގުރާމަ އާއި ވިދިގެން އަގަށް އައި އާދަޔާހިލާފު ބަދަލެއްކަމަށެވެ.
އެކަމަކު ސަރުކާރުން ޕަބްލިކް ބޭންކް އެކައުންޓުން ބިލިއަނުން އޯވަޑްރޯކުރުމާއި ގުޅިގެން އިންފްލޭޝަނަށް ބަދަލު އައުމާ ގުޅިފައިއޮވެދާނެ އޮތުން ރޫލް އައުޓްއެއްވެސް ނުކުރެވޭނެ އެވެ. ސަބަބަކީ 'އިން ތިއަރީ' އެއީ ވާކަމަކަށްވާތީ އެވެ. އިކޮނޮމިކް ލިޓްރޭޗާ އެކަމަށް ބާރުވެސްދޭތީ އެވެ. ނަމަވެސް ރާއްޖޭގެ ކޭސްގައި ހައި ކޮންފިޑެންސެއްގެ ޖަވާބެއް އެއްވެސް މީހަކަށް އެއަށް ދެވޭނީ އެމުއްދަތުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ފުޅާވި މިންވަރާއި ފައިސާ އިންޖެކްޓް ކުރެވުނު ނިސްބަތާއި، މިކަހަލަ ވަރަށް ގިނަ ކަންކަން މޮޑެލްކޮށްގެންނެވެ. ހުއްޓިފައި ސްޓްގްނޭންޓްކޮށް އެހެން ނޫނީ ކާރިސާއެއްގެތެރޭގައި ނުވަތަ ކާރިސާއަކުން އަރައިގަންނަމުންދާ އިގްތިސާދެއްގެ ތެރެއަށް ފައިސާ ޕަމްޕުކުރުމުން އަންނަ ނަތީޖާ އާއި ބާރަށް ފުޅާވަމުންއައި ނުވަތަ އަންނަމުންދާ އިގްތިސާދެއްގެ ތެރެއަށް ފައިސާ ފަމްޕުކުރުމުން އަންނަ ނަތީޖާ ތަފާތުވެސްވާނެ އެވެ. ކުރުމުއްދަތުގެ ތެރޭގައި ފައިސާ 'ޗާޕު' ކުރުމުގެ އަސަރު އިހުސާސް ނުވިއަސް، ދިގު މުއްދަތުގެ ތެރޭގައި އޭގެ އަސަރު އިހުސާސްވާން ފެށުމަކީ އެކަށީގެންވާކަމެކެވެ.
ތިރީގައި މިވަނީ ވޭތުވެދިޔަ ފަސްއަހަރު އަހަރުން އަހަރަށް ތަކެތީގެ އަގުތައް މައްޗަށް އުފުލުނު މިންވަރެވެ. މިއަދަދުތައް ދައްކާގޮތުން އަގުތައް އުޅުނީ ޖުމްލަކޮށް ދަށްކޮށެވެ. އެކަމަކު 2022 ގައި ވަރަށް ބޮޑަށް މިވަނީ އަގުތައް އުފުލިފައެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އިންފްލޭޝަނަށް އައިސްފައިވާ ބަދަލު
ދެން އޮތީ ޓެކްސްގެ ވާހަކައެވެ. ޓެކްސް ބޮޑުކުރުމާ ވިދިގެން މުދަލާއި ހިދުމަތުގެ އަގަށް އަންނަ ރާޅު، ޓެކްސް ބޮޑުކުރި އިންސައްތައަށްވުރެ ބޮޑުވުމުގެ ފުރުސަތު އަބަދުވެސް އޮވެ އެވެ. މައިގަނޑު އެއް ސަބަބަކީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން އިންފްލޭޝަން މަތިވެދާނެކަމަށް ބަލައި، ތަކެތީގެ އަގުބޮޑު ކުރާމީހުންވެސް އުޅޭތީ އެވެ. އަދި މަދުން ނަމަވެސް، ހާލަތުގެ ނާޖާއިޒް ފައިދާ ނަގާމީހުންވެސް އުޅޭތީ އެވެ. މިއީ ހަމަ އެކަނި ރާއްޖެއަށް ހާއްސަ ސިފައެއް ނޫނެވެ. ޑިސެންބަރު 2022 އިން ޖެނުއަރި 2023 އަށް ކާބޯތަކެތީގެ އިންފްލޭޝަން މައްޗަށް ދިޔައީ 1.26 