Advertisement

ދީމާ، އޮލިމްޕިކްސް ކޮލިފިކޭޝަންގެ ފައިނަލަށް

15 މޭ 2024 - 14:09 0

އަތޫފް އާތިފް

އަތޫފް އާތިފް

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެރެއިން ދީމާ މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ،--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ދީމާ، އޮލިމްޕިކްސް ކޮލިފިކޭޝަންގެ ފައިނަލަށް

15 މޭ 2024 - 14:09 0

މި އަހަރު ޖުލައި/އޮގަސްޓްގައި ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަނުގެ ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފި އެވެ.

ނޭޕާލުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިޔާގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ވާދަކުރެ އެވެ. އެއީ ދީމާގެ އިތުރުން, މިޝްކާ މުހައްމަދު އިބްރާހީމް، މޫސާ މުންސިފް އަހުމަދު އަދި އަޚްޔާރް އަހުމަދު ޚާލިދު އެވެ.

ސްރީ ލަންކާގެ މަދުރަންގީ އިޝާރާއާ ދެކޮޅަށް ދީމާ ކުޅުނު މި މެޗު ކާމިޔާބުކުރީ 4-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ދީމާ ގެންދިޔައީ 11-07 އިންނެވެ. އެކަމަކު، ޖެހިގެން އައި ސެޓު، 08-11 އިން ގެންގޮސް މަދުރަންގީ އުންމީދެއް ހޯދި އެވެ. ދީމާ މޮޅުވީ، ދެން ކުޅުނު ތިން ސެޓު ގެންގޮސްގެންނެވެ. ދީމާ، ސެޓުތައް ގެންދިޔައީ، 11-05، 11-09 އަދި 11-02 އިންނެވެ.

މި މޮޅާ އެކު ދީމާ ވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި ފައިނަލް މެޗު ކާމިޔާބުކޮށް މި އަހަރުގެ އޮލިމްޕިކް ގޭމްސްއިން ޖާގަ ހޯދުމުގެ ފުރުސަތު ދީމާ އަށް އެބައޮތެވެ.

ފައިނަލުގައި ދީމާ ކުޅޭނީ، ސްރީ ލަންކާގެ ބަންޑާރަ ބިމަންޑީއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގައި ރާއްޖޭގެ މިޝްކާ އިބްރާހިމް އަތުން މޮޅުވި، ބަންޑާރަ ބިމަންޑީ ވަނީ ސެމީ ފައިނަލުގައި، 4-1 އިން ނޭޕާލުގެ އިވާނާ ތާޕާ ބަލިކޮށްފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ދިން، ދީމާ، ކޮލިފިކޭޝަނުގެ ފައިނަލުގައި ލަންކާގެ ބިމަންޑީ ބައްދަލުކުރާ މެޗު އޮތީ މިއަދު މެންދުރު ފަހު އެވެ.