Advertisement

މާފިލާފުށީ ޢާއިޝާ ކަނބާފާނު- އުތީމު ދަރިކޮޅުގެ މުޙިއްމު ޝަޚުޞިއްޔަތެއް

3 މާރިޗު 2023 - 07:52 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


މާފިލާފުށީ ޢާއިޝާ ކަނބާފާނު- އުތީމު ދަރިކޮޅުގެ މުޙިއްމު ޝަޚުޞިއްޔަތެއް

3 މާރިޗު 2023 - 07:52 0

މި ހިނގާ މާރިޗު މަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ވިމެންސް ހިސްޓަރީ މަންތު" ނުވަތަ ތާރީޚުގައި އަންހެނުން އަދާކޮށްފައިވާ ދައުރު ފާހަގަކުރާ މަހެވެ. ދިވެހި ތާރީޚުގައިވެސް ފަލަ ސުރުޚީގައި ނަންގަނެވިފައިވާ އަންހެނުންގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަމެވެ. އެހެން ނަމަވެސް ކޮންމެ ޤައުމެއްގެ ތާރީޚުގައި ވެސް، އަދި އަމުދުން ސިޔާސީ ތާރީޚުގައި، ފަރުދާގެ ފުރަގަހުގައި ތިބޭ ނުފޫޒުގަދަ ޝަޚުޞިއްޔަތުތަކުގެ ވާހަކަތައް އޮންނަނީ ފަރުދާކޮށްފައި ނުވަތަ ހަވާސާކޮށްފައެވެ.

މިއަދު އަޅުގަނޑު ސުރުޚީގައި ފަވަން މި ގަސްދުކުރަނީ މި ފަދަ އަންހެނެއްގެ ނަމެވެ. މާފިލާފުށީ ޢާއިޝާ ކަނބާއެވެ. ސާސްކަ ފުރަދާނަ ކަނބާ ޢާއިޝާ ރަނިކިލެގެފާނެވެ. އައްސުލްޠާން އިބްރާހިމް (ތިންވަނަ) ކަލާފާނު ސިރީ ސުއްދަ ސުވަރުދަ މަހާރަދުންގެ އިސް އަނބިކަނބަލުންގެ ގޮތުގައި ހުންނެވި ރާނީއެވެ. ކަލާފާނު ރަދުން އަވަހާރަވުމުން އޭގެ ފަހުން ތަޚުތުގައި ތިއްބެވި ދެ ރަސްކަލުން ކަމުގައިވާ ސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނު، އަދި އެއަށްފަހު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެވެސް އަނބިކަނބަލެކެވެ. އައްސުލްޠާން އިބްރާހިމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުންގެ މަންމާފުޅެވެ. އަދި މި ނިމުނީކީ ނޫނެވެ. މުއައްރިޚުން ސިފަކުރައްވާގޮތުން، ދިވެހި ރަސްކަމުގެ ތާރީޚު ދުށް އެންމެ ފުރަތަމަ ކާމިޔާބު ބަޣާވާތުގެ މޭސްތިރި، ސާމިޔާ ފާށަނާ (ބައެއް ރިވާޔަތްތަކުގައި ސާމިޔާން ފާށަނާ) އަކީ ޢާއިޝާ ކަނބާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