ޕަސެންޓަށެވެ. މިއީ މަހުން މަހަށް އިންފްލޭޝަން މަތިވަމުން ދިޔަ ރޭޓާއި ބަލާއިރު ބޮޑު ރޭޓެކެވެ. މީގެ ސަބަބަކަށް ޔަގީނުންވެސް ޓެކްސް ވެ އެވެ. ޖުމްލަކޮށް ވެސް ފާއިތުވެދިޔަ 12 މަސްދުވަސްތެރޭގައި ކާބޯތަކެތި ދިޔައީ އަގުބޮޑު ވަމުންނެވެ. ހިމޭންކޮށެވެ. ބައެއް މަސްމަހު ޕަސެންޓެއްގެ ދިހަބައިކުޅަ އެއްބައެވެ. އަނެއްބައި މަހު ޕަސެންޓެއްގެތިންބައިކުޅަ އެއްބައެވެ. އަދި ބައެއް މަސްމަހު ދަށަށްގޮސްފައިވެސް އެބަހުއްޓެވެ. މިހެންގޮސް ޖުމްލަ 12 މަސްދުވަސް ފެށުނު މުއްދަތާއި ނިމުނު މުއްދަތުގެ އަގުތައް އަޅައިކީއިރު ވަނީ 7.82 ޕަސެންޓް ބޮޑުވެފަ އެވެ. މި އަދަދަކީ ޖެނުއަރީ މަހުގައި ޝާއިއު ކުރެވުނު އަދަދަކަށްވުމުން ގިނަ މީހުންނަށް ވަގުތުން ޓެކްސްއާ ގުޅުވާލެވުނީ އެވެ. އެކަމަކު މި 7.82 ޕަސެންޓުގެ ތެރެއިން ޓެކްސް ހިއްސާ ކުރަނީ އެއަށްވުރެ ކުޑަމިންވަރެކެވެ. ޓެކްސްގެ ސަބަބަކުން އިންފްލޭޝަނަށް ކުރާ ހަގީގީ އަސަރު ބޮޑަށް ފެންނާނީ ފެބުރުވަރީ 2023 އަދި މާޗް 2023 އިންފްލޭޝަންގެ އަދަދު އާންމުކުރުމުންނެވެ. ސަބަބަކީ ޖެނުއަރީ މަހުގައި އާ ސްޓޮކް ބާޒާރަށް ނުނެރެ ހުރުން އެކަށީގެންވާތީ އެވެ.
ދިވެހިރާއްޖޭގައި 1985 ގައި އިންފްލޭޝަންގެ ހިސާބުތައް ރެކޯޑްކުރަން ފެށިފަހުން އިންފްލޭޝަން އެންމެ މައްޗަށް ދިޔަކަމަށް އަދަދުތަކުން ފެންނާން ހުރީ 1990 ގެ ކުރީކޮޅުގަ އެވެ. ވޯލްޑް ބޭންކްގެ ތަފާސް ހިސާބު ދައްކާގޮތުން މިދުވަސްވަރުގައި ރާއްޖޭގެ އަހަރުން އަހަރަށް ހިސާބުކުރި އިންފްލޭޝަން ހުރި ގޮތް މި ވަނީ އެވެ.
މި މުއްދަތުގެ ތެރޭގައި ދުނިޔޭގައި ބޮޑުކަމަކަށް ހިނގާފައިވަނީ 1990 ގައި އިރާގުން ކުވެއިތު ހިފުމާއި (ގަލްފް ހަނގުރާމަ)، އޭޝިއާގެ ވެސް ބައެއް ގައުމުތައް ހިމެނޭ ގޮތަށް އުފެދިފައިއޮތް ސޯވިއަޓް ޔޫނިއަން 1991 ގައި ވެއްޓުމާއި، 1992 ގައި ނޯތު އެމެރިކަން ފްރީ ޓްރޭޑް އެގްރިމެންޓް ވުޖޫދުވުމާއި، 1993 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަން އުފެދުމެވެ. މިކަންކަމުގެ ސަބަބުން މުޅި ދުނިޔެއަށްވެސް އިގްތިސާދީގޮތުންނާއި ސިޔާސީގޮތުން ބޮޑު ލޮޅުންތަކެއް އެރި އެވެ. ގަލްފް ހަނގުރާމައިގައި އިރާގުން ކުވައިތުގެ 600 އަށްވުރެގިނަ ތެޔޮވަޅުތަކުގައި ރޯކުރުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އެރި ލޮޅުން ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ.
