Advertisement

އެމްޑީޕީ ޕްރައިމަރީ؛ އިހުތިސޯސާ މެދު ސުވާލު އުފެދި، ވަގުތީ އަމުރުގެ ނިންމުން ފަސްވެއްޖެ

5 މާރިޗު 2023 - 11:31 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީ ޕްރައިމަރީގައި ބެހެއްޓި ވޯޓު ފޮއްޓެއް؛ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ނެތް ކަމަށް ބުނެ އެމްޑީޕިން ހުށަހަޅައިފި


އެމްޑީޕީ ޕްރައިމަރީ؛ އިހުތިސޯސާ މެދު ސުވާލު އުފެދި، ވަގުތީ އަމުރުގެ ނިންމުން ފަސްވެއްޖެ

5 މާރިޗު 2023 - 11:31 0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީން ބުނުމުން، ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން މަޑުޖައްސައިލަން އެދިފައިވާ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން ފަސްވެއްޖެ އެވެ.

އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި އެ މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ކަމަށް ދައްކާ ނަތީޖާއަށް އަމަލުކުރުން ފަސްކުރަން އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ވަގުތީ އަމުރަކަށް އެދިފައިވާތީ މިއަދު ހެނދުނު 10:15 އަށް އަޑުއެހުމެއް ވެސް ތާވަލުކުރި އެވެ. ނަމަވެސް, ކޯޓުގެ އިހުތިސޯސް ނެތް ކަމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާތީ، އެ ކަމަށް އަޑުއެހުމެއް ބާއްވާފައި ވަގުުތީ އަމުރާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުން ބާއްވަން ކޯޓުން ނިންމި އެވެ.

އިހުތިސޯސްއާ މެދު ދެކޭ ގޮތް ހުށަހަޅަން އަލީ އަމްޖަދުގެ ވަކީލުންނަށް 10 ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ހަފުތާ ތެރޭގައި ޖަވާބެއް ހުށަހަޅާނެ އެވެ. އަލީ އަމްޖަދުގެ ވަކީލަކަށް ވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ނާޒިމް އަބްދުލް ސައްތާރެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި އޮތީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ އެވެ. ދެން އެ އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ އެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވަން ނަޝީދު އަދި ނުނިންމަވަ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފައްދައި، އެ ގޮފިތަކަށް 50،000 މީހުން ވެއްދުމަށެވެ. އަދި ތާއީދުކުރާނެ ކެންޑިޑޭޓެއް ފަހުން ކަނޑައެޅޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ ލީޑާޝިޕަށް އައި ބަދަލު

2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.