މި ވާހަކަ އިތުރަށް ކުރިއަށްގެންދިއުމުގެ ކުރިން ކޮންމެވެސް ވަރަކަށް އަރާ އޮޅުމެއް ސާފުކޮށްލައިދޭނަމަވެ. މާފިލާފުށީ ޢާއިޝާ ކަނބާފާނާއި ޝަހީދު ޢަލިރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ ޢާއިޝާއާ މިއީ އެކެއް ނޫނެވެ. ކަނބާ ޢާއިޝާއަކީ ހިލާލީ ދަރިކޮޅުގެ ކަޅުމުޙައްމަދު ރަސްގެފާނާއި ބުރެކިރަނިންގެ ދަރިކަނބަލެކެވެ. ޢަލީ ރަސްގެފާނު ޝަހީދުކޮށްލި އިރު ތިއްބެވި އަނބިއަނބިކަނބަލުންގެ ތެރެއިން ތާރީޚުގައި ނަން އަރުޝީފުކުރެވިފައިވާ ހަމައެކަނި ބޭފުޅާއެވެ. މި ދެ ބޭކަނބަލުންނަކީ މާ ދުރު ނޫންކަމުގައިވިޔަސް ދެ ޖީލަކަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކަނބަލުންނެވެ. މާފިލާފުށީ ޢާއިޝާ ކަނބާފާނަކީ ނަޞަބުގެ ގޮތުން ބަލާއިރު ޝާހީ ޚާންދާނަކަށް އުފަން ބޭކަނބަލެއް ނޫނެވެ. އެހެންނަމަވެސް ޤުދުރަތީގޮތުން ލިބިވަޑައިގެންފައި ހުރި ރީތިކަމުގެ ސަބަބުން، ދާދި ޅަ ޢުމުރުގައި، ރަދުންގެ ސަމާލުކަން ލިބިވަޑައިގެންނެވި ބޭކަނބަލެކެވެ. މިއާއެކު އެކަމަނާ އާއި އެކަމަނާގެ ބޭބޭފުޅާއި މުޅި ޢާއިލާގެ ޤަދަރު އުފުލުނީއެވެ. އެ ޤަދަރާއި ނުފޫޒު ދެމެހެއްޓެވީ އެކަމަނާގެ ސިޔާސީ ޙިކުމަތުގެ ސަބަބުންކަމުގައި ދެންނެވޭނެ ޖާގަ ތާރީޚުގެ ފަތްފުއްތަކުން ލިބެއެވެ.

އެކަމަނާގެ ރީތިކަމުގެ ވާހަކަދެއްތޯއެވެ. އުތީމު ދަރިކޮޅުގެ ރަސްކަމުގެ ކޮއިލާއި އޭރުގެ ޝާހީ ދިރިއުޅުން ވަރަށް ރީތިކޮށް ސިފަކޮށްދެއްވައި މުޙައްމަދު އިސްމާޢިލް ދީދީ ލިޔުއްވާފައިވާ "ސާމިޔާ ފާށަނާ"ގައި ޢާއިޝާ ކަނބާ ސިފަކުރައްވާފައިވަނީ މިހެންނެވެ.

"އޭނާއަކީ ބަލިމަދު އައިބެއްނެތް ޅަނދޮޅު އަންހެންކުއްޖެކެވެ. ޢުމުރާބެލުމަށް ބޮޑުވަމުން އަންނަލެއް މާ އަވަހެވެ. މެދުމިނަށްވުރެ އިސްކޮޅުން ދިގު ގައިގެ ކުލަ ނުހަނުދޮން ހަންއޮމާން މޭމަތިއުސް ފަތިހަށި ބުމަގަދަ ބޮލުގެ އިސްތަށިގަނޑު ދިގު އަންހެންކުއްޖެކެވެ. ޤުދުރަތުގެ ފަރާތުން އަންހެންކުދިންނަށް ލިބޭ ނިސްވާނީ އިނާމުތައް އޭނާގެ ރޫޙަށާއި ހަށިގަނޑަށް ލިބެމުންދާލެއް މޮޅުކަމުން ޢައިޝާއަކީ ހުރިހާ މާނައެއްގައި ފުރިހަމަ ޖިންސުއްލަޠީފެކެވެ."

ކަލާފާނު ރަދުންގެ ޒަމާނުގައި ދިވެހިރާއްޖޭގައި އުޅުއްވި ޕިރާޑް ޑި ލަވާލްގެ ސަފަރުނާމާގައި ޢާއިޝާ ކަނބާ އާއި އެކަމަނާގެ ބޭބޭފުޅު ސިފަކުރައްވާފައިވަނީ މިއަށްވުރެ ކުރުވެފައި ސާދާކޮށެވެ.

"ހަމަ ފިސާރި ތެދެކޭ މި ބުނީ އެ ދެބޭފުޅުންގެ (ރަނިކަމަނާޔާއި އޭނާގެ އަޚު) ވިސްނުންފުޅާއި ހަށިކޮޅު އަހަރެމެންނާ މާ ތަފާތެއް ހުރި ކަމަކަށް މަށެއް ނުދެކެމެވެ. އެރަށުގައި އުޅޭ ބައެއް ފިރިހެނުންނާއި އަންހެނުން އަހަރެމެންހައި ދޮނެވެ. ނަމަވެސް ކުޑަކޮށް ޒައިތޫނިގެ ކުލަ ފާޅުވާނެއެވެ."