އޭގެ 15 އަހަރު ފަހެވެ. ރާއްޖޭގައި އަހަރުން އަހަރަށް މިންކުރާ އިންފްލޭޝަން ރޭޓް 2006 ގައި 2.73 ޕަސެންޓުގައި ހުރިއިރު، 2008 12.04 ޕަސެންޓަށް އުފުލުނެވެ. މި މުއްދަތުގެ ތެރޭގައި ދުނިޔޭގައި ހިނގާދިޔަ އެންމެ ބޮޑު އެއް ކަމަކީ 2001 ގައި އެމެރިކާގައި ވަރަށް ބޮޑަށް އުފުލެން ފެށި ގެދޮރުގެ އަގުތައް 2006 ގެ ފަހުކޮޅު ދަށަށް ދާންފަށައި، އެކަމުގެ ސަބަބުން 2007 ގައި އެގައުމުގެ ގެދޮރުގެ މާކެޓް އަޑިއަޅާންފެށުމެވެ. ލަސްތަކެއްނުވެ، އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ބޭންކް ލީމަން ބްރަދާޒް 2008 ގައި ބަނގުރޫޓުވި އެވެ. މިކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރި އެވެ.
މިހާރު މިހިނގަނީ 2023 ވަނަ އަހަރުގެ މާރޗް މަހެވެ. ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އަހަރުން އަހަރަށް ރެކޯޑުކުރާ އިންފްލޭޝަން މިވަނީ ޖެނުއަރީ 2018 އާ އަޅައިކިޔާއިރު، މި އަހަރުގެ ޖެނުއަރީގައި އިފްލޭޝަން ހުރީ 1.09 އިން 3.99 ޕަސެންޓަށް އުފުލިފަ އެވެ. ކާބޯތަ ކެއްޗަށް އެކަނި ބަލާނަމަ 0.28 އިން 7.28 ޕަސެންޓަށް އެއް އަހަރުތެރޭގައި މަތިވެފަ އެވެ. މި މުއްދަތުގެތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކަމަކީ ޕެންޑަމިކެއްގެ ސަބަބުން އެއްތަނުން އަނެއްތަނަށް މުދާ އުފުލަން އިންތިހާއަށް ދަތިވުމާއި ފެބްރުވަރީ 2022 ގައި ރަޝިޔާ-ޔޫކްރޭން ހަނގުރާމަފެށުމެވެ.
ދުނިޔެއަށް މިގޮތަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައިވެސް އޭގެ އަސަރު ހުރިހާ ގައުމެއްގެ މުދަލާއި ހިދުމަތުގެ އަގަށް ކުރާކަން ހިސާބުތަކުން ފެންނާން އޮވެ އެވެ. ފާއިތުވެދިޔަ 20 އަހަރަށް، 2003 އިން 2022 އަށް، ބަލާނަމަ ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މިވަނީ ގާތްގަނޑަކަށް 89 ޕަސެންޓު އުފުލިފަ އެވެ. މީގެ މާނައަކީ މީގެ 20 އަހަރުކުރިން 100 ރުފިޔާއަށް ހުރި މުދާ މިހާރު 189 ރުފިޔާއަށް ލިބުމެވެ. ރާއްޖެ ފަދަ، ރާއްޖެއާއި ދާދި އެއްވަރަކަށް ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ހުރި ގައުމުތަކުގައިވެސް، އަދި ތަރައްގީ ވެފައި ހުރި ގައުމުތަކުގައިވެސް ތަކެތީގެ އަގުތައް މައްޗަށްދާ ތަބީއަތު ދާދި އެއްގޮތެވެ. ތަފާތުވަނީ އެގައުމުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ބައެއްގައުމުތަކުގައި މާބޮޑަށް، ބައެއްފަހަރު އިންތިހާއަށް އިންފްލޭޝަން މައްޗަށް ދިޔުމެވެ. އަނެއް ގައުމުތަކުގައި އެ ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން ދެމެހެއްޓެނިވި މިންވަރަކަށް އިންފްލޭޝަން ހިފެހެއްޓިފައި ހުރުމެވެ. ތިރީގައި މިވަނީ 2003 އިން 2022 އަށް ރާއްޖެއާއި ދާދި އެއްކަހަލަ ބައެއް ގައުމުތަކުގައި އަގުތައް އުފުލިފައިވާ މިންވަރެވެ. މިއަދަދުތައް ހިސާބުކުރެވިފައި މިވަނީ ވޯލްޑް ބޭންކްގައި އާންމުކޮށްފައި ހުރި އަހަރީ އިންފްލޭޝަންގެ އަދަދުތައް އަހަރުން އަހަރަށް ގުނަކޮށްގެންނެވެ.
