Advertisement

އައިއޯއައިޖީ އަށް ތައްޔާރުވަމުން އަންނަ ގައުމީ ޓީޓީ ޓީމަށް ޗައިނާގެ ކޯޗެއްގެ އެހީތެރިކަން

6 މާރިޗު 2023 - 08:11 0


އައިއޯއައިޖީ އަށް ތައްޔާރުވަމުން އަންނަ ގައުމީ ޓީޓީ ޓީމަށް ޗައިނާގެ ކޯޗެއްގެ އެހީތެރިކަން

6 މާރިޗު 2023 - 08:11 0

ޓޭބަލް ޓެނިހުގައި ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ހުނާން ޕްރޮވިންސްގެ ކޯޗަކާ އެކު ގައުމީ ޓީޓީ ޓީމުގެ ހާއްސަ ތަމްރީންތަކެއް މާލޭގައި ފަށައިފި އެވެ.

ގައުމީ ޓީޓީ ޓީމު އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަނީ މި އަހަރުގެ އޮގަސްޓް މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. އެ ގޮތުން މި މުބާރާތަށް ގައުމީ ޓީޓީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ގައުމުން ބޭރުގައި ތަމްރީން ހެދުމަށްވަނީ ހަމަޖެހިފަ އެވެ.

ޗައިނާ އެމްބަސީގެ އެހީތެރިކަމާ އެކު މާލެ އައި ޗައިނާ ކޯޗު ހަންގު އަންގުއޯއާ އެކު ޗައިނާގެ ދެ ކުޅުންތެރިން ކަމަށްވާ ހީ ޒިއާންގް އާއި ޒިއާޝޫ ޗެން ވެސް ގައުމީ ޓީމާ އެކު ތަމްރީންތަކުގައި ބައިވެރިވާނެ އެވެ. ކޯޗު އަންގުއޯ އާއި ޗައިނާ ދެ ކުޅުންތެރިން މި މަހުގެ 18 އާ ހަމައަށް މާލޭގައި ތިބޭނެ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބް ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ޗައިނާ ކޯޗާ އެކު މި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕަކީ ޓީމުގެ މިހާރުގެ ހާލަތު ދެނެގަނެ އިތުރަށް ޓީމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރާ ދަތުރެއް ކަމަށެވެ.

މި ކޯޗާ އެކު ކުރިއަށްގެންދާ ތަމްރީން ކޭމްޕަށް ފަހު މި އަހަރު އިތުރު ފުރުސަތުތައް ގައުމީ ޓީމަށް ހޯދައިދިނުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މިއީ ޓްރަޔަލް ދަތުރެއް. ކޭމްޕްގައި ޓީމްގެ އެކި ކަންކަން ބަލާނެ މި ކޯޗު. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ތަންކޮޅެއް ގިނަ ދުވަސްތަކެއް ވަންދެން މި ފެންވަރުގެ ކޯޗަކާ އެކު ޓްރެއިނިން ހެދުމުގެ ފުރުސަތުތައް ތަނަވަސްކޮށްދޭން." ޝިއުރީ ވިދާޅުވި އެވެ.

ގައުމީ ޓޭބަލް ޓެނިސް ޓީމްގެ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރަން މި އަހަރު ގިނަ ފުރުސަތުތަކެއް ލިބޭނެ މަގު ވަނީ ފަހިވެފަ އެވެ. އެ ގޮތުން ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގެ ތެރޭގައި ހިމެނޭއިރު، އެންމެ ސީނިއާ ދެ ކުޅުންތެރިންނަށް ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް) ސްކޮލާޝިޕްގެ ދަށުން ރާއްޖެ އިން ބޭރުގައި ތަމްރީން ހެދުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ގައުމީ ޓީޓީ ޓީމުގެ ގިނަ ކުޅުންތެރިން އައިއޯއައިޖީގެ ކުރިން ތަމްރީން ހަދާނީ ކްރޮއޭޝިއާގަ އެވެ. ބައެއް ކުޅުންތެރިން އިންޑިއާގެ އެންމެ މަތީ ފަންތީގެ އެކަޑެމީއެއްގައި ތަމްރީން ހަދާނެ ކަމަށް ވެސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.