ކޮންމެއަކަސް މި ކަމަނާއަކީ ރަދުންގެ އިސް ރަނިކަމަނާއަށް ވެ ކޮލިލީ ހިސާބުން އެކަމަނާގެ ބޭބެ ސާމިޔާ ކަލޯއަށްވެސް ޝާހީ ޢާއިލާތަކުގެ ފިރިހެން ކުދިންނަށް ދޭންޖެހޭ ތަމްރީނުތަކާއި ތަރުބިއްޔަތުތައް ދޭން ފަށައިފިއެވެ. އެގޮތުން އޭނާ ގެންގޮސް ލީ ބަންޑާރަކޮށީ އެދުރުގެއަށެވެ. ބަންޑާރަކޮށީ އެދުރުގެއަށް ގެންގޮސް ހަވާލުކުރީ "ދެފައިން ލޮނުފިލުވައި މާލޭގައި އުޅެލެވޭ ވަރު" ކޮށްދިނުމަށް އިރުޝާދު ދީފައެވެ. ބަންޑާރަކޮށީ އެދުރުގެއިން "ދަސްވެނިވެގެން" ނިކުންނެވީ އޭރު ރާއްޖެ ނުދެކޭ ފަދަ، ހެވިކަމުގައި އަރާހުރި މީހެކެވެ. ސާމިޔާ ކަލޯ ސާމިޔާ ފާށަނާއަކަށް ހަދައި ކޮލި ލީކަމަށްވެސް ބައެއް ރިވާޔަތްތަކުގައިވަނީ، ރަސްގެފާނުގެ ދަރުބާރުގައި ބޭއްވި ބޮނޑިބަންދަނޑީގެ ހެވިކަމުގެ މުބާރާތެއްގައި އޭރު ރާއްޖޭގައި ހުރި އެންމެ މޮޅު މީހާއަށް ވުރެ ކުރި ހޯދީމައެވެ. ރަސްގެފާނުގެ ޅިޔަނެއްކަމަކު ކޮއްޔެއް ނުލާ ހުންނެވުމަށްފަހު ކޮލިލެއްވީ ފާށަނާކިލެގެކަމަށެވެ. މިއީ ދެވަނަ އަށް އެންމެ އިސް ކިލެގެއެވެ. އޭގެ މަތިން ހުންނާނީ ރަސްކިލެގެ އެކަންޏެވެ.

މިހާ ހިސާބުން ސާމިޔާކަލޯ ސާމިޔާ ފާށަނާއަކަށް ވެއްޖެއެވެ. އޭނާގެ އުއްމީދުތަކާއި ހުވަފެންތައްވެސް ތަޚުތާ ހަމައަށް ހިނގައްޖެއެވެ. ޕިރާޑު ލިޔުއްވާފައިވާ ގޮތުންނަމަ ސާމިޔާ ފާށަނާ ބޭނުންވީ ތަޚުތުގެ ވާރިސަކީ އޭނާކަން ކަށަވަރުކުރާށެވެ. ރަސްގެފާނުގެ ރުހުން އޭނާއަށް ލިބިވަޑައިގެންފައިވަނިކޮށް، ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ އިބްރާހިމްކަލާ (ކަޅުތުއްކަލާ؛ އަދި ފަހުން މުޙައްމަދު ޢިމާދުއްދީން ބޮޑުރަސްގެފާނު) އަށް ރަސްކިލެގެ ކޮލި ލުމުން، ސާމިޔާ ފާށަނާ އެކަމާ ހިތްހަމަނުޖެހިއްޖެއެވެ. ޕިރާޑު ވިދާޅުވާ ގޮތުން ސާމިޔާ ފާށަނާގެ ބާޣީ ޢަމަލުތައް ފެއްޓެވީ މި ހިސާބުންނެވެ. އަދި އެ ރޭވުންތައް ރޭއްވެވީ ކަލާފާނު ރަދުންގެ އިސް އަނބިކަނބަލުން އަދި ސާމިޔާ ފާށަނާގެ ކޮއްކޮ ޢާއިޝާ ކަނބާފާނުގެ ތާއީދާއެކުގައެވެ. މި ދެބެން ފުރަތަމަ މަސައްކަތްކުރިކަމަށްވަނީ ރަދުންނާއި އިބްރާހިމް ކަލާއާއި ދެ ބޭފުޅުންނަށް ސިހުރު ހެދުމަށެވެ. އެ ސިހުރުގައި ޖެހި ރަދުންނާއި ވަލީއަހުދު އާލާސްކަންފުޅާވެ އެނދުމަތިކުރަންވެސް ޖެހުނެވެ. އެހެންނަމަވެސް މޮޅެތި ކަންވެރިންގެ އެހީއާއެކު އެކަމުން ސަލާމަތްވެވަޑައިގެން އޭގެ މުގުލުގައި ތިއްބެވީ މި ދެބެންކަން އެނގިވަޑައިގަތުމުން، ކޯފާ އިސްކުރައްވާ އެކަން ހާމަކުރައްވަމުން ގެންދެވިއެވެ.