ރާއްޖެ ފަދަ ގައުމުތަކާއި ރާއްޖޭގެ އިންފްލޭޝަން
ތަރައްގީވެފައި ހުރި ބައެއް ގައުމުތަކުގައި މިމުއްދަތުގައި މިނިސްބަތް އުޅޭ މިންވަރު ތިރީގައި މިވަނީ އެވެ.
ތަރައްގީވެފައި ހުރި ބައެއް ގައުމުތަކުގައި މި ނިސްބަތް އުޅޭ މިންވަރު
މިއަދަދުތަކުން ފާހަގަވާކަމަކީ ތަރައްގީވެފައި ހުރި ގައުމުތަކުގައި އެވްރެޖްކޮށް އިންފްލޭޝަން ދަށްކަމެވެ. ސަބަބުތައް ތިރީގައި ބަޔާންކޮށްފައިވާނެ އެވެ. މަތީގައިވާ ހިސާބުތަކުގައި ހިމަނާފައިނުވާ، އިންޑިޔާއާއި (227.09 ޕަސެންޓު)، ސްރީލަންކާ (473.89 ޕަސެންޓު) ފަދަ ގައުމުތަކުގައިވެސް ވޭތުވެދިޔަ 20 އަހަރު އަގުތައް މައްޗަށްދިޔަ ނިސްބަތް އުޅެނީ ވަރަށް މަތިކޮށެވެ.
އާންމު ފަރުދެއްގެ ހައިސިއްޔަތުން އިންފްލޭޝަނަކީ މާގަޔާވާއެއްޗަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް އިގްތިސޯދީ އަދި އިލްމީ ނަޒަރަކުން ބަލާއިރު (މިސާލަކަށް 'ނިއު ކެއިންޒިއަން ތިއަރީ'، 'މޮނެޓަރިޒަމް') ދަށް މިންވަރެއްގެ އިންފްލޭޝަނަކީ އިގްތިސޯދުތެރޭގައި މުދަލާއި ހިދުމަތަށް އޮންނަ ޑިމާންޑް ހިފެހެއްޓުމަށް، ސިޔާސަތެއް ގޮތަށް ދަމަހައްޓަން ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ސަބަބަކަށް ވަނީ މާދަމާ އަގުތައް 'ކުޑަކޮށް' އެހެން ނޫނީ 'ކޮންމެވެސް މިންވަރަކަށް' އުފުލިދާނެކަމަށް ލަފާކޮށް ވިޔަފާރިތަކާއި އާންމު ފަރުދުން މިއަދު ހަރަދުކޮށް، އިންވެސްޓް ކުރުމަށް އަވަސްވެގަންނާތީ އެވެ. މިސާލަކަށް، އަބަދު އެއްވަރެއްގައި އަގުތައް އުފުލެމުން ދާނަމަ، އަދި މިއަދު އަތުގައި ފައިސާ ހުރެއްޖެނަމަ އާ ސައިކަލެއް މާދަމާ ގަތުމުގެ ބަދަލުގައި މިއަދު އެސައިކަލް ގަންނަންވީ އެވެ. މިގޮތަށް ގިނަ މީހުންގެ ވިސްނުމާއި ހަރަދު ކުރުމުގެ ވައްޓަފާޅި ހުރެއްޖެނަމަ އިގްތިސޯދީ ހަރަކާތް އަބަދުވެސް ހިނގާނެ އެވެ. މަޑުޖެހުމެއް ނޯންނާނެ އެވެ. ވަޒީފާތައް ދާނީ އަބަދުވެސް އުފެދެމުންނެވެ. އެއާއި