ރަސްގެފާނުގެ ރުޅިވެރިކަންވީ ރަސްގެފާނާ ދެކޮޅަށް ނިކުތުމަށް މި ދެބެންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ޢާއިޝާ ކަނބާ ގަސްދުކުރެއްވީ އެކަމަނާގެ މިލްކިއްޔާތުގައި ހުރި ފައިސާ އާއި ގަހަނާ ހިއްޕަވައިގެން ބޭބެއާއެކު ފިއްލަވައިގެން އެހެން ރަށަކަށް ވަޑައިގަތުމަށެވެ. މިކަމަށް މި ދެބޭން އިތުރު ބައިވެރިންވެސް ހޯދިއެވެ. އެއީ ރަދުންނާ ދެކޮޅުވެރިކަމެއް ހިތުގައި ބާއްވައިގެން ހުންނަ މީހެއްކަމުގައިވާ ކާސިންތަކުރާއި ބޭރުގެ އެދުރުކަލޭފާނެވެ. ސާމިޔާ ފާށަނާ ކާސިންތަކުރުގެ ތާއީދު ހޯއްދެވީ މިހުރިހައި ކަމެއް ނިމުމަށްފަހު ޢާއިޝާ ކަނބާއާ ކައިވެނިކޮށްދޭނޭކަމަށް ވިދާޅުވެގެންނެވެ. އަދި ބޭރުގެ އެދުރުކަލޭފާނާ ކައިވެނިކޮށްދޭނޭކަމަށް ވިދާޅުވީ ސާމިޔާ ފާށަނާގެ އަނެއް ކޮއްކޯފުޅެވެ. ކޮންމެއަކަސް މި ކަންކަމަށް ރުހި، މިދެބެއިންނާއެކު މާފިލާފުއްޓަށް ދާ ދަތުރުގައި ބައިވެރިކުރާނޭ ޒުވާން ހަނގުބޭކަލުންގެ 13 މީހުންވެސް މި މީހުން ހޯދިއެވެ. އެހެންނަމަވެސް މި ތަނުން އެއް ހަނގުބޭކަލަކު ރަދުންނަށް މި ޚަބަރު ގެންގޮސްދެއްވައިފިއެވެ. މިރޭވުން ފޭލިވީ މި ސަބަބާހުރެއެވެ.

އެހެންނަމަވެސް މި ބޮޑު ބަޣާވާތް ހިންގަން ރާވައި، ޢަމަލީ ސިފަ ގެންނަމުންދަނިކޮށް މި ދެބެން އަތުލައިގަނެވުމުންވެސް، ދެވުނު މާ ބޮޑު އަދަބެއް ނެތެވެ. އެދެބެންނަށް ލިބުނުހާވެސް އަދަބަކީ "ރަސްގެފާނުގެ ކޯފާ" ކަމަށް ޕިރާޑު ލިޔުއްވިއެވެ. އަދި ހައެއްކަ މަސްދުވަސް ފަހުން އެއްކޮށް މަޢާފުދީ ސާމިޔާ ކަލޯއަށް އަނެއްކާވެސް ފާށަނާކަން ދީ، ކޮއިލު ތެރެއަށް ވެއްދެވިކަމަށް ޕިރާޑު ވިދާޅުވެއެވެ.

ކަލާފާނު ރަދުންގެ ޝަޚްޞިއްޔަތާމެދު ލިޔުއްވާފައިވާ ބޭފުޅުންގެ ތެރެއިން ޕިރާޑާއި މުޙައްމަދު އިބްރާހިމް ލުޠުފީއަކީ، ތަފާތު ރަޢުޔެއް ގެންގުޅުއްވި ދެ މުވައްރިޚުންނެވެ. އެހެންނަމަވެސް ޢާއިޝާ ކަނބާފާނުގެ ކުރިފުޅުމަތީ ކަލާފާނު ރަދުންނަށް ފުރިހަމަ ބާރު ނުދެއްކޭކަން މިއީ އެ ދެބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވާ ކަމެކެވެ. "އުތީމު ދަރިކޮޅުގެ ރަސްކަން" މި ފޮތުގައި މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވާފައިވެއެވެ.