ހިލާފަށް އަގުތައް ވެއްޓެމުންދާނަމަ، މާދަމާ އެއަށްވުރެ ބޮޑަށް އަގުތައް ވެއްޓިދާނެ ކަމުގެ އުންމީދުގައި މިއަދު އެއްޗެހި ނުގަނެ މަޑުކުރާނީ އެވެ. މިކަމުގެ ސަބަބުން އިގްތިސޯދީ ދުވެއްޔަށް ހުރަސްއެޅެ އެވެ. އެހެންކަމުން އިގްތިސޯދީ މިފަދަ ނަޒަރިއްޔާތައް ބުނާގޮތުން، ތަކެތީގެ އަގުތައް މައްޗަށްދާވަރު ސިޔާސަތެއް ގޮތަށް ދަށް މިންވަރެއްގައި ހިފެހެއްޓިއްޖެނަމަ (މިސާލަކަށް ސަރުކާރުން އިންފްލޭޝަން 2 އިންސައްތައިގައި އަބަދުވެސް ގެންގުޅުން، އެއަށްވުރެ މަތިވެސް އަދި ދަށްވެސް ނުކުރުން) އިގްތިސޯދު ކުރިއެރުވުމަށް ބޮޑު އެހީއަކަށް ވެދެ އެވެ. މީގެ މާނައަކީ އިންފްލޭޝަން އާދަޔާހިލާފަށް މާބޮޑަށް ދަށްވެއްޖެއްޔާ (ބައެއްފަހަރު ޑީފްލޭޝަން) އަދި މަތިވެއްޖެއްޔާ އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރަން ފެށުމެވެ.
އިސްވެ ދެންނެވުނު އިގްތިސޯދީ ނަޒަރިއްޔާތައް ބުނާ ގޮތުން އިންފްލޭޝަން މާބޮޑަށް ދަށްވާން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އިގްތިސޯދު ތެރޭގައި މުދަލާއި ހިދުމަތަށް އޮންނަ ޑިމާންޑް ދަށްވުމެވެ.
1. އާންމު ފަރުދުން އަމިއްލަ މާލީ ހާލަތާއި ގައުމުގެ އިގްތިސޯދަށް އޮންނަ އިތުބާރު ދަށްވުން (މާދަމާ ވަޒީފާއެއް ނުލިބިދާނެކަމަށް ހީވުން، ސިޔާސީ ހަލަބޮލިކަން، ހަނގުރާމައެއް ފެށުން، ގުދުރަތީ ކާރިސާއެއް ދިމާވުން، ދޮގު ހަބަރު ފެތުރުން، ގައުމުގެ ދަރަނި ބޮޑުވުން، މާލީ އިދާރާތަކުގެ ރިޕޯޓްތައް ބުނާ ވާހަކަތައް) 2. އާންމު ފަރުދުންގެ އާމްދަނީ ދަށްވުން (އިންޑަސްޓްރީއަށް އަންނަ ލޮޅުމެއްގެ ސަބަބުން، މިނިމަމް ވޭޖަށް ބަދަލުއައުން އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކުން ހަރަދުކުޑަކުރަން ވަޒީފާ މަދުކުރުން ހިމެނޭ) 3. ސަރުކާރުގެ އިންވެސްޓްމެންޓް ދަށްވާން (މިކަމުގެ ސަބަބުން އާންމު މީހާއަށާއި ވިޔަފާރިވެރިޔާއަށް ނުބައި ސިގްނަލެއް ދެވޭ) ފެށުމެވެ.
މީގެ ކޮންމެ ސަބަބަކާހުރެ ނަމަވެސް އާންމު ފަރުދުންގެ ފަރާތުން މުދަލާއި ހިދުމަތަށް އޮންނަ ޑިމާންޑް ދަށްވާނަމަ އެމީހުން ޖުމްލަކޮށް ހަރަދުކުރާ މިންވަރު ވެސް ދަށްވާން ފަށަ އެވެ. އާންމު ފަރުދުން ހަރަދު ނުކުރާނަމަ ވިޔަފާރިތަކުގެ ވިކުރާ ދަށްވާންފަށަ އެވެ. ވިކުރާ ދަށްވުމުން، ވިޔަފާރީގެ ފައިދާ ދަށްވެ އެވެ. ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހެ އެވެ. ވިޔަފާރިން ސަރުކާރަށް ދައްކާ ޖީއެސްޓީ އާއި އިންކަމް ޓެކްސް ދަށްވެ އެވެ. ސަރުކާރުގެ އާމްދަނީ ވެސް ވާނީ ދަށެވެ. މުޅި އިގްތިސޯދުގައި ދައުރުވަމުންދާ ފައިސާ، އަތުން އަތަށް ބަދަލުވާ ރޭޓް (ވެލޯސިޓީ) ދަށްވެގެން ދެ އެވެ. މިހެން މިކަން ދިމާވާންފެށުމުން ގައުމު 'އިކޮނޮމިކް ރިސިޝަން' ނުވަތަ އިގްތިސޯދީ ކާރިސާއަކާއި ދިމާލަށް މިސްރާބު ޖަހަންފަށަ އެވެ. ޖަޕާނަށް 1991 އިން 2000 އަށް ދިމާވީ މިފަދަ ހާލަތެކެވެ.
ޑިމާންޑްގެ އިތުރުން އިންފްލޭޝަނަށް މަގުފަހިކުރުވާ އެހެނިހެން ސަބަބުތައްވެސް ހުރެ އެވެ. މިގޮތުން ރާއްޖެއަށް ބަލާނަމަ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަ މިންވަރާއި އިމްޕޯޓު ކުރާ މުދަލުގެ އަގު ހުންނަ މިންވަރު މިކަމުގައި މުހިންމު ދައުރެއް އަދާކުރެ އެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަ މިންވަރާއި އިމްޕޯޓު ކުރާ މުދަލުގެ އަގު ހުންނަ މިންވަރަށް މާބޮޑު ބަދަލެއް ނާންނަނީސް ރާއްޖޭގެ އިންފްލޭޝަން ދަށްވާން ފަށައިފިއްޔާ އަޅުގަނޑު ކުރިން މިދެންނެވި 'އިކޮނޮމިކް ރިސިޝެން' އެއްގެ އެލާމް އަޅަން ފެށީކަމުގައި ބެލުމުގެ ފުރުސަތު އޮވެ އެވެ.
މިކަން މިހެން ވިޔަނުދިނުމަށްޓަކައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އިންފްލޭޝަން މެދުމިންގަނޑެއްގައި (ދަށް އަދި ދެމެހެއްޓެނިވި މިންވަރެއްގައި) ހިފެހެއްޓުމަށް 'އިންފްލޭޝަން ޓާގެޓިންގް މަނިޓަރީ ޕޮލިސީތަކާއި ފްރޭމްވޯކްތައް' ހެދިފައި ހުރެ އެވެ. މީގެ ބޭނުމަކީ ވަކި މިންވަރަކަށް ވުރެ އިންފްލޭޝަން ދަށްވިޔަނުދީ، އަދި ވަކި މިންވަރަކަށްވުރެ އިންފްލޭޝަން މަތިވިޔަ ނުދީ ހިފެހެއްޓުމެވެ. މިފަދަ ޕޮލިސީއެއް އެންމެ ފުރަތަމަ ވުޖޫދަށް ގެނައީ 1990 ގައި ނިއު ޒީލެންޑުގައެވެ. އެގައުމުގެ އިންފްލޭޝަން ޓާގެޓަކީ 1-3 ޕަސެންޓާ ދެމެދު ކަމަށް ކަނޑައެޅި އެވެ. ޖެހިގެން އައި އަހަރު 1991 ގައި ކެނެޑާއިން މިފަދަ ޕޮލިސީއެއް ގާއިމު ކުރި އެވެ. އަދި 1992 ގައި އިނގިރޭސިވިލާތުގައި ވެސް 2 ޕަސެންޓުގެ ޓާގެޓެއް ކަނޑައެޅި އެވެ. އޭގެ ފަހުން އޮސްޓްރޭލިޔާ އާއި ސުއިޑަން އަދި ތަރައްގީވެފައި ހުރި އަދި ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން މިފަދަ ޕޮލިސީތައް ވުޖޫދުކުރި އެވެ. ބޭނުމަކަށްވީ ވަކި މިންވަރަކަށްވުރެ އިންފްލޭޝަން މަތި ނުކުރުމާއި