"ކަލާފާނުގެ ރަސްކަމާ ދެކޮޅަށް، އެ ރަދުންގެ ޅިޔަނު "ސާމިޔާފާށިނާ" ފެއްޓެވި ބަޣާވާތުގައި ރަދުންގެ އެންމެ ލޯބިފުޅުވާ "ޢައްޔާޝީ އަނބިކަނބަލުން" ކަނބާ ޢާއިޝާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިކަން ސާބިތުވަމުންދިޔައިރުވެސް އެކަމާ ދެކޮޅަށް ފިޔަވަޅެއް ނޭޅުއްވުނު ކަމީ ކަލާފާނަށް ކެރިވަޑައިގަތުން ލިބިފައިނުވާކަމުގެ ހެއްކެކެވެ".

ޕިރާޑު އެ ޙާލަތު ސިފަކުރައްވާފައިވަނީ މިއަށްވުރެވެސް ތިލަ ޢިބާރާތުންނެވެ.

"މާލެއިން ސިއްރިއްޔާތުން ފިލައިގެން ދާން އުޅުނު މީހުންނަށް އަދަބު ދެއްވުމަށްފަހު، އަނބިކަމަނާދެކެވެސް ވަރަށް ކޯފާ އިސްވިއެވެ. އެކަމަނާ، މިކަމުގެ ޖަވާބުދެއްވީ ރަދުންނާ ވާހަކަފުޅު ނުދެއްކެވުމުންނެވެ. އެއަށްފަހު ރަސްގެފާނު އިސްވެ ކޯފާދޫކުރައްވާ މައިތިރިވެވަޑައިގެންފިއެވެ."

މާފިލާފުށީ ދެބެންނަށް މަޢާފު ލިބި އިހުތިބި ޢިއްޒަތް އަލުން ލިބުނުނަމަވެސް، ސާމިޔާ ފާށަނާ ދުލެއް ނުކުރެއްވިއެވެ. ތާރީޅު ހެކިދޭގޮތުން އުތީމު ދަރިކޮޅުގެ ވެރިކަމުގެ ދެ ރަސްކަލަކާއި އެއް ރަނިކަނބަލެއްކަމަށްވާ އައްސުލްޠާނާ ކަޅު ކަމަނާފާނާއި އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނާއި، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ)އިގެ ދައުރުގައިވެސް ސާމިޔާ ފާށަނާ ބާޣީ ދައުލަތެއް ހަދައިގެން މާފިލާފުށީގައި "މާފިލާފުށީ ރަސްކަން" ހަދައިގެން ހަތްކޮޅުގައި ހިނގައި، ވާރު އަތުލާ، މި ހުރިހާ ކަމެއް ކުރިއެވެ. މި ދެންނެވި ތިން ރަސްކަލުން، ކަލާފާނު ރަދުން، ފާމުލަދޭރި ކިލެގެފާނު އަދި ޢިމާދުއްދީން ރަދުންވެސް ސާމިޔާ ފާށިނާގެ ކޮއްކޯފުޅު ޢާއިޝާ ކަނބާއާ ކައިވެނިބައްލަވައިގެން ދަރިންވެސް ލިބިވަޑައިގަތެވެ.

"ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން" މި ފޮތުގައި މުވައްރިޚު ނަސީމާ މުޙައްމަދު ބުރަވެވަޑައިގަންނަވަނީ ސާމިޔާންކަލޯގެ ކޮލީނަންކަމަށް ލިޔެވިފައި އޮންނަ "ސާމިޔާ ފާށަނާ" އެނަމަކީވެސް މާފިލާފުށީ ރަސްކަން އުފެއްދެވުމަށްފަހު ކިޔަންފެއްޓީ ނަމެއްކަމުގައެވެ. ސަބަބެއްކަމަށް ނަސީމާ ދައްކަވަނީ ޕިރާޑުގެ ލިޔެކިޔުންތަކުގައި ސާމިޔާން ކަލޯއަށް ނިސްބަތްކުރެއްވުމުގައި "ސާމިޔާން ފާށަނާ ކިލެގެއޭ" ކިޔާފައި ނުވާކަމެވެ.