ވަކި މިންވަރަކަށްވުރެ އިންފްލޭޝަން ދަށް ނުކުރުމެވެ. މިދެންނެވި ގައުމުތަކުގައި އިންފްލޭޝަން މެދުމިނުގައި ހިފެހެއްޓުމުގެ ޒިންމާ ހަވާލުކުރީ މަރުކަޒީ ބޭންކާ އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭގައި ސީދާ ކަނޑައެޅިގެން އިންފްލޭޝަން ޓާގެޓެއް ކަނޑައެޅިފައި ނެތަސް އެމްއެމްއޭގެ މައިގަނޑު ތިން ސިޔާސަތުގެ ތެރޭގައި 'ޕްރައިސް ސްޓެބިލިޓީ' އެކި ގޮތްގޮތަށް ހިމެނިފައި ވެ އެވެ. ޑިމާންޑާއި ސަޕްލައިއަށް އެކްސްޗޭންޖް ރޭޓު ދޫކޮށްލެވިފައި ހުންނަ (ފްލޯޓިން) ގައުމުތަކާއި ހިލާފަށް އެމްއެމްއޭ އަށް ސީދާ އިންފްލޭޝަން ކޮންޓްރޯލް ކުރަން ހުންނަ މަގުތައް ހަންޏެވެ. އެހެން ގައުމުތަކުގައި އިންފްލޭޝަން ހިފަހައްޓަން އާންމުކޮށް ބޭނުންކުރާ ހަތިޔާރަކީ އިންޓްރަސްޓް ރޭޓެވެ.
މިސާލަކަށް އިނގިރޭސިވިލާތުން ވަނީ ފެބުރުއަރީ 2022 ގައި 0.5 ޕަސެންޓުގައި ހުރި އިންޓްރަސްޓް ރޭޓް 8 ފަހަރަށް ބަދަލުކޮށް، 4 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. އެއީ އިންފްލޭޝަން، އިންފްލޭޝަން ޓާގެޓް ބޭންޑު 2 ޕަސެންޓުން ބޭރުވެ 10 ޕަސެންޓަށްވުރެ މައްޗަށް އުފުލުމުންނެވެ. 'މަނިޓަރިސްޓް ތިއަރީ' ބުނާ ގޮތުން އިންޓްރަސްޓް ރޭޓް ބޮޑުކުރުމުން އިގްތިސޯދުތެރޭގައި ފައިސާ ދައުރުވާ ރޭޓް (އަތުން އަތަށް ބަދަލުކުރެވޭ މިންވަރު) ދަށްވެ އެވެ. ނަތީޖާއަކީ ގިނަ މީހުންނާއި ވިޔަފާރިތަކުން ފައިސާ ރައްކާ (އިންވެސްޓް) ކުރަންފަށަ އެވެ. ސަބަބަކީ ލޯނާއި ކްރެޑިޓް ފެސިލިޓީތައް އަގުބޮޑުވުމެވެ. ލޯނު ނަގާ މިންވަރު ދަށްވުމުން ކެޕިޓަލް އިންވެސްޓްމެންޓް ދަށްވެ އެވެ. އާހިރު ނަތީޖާއަކަށް ވަނީ އިގްތިސޯދުތެރޭގައި އޮންނަ ޖުމްލަ ޑިމާންޑް ދަށްވެ، އިންފްލޭޝަން ދަށަށް ދާންފެށުމެވެ. އިނގިރޭސިވިލާތުގައި އެޅި މި ފިޔަވަޅުގެ ސަބަބުން މިހާރު އިންފްލޭޝަން ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި އެމްއެމްއޭގައި މައިގަނޑުކަމަކަށް ކުރާކަމަކީ ރިޒާވް މެނޭޖްމަންޓާއި ފޮރިން މާކެޓް އިންޓަވެންޝަން މެދުވެރިކޮށް ރަސްމީ ޑޮލަރުގެ ރޭޓް ހިފެހެއްޓުމެވެ. އެމްއެމްއޭގެ މި މަގުސަދު ހާސިލްކުރެވޭތޯ އުފެދޭ ސުވާލުގެ ޖަވާބަކީ އެހެން މައުލޫއެކެވެ. ކުރު ޖަވާބަކީ އެންމެ އެދެވޭ ގޮތެއްގައި އަދި އެކަން ނުކުރެވެ އެވެ. އޭގެ ސަބަބުތައް ވެސް ހުރީމަ އެވެ. އެހެންކަމުން ރާއްޖޭގައި އިންފްލޭޝަން ކޮންޓްރޯލް ކުރަނީ މައިގަނޑުގޮތެއްގައި ފިސްކަލް ޕޮލިސީ މެދުވެރިކޮށް، އެހެން ނޫނީ ސަރުކާރުން އަބަދުވެސް އެކަމުގެ ތެރެއަށް ވަދެގެންނެވެ. މިގޮތުން ތެލާއި ކާޑަށް ސަބްސިޑީ ދީގެންނާއި ސަރުކާރުގެ ބޮޑެތި ކުންފުނިތައް މެދުވެރިކޮށް ދޭ ހިތުމަތްތަކެއްގެ ތެރެއިން ސަރުކާރުން އަބަދުވެސް ތަކެތީގެ މިންވަރު އެއްމިންވަރެއްގައި ހިފެހެއްޓޭތޯ ބަލަ އެވެ.