އެންމެ ފަހުން މި ސާމިޔާ ފާށަނާގެ ކަންތައްތައް ނިމުމަކަށް ގެންނެވީ ޢިމާދުއްދީން ރަދުންނެވެ. އަޅުގަނޑުމެން ދަންނަ ބޮޑުރަސްގެފާނެވެ. ބޮޑުރަސްގެފާނު އެމަނިކުފާނުގެ ޅިޔަންމަނިކުފާނަށް ދެއްވި އަދަބަކީ ފުވައްމުލަކަށް އަރުވައިލުމެވެ. ފުވައްމުލަކުގެ "ރަސްގެފަންނު" މިއީ އެ ކިލެގެ ހުންނެވި ތަން ކަމަށް ބުނެވެއެވެ. ބޮޑުރަސްގެފާނުގެ ދައުރާއި އޭގެ ކުރީ ދެ ދައުރުގައި ސާމިޔާން ފާށަނާ ހިންގި ވަކި ވެރިކަމާއި އެ ބަޣާވާތުގައި ޢާއިޝާ ކަނބާގެ އަތްޕުޅެއް ވޭތޯ ނުވަތަ ނޫންތޯ ތާރީޚު ފޮތްތަކުން ސާފުވާކަށް ނެތެވެ. އެހެންނަމަވެސް ސާފުވާ ކަމަކީ، ބޮޑުރަސްގެފާނަށްފަހު ވެރިކަން ވާރުތަވީ އެކަމަނާ އަދި ބޮޑުރަސްގެފާނުގެ ދަރިކަލުން އައްސުލްޠާން އިބްރާހިމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށްކަމެވެ.

ހިތާމަޔާއެކު ދަންނަވަމެވެ. ތާރީޚަކީ ނަޞްރުލިބޭ ބަޔަކު ޢިމުލާކުރާގޮތަކަށް ލިޔެވޭ އެއްޗެކޭ ބުނެއުޅެއެވެ. އެ ޒަމާނަކީ މުޅި ދުނިޔޭގެ ތާރީޚުގައިވެސް މަދު ޙާލަތެއްގައި މެނުވީ ތާރީޚުގެ ޞަފުޙާތަކުން އަންހެނުންގެ ނަން ފެންނަ ޒަމާނެއް ނޫނެވެ. ފެނުނަސް ގިނައިން ލިޔެފައި އޮންނަނީ ކޮންމެވެސް ނާއީޖާބީ ކަމަކާ ގުޅުވައިގެންނެވެ. ދަންނަވަން މި އުޅޭ ވާހަކައަކީ، ޢާއިޝާ ކަނބާގެ ވާހަކަވެސް އަޅުގަނޑުމެން މި ހޯދަން ޖެހެނީ އުތީމު ދަރިކޮޅުގެ އެހެން ރަދުންގެ ވާހަކައިގެ ދެފޮޅުވަތް ދޭތެރެއިން ކަމެވެ.

މި ކަމަނާއަކީ ސުލްޠާނެއް ނުވަތަ ސުލްޠާނާއަކަށް ނުވި ނަމަވެސް، ހަމަ ގައިމުވެސް އެ ދަރިކޮޅުގެ ވެރިކަމުގައި ނުފޫޒު ހިންގި ބާރުގަދަ ސިޔާސީ ލީޑަރެއްކަން، މި މަދު މަޢުލޫމާތުންވެސް އެބަ ސާފުވެއެވެ. އުތީމު ދަރިކޮޅުގައި ތަޚުތުގައި ތިއްބެވި އަށް ބޭފުޅުންކުރެ އެއް ރަސްކަލެއްގެ މަންމާފުޅެވެ. ތިން ރަސްކަލެއްގެ އަނބިކަނބަލެކެވެ. ތިން ދައުރަކަށް ދެމިގެންދިޔަ ބަޣާވާތެއްގެ އިސް ލީޑަރުގެ ކޮއްކޯފުޅެވެ. ސިޔާސީ ނުފޫޒު އޮންނާނީ މިހާކަންހާވަރަށް ދެއްތޯއެވެ؟ މި ކަމަނާގެ ޙަޔާތުން ތާރީޚުގެ ސަފުޙާތަކަށް ތިލަ ނުވެ ހުރިނަމަވެސް، ދިވެހި ސިޔާސީ ތާރީޚަށް މުހިއްމު އެތައް ކަމެއް ހިނގާފައިވާނޭކަމަށް އަޅުގަނޑަށް ޔަޤީންކުރެވެއެވެ. މިއީ ހަވާސާކޮށްލާފައި ދޫކޮށްލާވަރު ޝަޚްޞިއްޔަތެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ދޭނީ ވަކި ސުރުޚީއެކެވެ. ބޮޑުއަކުރު އަޅައި ދަށުރޮނގުވެސް ދަމާފައެވެ.