ބާޒާރުމަތީގައި ބަޔަކު މުދާ އުފުލަނީ. -- ފޮޓޯ: އަދަދު
މަތީގައިވާ ދެ ޓޭބަލްއަށް ރިއާޔަތް ކުރާއިރު، ރާއްޖެއާ އެއްފަދަ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ވޭތުވެދިޔަ 20 އަހަރުތެރޭގައި އަގުތައް މައްޗަށް ޖެހިފައިވާ މިންވަރު މައްޗެވެ. މާނައަކީ މީގެ 20 އަހަރު ކުރިން ލިބެމުން އައި 15،000ރ. ބަދަލުގައި މިހާރު 20،000ރ. ލިބުނަސް (33 އިތުރުވުމެއް)، އަސްލު މުސާރަ އިތުރެއް ނުވެ އެވެ. ސަބަބަކީ އެއްޗެހީގެ އަގުތައް 89 ޕަސެންޓު މައްޗަށް ޖެހިފައިވުމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިކަމަށް ހައްލު ގެންނަނީ ލިބޭ މުސާރަ އާއި އިންފްލޭޝަން މައްޗަށް ދާ މިންވަރާއި ގުޅުވައިގެންނެވެ. މާނައަކީ މި އަހަރު އިންފްލޭޝަން 2 ޕަސެންޓުގައި ހުރި ނަމަ އެއާ އެއްވަރުގެ ނުވަތަ އެއާ ގާތްކުރާ މިންވަރަކަށް މުސާރަ މައްޗަށް ޖެއްސުމެވެ. އަދި މިގޮތަށް ނުގުޅުވައި ހުންނަ ހާލަތްތަކުގައި ވެސް ވަޒީފާ އަދާކުރާ މީހާ ނިސްބަތްވާ ޓްރޭޑް ޔޫނިއަންތަކުން އެކަންކަމަށް ވަކާލާތުކުރެ އެވެ. މިހާރު އިނގިރޭސިވިލާތުގައި ޓީޗަރުންނާއި، ނަރުހުންނާއި، ރޭލު ދުއްވާ މީހުން ކުރަމުންދާ ހަޅުތާލަކީ ވެސް އެފަދަ ކަމެކެވެ. އެއީ އިންފްލޭޝަނަށް ވުރެ ބޮޑުކުރި މުސާރައިގެ މިންވަރު ކުޑަވުމެވެ.
ރާއްޖޭގައި އިންފްލޭޝަން މަތިތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ މީގެ 20 އަހަރު ކުރިއާ އަޅާބަލާއިރު ތަކެތީގެ އަގު މިވަނީ ބޮޑުތަނުން މަތިވެފަ އެވެ. ހިސާބު އަދަދުތަކުން ފެންނާން ހުރީ އެ މަންޒަރެވެ. މީގެ ސަބަބުން ކުރީގައި 5،000 ރުފިޔާ އަށް ލިބުނު މުދާ މިހާރު އެއަގަކަށް ނުލިބޭނެ އެވެ. ސަރުކާރުން މިކަމަށް ހަރުދަނާ ފިޔަވަޅުތައް ނާޅައިފިނަމަ ދާއިމީ ގޮތެއްގައި ދިވެހި ރުފިޔާގެ އަގުވެއްޓުމަކީ އެކަށީގެންވާކަމެކެވެ.
Comment